ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުމެއް ނެތި ޖަލު ބަންދުގައި ގިނަ އަހަރުތަކެއް: ޝަމީމް ވިދާޅުވީ މަގާމަށް އާދެވިއްޖެ ނަމަ ހައްލު ގެންނަވާނެ ކަމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރީއަތް ނިމެންދެން ނުވަތަ ތަހަގީގު މަރުހަލާގައި ބަންދުކޮށް ”ވާނުވާ ގައި“ ތިބޭ މީހުން ބަންދުކޮށްފައި ތިބީ ރަނގަޅަށްތޯ ބެލުމާއި، އެމީހުންގެ ހާލު ބެލުން ފަދަ ކަންކަން ކުރުމަކީ ގާނޫނުން ޕްރޮސެކިއުޓާރ ޖެނެރަލަށް މަތިކޮށްފައި އޮންނަ ޒިންމާއެއް ކަމަށް އެ މަގާމަށް ކުރިމަތި ލައްވާފައިވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޖަލުތަކާއި މީހުން ބަންދުކުރާ އެހެން ބައެއް ތަންތަނުގައި ގިނަ މައްސަލަތަކެއް ހުންނަ ކަމުގެ ޝަކުވާތައް ވަރަށް ގިނައެވެ. ގައިދީންނާއި، މުއްދަތު ޖަހަމީހުން މާފުށީ ޖަލުގައި ބަންދުކުރާއިރު މާފުށީ ޖަލުގައި 655 މީހުންގެ ޖާގައިގެ ގޮޅިތަކަށް 969 މީހުން ވަނީ ލާފައެވެ. ހުކުމެއް ނެތި ޖަލުގައި އެތައް އަހަރެއް ވަންދެން ގައިދީންނަށް އިންސާފު ނުލިބި މަޑުޖެހިފައި އޮތުމަކީ އާ ވާހަކައެއް ނޫނެވެ. އަދިތަފާތު އެކި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށް ކަރެކްޝަނަލް ސާވިސްގެ ބެލުމުގައި ދަށުގައި އެތައް ބަޔަކު ތިބިއިރު އެއްވެސް ހުކުމެއް ނެތި ޖަލުގައި ބައެއް މީހުން ތިބޭތާ އަހަރުތަކެއް ވަނީ ވެފައެވެ.

ރިމާންޑް ޖަލުގައި މިގޮތަށް ތިބި އެތައް ބައެއްގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައި ވިޔަސް ހައްލު ނުލިބޭ މައްސަލައިގައި ކަރެކްޝަނަލް ސާވިސް އިން ވެސް ކަންބޮޑުވުން ފާޅުކުރިއެވެ. މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރާ މީހާ ނުވަތަ ޝަރީއަތް ކުރިޔަށް ދާ މީހާއަށް މުއްދަތް ޖެހުމުގެ މަޖިލީހުގައި އެމީހާގެ ޝަރީއަތް އެކީ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕީޖީއަށް ލިބިގެން ވެއެވެ.

ހުސްވެފައިވާ ޕީޖީގެ މަގާމަށް ކުރިމަތިލައްވާފައިވާ ޝަމީމް ވިދާޅުވީ އޭނާއަށް މަގާމު ލިބިއްޖެނަމަ ކުށުގެ ތުހުމަތުކުރެވޭ މީހުންނަށް ވަކި މުއްދަތެއް ނެތި ބަންދުކުރާ މައްސަލަ ނުވަތަ ”ވާނުވާ ޖެހުމަށް“ ހައްލެއް ހޯއްދަވާނެ ކަމަށެވެ.

މިފަދަ އަމުރުތަކުގެ ދަށުން އެކި ކުށްކުށުގައި ދިގު މުއްދަތަށް މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބެންޖެހޭ މައްސަލަ ބޮޑުވެފައި އޮތް އިރު، ޕްރޮސެކިއުޓަރ ޖެނެރަލްކަމަށް ކުރިމަތިލެއްވި ގާނޫނީ ވަކީލު ހުސައިން ޝަމީމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ކުރިއަށް ގެންދިޔަ އިންޓަވިއުގައި މެމްބަރުން ވަނީ މިކަމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.

ނުނިމިހުރި ގާތްގަނޑަކަށް ދެ ހާހެއްހާ މައްސަލައިގެ ތެރެއިން ނުނިމި 10 އަހަރާއި 12 އަހަރުވެފައިވާ މައްސަލަތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ވެސް ކުރިޔަށް ނުގޮސް 5 އަހަރު ވެފައިވާ 126 މައްސަލައެއް ފާހަގަކޮށް ދާދިފަހުން ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ވަނީ ބަޔާނެއް ނެރެފައެވެ. ޝަރީއަތް ނިމެންދެން ބަންދުގައި މީހުން ތިބުމަށްފަހު، ކުށް ސާބިތުނުވާކަމަށް ވެސް އޭގެ އަހަރުތަކެއް ފަހުން ކަނޑައަޅައެވެ. ނުވަތަ، އޭނާ ބަންދުގައި ބެހެއްޓި މުއްދަތަަށް ވުރެ އެތައް ކުރު މުއްދަތަކަށް ހުކުމް އަންނަ ފަހަރު އާދެއެވެ. ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ޝަމީމް އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ސުވާލުކޮށްފައިވާއިރު މެމްބަރުން ވަނީ ހުކުމެއް ނެތި ބަންދުގައި ބަހައްޓާ މައްސަލައާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، ޝަމީމް ވިދާޅުވީ ”ވާނުވާ ބަންދު“ ގައި މީހުން ތިބުމަކީ އޭނާ އަބަދުވެސް ކަންބޮޑުވުން ފާޅު ކުރައްވާ މައްސަލައެއް ކަމަށެވެ. އަދި ވާނުވާގެ މައްސަލަތައް ހައްލު ކުރުމަކީ، މަގާމު ލިބިއްޖެނަމަ ހައްލު ކުރުމަށް އެންމެ ބޮޑަށް ބޭނުންވާ އެއް މައްސަލަކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ، ބަންދުން މީހާ ދޫކޮށްލުމަށް ގޮވާލުމަކީ، ނުވަތަ މުއްދަތެއް ނެއްގޮތަށް ބަންދުގައި ބަހައްޓާ މީހާއަށް ދެ ގޮތަކުން ވާހަކަ ދެކެވިދާނެ ކަމަށެވެ. ބޮޑެތި ކުށްވެރިން ބަންދުން ދޫކުރާކަށް ނުޖެހޭކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ މަރުގެ މައްސަލަތަކުގައި ތުހުމުވާ މީހާ ދޫކޮށްފައި ހުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެހެން ނަމަވެސް މަސްތުވާތަކެތީގެ ކުޑަ މައްސަލައެއްގައި ހަތަރު، ފަސް އަހަރުވަންދެން އޭނާ ބަންދުގައި ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އޭނާ ގަބޫލެއް ނުކުރާ ކަމަށެވެ

ޝަމީމް ވަނީ، ބަންދުގައި ތިބޭ މީހުންގެ ކަންކަން ބެލުމަކީ ޕީޖީގެ ޒިންމާއެއް ނަމަވެސް މީގެ ކުރިން އެކަން ބެލިފައިވާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް، މިއީ އެއް ދުވަސް، ނުވަތަ ދެ ދުވަހަކުން ހާސިލްވާނެ ކަމެއް ނޫންކަން ގަަބޫކު ކުރައްވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ޖުޑީޝިއަލް ސާވިސް ކޮމިޝަނުން އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކްރިމިނަލް ކޯޓްގައި 1910 މައްސަލައެއް ނުނިމި ވަނީ ދިގުލައިގެން ގޮސްފައެެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވަނީ އެ މައްސަލައިގައި ކަމާއި ބެހޭ އިދާރާތްތަކުން އަވަސް ހައްލެއް ހޯއްދަވައި ދެއްވަން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި މުނާޒް ވަނީ ބަންދުގެ މުއްދަތެއް ނެތި ޖަލުގައި ބަންދުކޮށްފައިވާ މީހުންގެ ލިސްޓެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފައިވާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ހުކުމެއް ނެތި ގިނަ އަދަދެއްގެ ބަޔަކު ބަންދުކޮށްފައި ތިބި މައްސަލައިގައި، ޖުޑިޝަރީ ކޮމިޓީން ދާދިފަހުން ޕްރޮސިކިއުޓަ ޖެނެރަލް ކަމުން އިސްތިއުފާ ދެއްވި އައިޝަތު ބިޝާމްއާއި ވެސް ސުވާލު ކުރިއެވެ. ބިޝާމް ވިދާޅުވެފައިވާ ގޮތުން އޭނާ ވަނެ ޝަރީއަތްތައް ކުރިޔަށް ނުދާތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 5 ވަނަ ހަފްތާ އާއި ހަމައަށް 120 ސިޓީއެއް ހުށަހަޅާފައިވާނެ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: