ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިމްލާ މައްސަލައިގައި ގޮތެއް ކަނޑައަޅާނީ ޝަރުއީ ކޯޓަކުން ގޮތެއް ކަނޑައެޅުމުން: ނަޝީދު

ވިމްލާ މައްސަލައިގައި ގޮތެއް ކަނޑައަޅާނީ ޝަރުއީ ކޯޓަކުން ގޮތެއް ކަނޑައެޅުމުން: ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުނާމީ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ގެދޮރު އިމާރާތްކުރުމުގެ މަސައްކަތާ ހަވާލުވި ވިމްލާ ކޮންސްޓްރަކްޝަނަށް 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހުނު މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރި ރިޕޯޓަށް ވޯޓަށް ނާހައި، މަޖިލީސް ޖަލްސާ ނިންމާލައިފިއެވެ.

ވިމްލާ އަށް ބަދަލުގެ ގޮތުގައި ދޭން 2016 ގައި ސިވިލް ކޯޓުން ހުކުމް ކުރީ ސުނާމީގައި ގެދޮރު ގެއްލުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުގެ ހަރަދުގައި އަޅައިދިން ގެތަކުގެ ތެރެއިން ގއ. އަތޮޅުގެ ތިން ރަށެއްގައި އެޅި ގެތަކަކަށް އެ ކުންފުނިން ކުރި މަސައްކަތަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުން ނުދެއްކުމުންނެވެ. އެ މަޝްރޫއުގެ ދަށުން ގއ. މާމެންދު އާއި ދާންދޫގެ އިތުރުން ނިލަންދޫގައި ވިމްލާ އިން 298 ގެ އެޅި ނަމަވެސް ގެތަކުގެ ފެންވަރު ދަށް ކަމަށްވެ އެވެ.

ވިމްލާ އަށް ބަދަލު ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ގެއްލުމުގެ ބަދަލާ އެކު އެ ކުންފުނިން ނަގައިދޭން އެދޭ އަދަދު 89 މިލިއަން ރުފިޔާ އަށް އަރަ އެވެ.

މައްސަލައާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، ހައި ކޯޓުން މިކަމާ މެދުގައި ގޮތެއް ނިންމުމުގެ ކުރިން މަޖިލިހުގެ ކޮމިޓީއަކުން އެ މައްސަލައިގައި އެއްޗެއް ބުނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ. އަދި ކޯޓުގައި ހިނގަމުން އަންނަ ކަމަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބަސް ބުނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ކަމުން، ރިޕޯޓާއި މެދު ގޮތެއް ނިންމުން ފަސް ކުރާކަމަށް ރައީސް ނަޝީދު ޖަލްސާގައި އިއުލާނު ކުރެއްވިއެވެ.

ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން ވިމްލާ އަށް ހުށަހަޅާފައިވާ ބިލްތަކަށްވާ 78 މިލިއަން ރުފިޔާ އަކީ އެ ކުންފުންޏަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއެއް ނޫނެވެ. އަދި މަޝްރޫއު ލަސްވުމުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. މަޝްރޫއުގެ ސަބަބުން ލިބެންޖެހޭ ފައިސާތަކެއް ހުރިއިރު އެ ފައިސާތައް ހޯދުމަށް ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

ސުނާމީގެ ގެތައް ހެދުމަށް 2008 ގައި ވިމްލާއާ ހަވާލުކުރީ 14 މަސް ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި މަސައްކަތް ނިންމުން ލަސްވެގެން ގޮސް އޭގެ ތެރެއިން ބައެއް ގެތަކުގެ މަސައްކަތް އެންމެ ފަހުން ނިންމީ ސިފައިންނެވެ.

ސުނާމީ ކާރިސާގައި ގއ. އަތޮޅުގެ ރަށްތަކުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދާ ދިނުމަށް އެ އަތޮޅުގެ ހަތަރު ރަށެއްގައި ހައުސިން އެޅުމަށް ކުންފުންނާއި ހަވާލުކުރި މަޝްރޫއުގެ މަސައްކަތްތަކާއި ގުޅިގެން އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަށްކަމަށް ބުނެ އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުން ހައްލުކުރުމަށް އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

މައްސަލައާއި ގުޅިގެން ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ، އޮޑިޓާ ޖެނެރަލްގެ ރިޕޯޓަށް ރިޔާއަތް ނުކޮށް މައްސަލައާއި ގުޅޭ ވަކި ގޮތެއް ނިންމައިފިނަމަ ދައުލަތަށް އަނެއްކާވެސް އިތުރު ގެއްލުމެއް ތަހައްމަލް ކުރަންޖެހިދާނެ ކަމަށެވެ. އަދި އެކަމާ ކަންބޮޑުވުން ފާޅުކޮށް ކޮމިޓީއަށް ސިޓީއެއް ލިބިފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ވިމްލާ އާއި ގުޅޭގޮތުން ކުރެވިފައިވާ ތުހުމަތުތަކާއި ގުޅޭގޮތުން ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ މައްސަލައިގައި ވިމްލާގެ އެއްވެސް މައްސަލައެއް ބަލާނަމަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފާހަގަވާކަންތައް ހިއްސާކުރުމަށް ކޮމިޝަނުން ވަނީ އެދިފައެވެ. އަދި އެކަމާއި ގުޅޭ ސިޓީއެއް ލިބިފައިވާކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: