ރައްޔިތުންގެ އަތުން މިހާރުވެސް އެތައް ޓެކްސްއެއް ނަގާކަމަށާ، އެ ޓެކްސްއަށް ވާގޮތް ނޭނގޭ އިރު އިތުރު ޓެކްސްއެއް ނެގުމާއި ދެކޮޅު ކަމަށް، ޑީއާރްޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިފަދައިން ވިދާޅުވީ އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި ގުޅޭގޮތުން ބަހުސް ކުރަން ލިބުނު ފުރުސަތުގައި ވާހަކަދައްކަވަމުންނެވެ. ޖާބިރު ވިދާޅުވީ ދިވެހިރައްޔިތުން އަތުން ބޮޑެތި އަދަދުތަކުން ޓެކުސް ނެގުމުގެ ސަބަބުން އެމީހުން ތިބީ ވަރަށް ދަތި ޙާލުގައި ކަމުގައެވެ. ހަމައެހެންމެ ކާށިދޫ ދާއިރާގައި ވައިގެ ބަނދަރެއް ނެތުމުން އެދާއިރާގެ ރައްޔިތުން ތިބީ ވަރަށް ނިކަމެތިވެފައި ކަމަށް ޖާބިރު ވިދާޅުވިއެވެ.
އިތުރަށް ޖާބިރު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ލަފާކޮށްފައިވާ އަދަދުތަކަކީ ދިމާވާ އަދަދުތަކެއްވެސް ނޫންކަމަށެވެ. ރާއްޖޭގެ ޝަރުޢީ ދާއިރާ މިޙާރު އިސްލާހުވަމުންދާ ކަމަށާ، ރާއްޖޭގެ މާލީ ދާއިރާ އިޞްލާޙުކުރަން ޖެހޭ ކަމުގައިވެސް ޖާބިރު ވިދާޅުވިއެވެ.
ތަހުޒީބު ޤައުމުތަކުގައި ޓެކުސް ނަގަނީ އެކަމަށް ހަރުދަނާ ނިޒާމުތަކެއް ހަދާފައި ކަމުގައިވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޓެކުސް ފައިސާ ބޭނުންކުރެވޭނީ އެންމެ ރަނގަޅަށް ނޫންކަން ފެންނަން އެބަ އޮތް ކަމުގައިވެސް ޖާބިރު ވިދާޅުވިއެވެ. އަދި ކަނޑުއަޑީގައި ކެސީނޯއެއް އެޅުމުން ޓެކުސް ނުނަގާވެސް ރާއްޖެ ހިންގިދާނެ ކަމުގައިވެސް ޖާބިރު ވިދާޅުވިއެވެ.
ރާއްޖޭގައި ހުރި އާމްދަނީ ހޯދޭނެ ވަސީލަތްތައް ބޭނުންކުރަން ޖެހޭ ކަމަށާ، މީހުން އަތުން ޓެކުސް ނުނަގައިވެސް ގައުމު ހިންގޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރުގެ އިތުރުންއެ ބިލަށް ވާހަކަދެއްކި ބައެއް މެމްބަރުންވަނީ ބިލް އޮތްގޮތުން މެދުފަންތީގެ ވިޔަފާރިވެރިންނަސް ގެއްލުންވެދާނެ ކަމުގެ ބިރު އޮތްކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ބިލް އޮތްގޮތުން ޑަބަލް ޓެކްސް ނެގުމުގެ ފުރުސަތު އޮތްކަމަށް ބުނެ މެމްބަރުން އެކަމާއި މެދުވެސް ކަންބޮޑުވުން ފާޅުކުރިއެވެ.
ފަރުދުންގެ އާމްދަނީގެ ޓެކްސް ނެގުމުގެ އެބިލްގައި ވާގޮތުން، މަހަކު 60،000ރ މަތީގެ އާމްދަނީއެއް ލިބޭ ފަރާތްތައް ޓެކްސް ދައްކަން ޖެހޭނެއެވެ. އެބިލްގައި ކުރިން އޮތީ، 40،000ރ އިން މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނެގުމަށް ހިމަނާފައެެވެ. އެހެންނަމަވެސް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ޓެކްސް ނެގޭ ޕަސެންޓޭޖްތައް މަތިކޮށް، ގިންތިތަކަށް ބަދަލުތަކެއް ވެސް ވަނީ ގެނެސްފަ އެވެ. އެކޮމެޓީން އެބިލް ދިރާސާކުރުމަށްފަހު ވަނީ ފާސްކޮށްފަ އެވެ.އިންކަމް ޓެކްސް ނަގަން ފަށާނީ އަންނަ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ނެވެ.
އިންކަމް ޓެކްސް ނެގުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއްކަމަށް ވާއިރު، ޓެކްސް ނެގުމާއި މެދު މެމްބަރުންގެ ޚިޔާލް ތަފާތެވެ. މި އަހަރު ބޭއްވި މަޖިލީހުގެ އިންތިހާބާއި ދިމާކޮށް އާންމު ކުރި އެމްޑީޕީގެ ”އެޖެންޑާ 19“ ގެ ސިޔާސަތުގެ ދަށުން އިންކަމް ޓެކްސް ނަގާނީ މަހަކު 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން ކަމަށް ބަޔާންކުރިއެވެ. އެހެންނަމަވެސް މުޅި މަޖިލިހުގެ ކޮމިޓީން ނިންމީ މަހެއްގެ މައްޗަށް 60،000ރ. އާއި 100،000ރ. ރުފިޔާއާ އާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަަނީގެ 5.5 ޕަސެންޓު ކަމަށެވެ.

