ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ނިޒާމަކަށް ތާއީދެއް ނެތް، ބަރުލަމާނީއެއްގައި އަޅުގަނޑު ވާނީ ބޮޑު ވަޒީރަށް: ރައީސް ނަޝީދު

ފޮޓޯ- މަޖިލީސް މީޑިއާ / ރިޔާސީ ނިޒާމަކަށް ތާއީދެއް ނުކުރަން، ބަރުލަމާނީއެއްގައި ވާނީ ބޮޑު ވަޒީރަކަށް: ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް އިރެއްގައި، ރިޔާސީ ނިޒާމަށް ތާއީދުކޮށް އެ ނިޒާމާއިމެދު މާ ގާތްކަމެއް ގެންގުޅެފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިންތިޒާމްކޮށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ބޭއްވި ”އާސްކް ސްޕީކާ“ ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނީ އެއްވެސް އިރެއްގައި ރިޔާސީ ނިޒާމަކަށް ތާއީދުކޮށް އުޅުނު މީހެއް ނޫން ކަމަށެވެ. އަދި މުޖްތަމައުއެއްގެ ހަމެޖެހުން ގެނެސް، ގައުމެއް ހިންގުމަށް އެންމެ ރަނގަޅު ނިޒާމަކީ އެއީ ކަމުގައި ވެސް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުމާއި ދިމާކޮށް، ބޭއްވި އެ ސުވާލު ސެޝަންގައި އާއްމުންގެ ފަރާތަކުން ވަނީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހްއަށް ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމުގެ ފުރުސަތު ދެއްވާނީ ތޯ، ނުވަތަ ރައީސް ނަޝީދު އެމްޑީޕީގެ ޓިކެޓުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނީތޯ ސުވާލު ކުރައްވާފައެވެ. ކުރުގޮތަކަށް ޖަވާބު ދެއްވާ ރައީސް ނަޝީދު ވިދާޅުވީ ”އެހާ ބާރަށް“ ގޮސް ރިިޔާސީ އިންތިހާބަކަށް ކުރިމަތިލުމަށް ހިތަށް އަރާވަޑައިނުގަންނަވާކަމަށެވެ.

ރައްޔިތުންގެ މަޖިލިހާއި ޕީއެސްއެމް ގުޅިގެން ބޭއްވި ”އާސްކް ސްޕީކަ“ ޕްރޮގްރާމް

”އެހެން ނަމަވެސް، އަޅުގަނޑުގެ އުމުރެއް ވެސް މަދެއް ނޫން. އަޅުގަނޑު ސިޔާސީ ކަންތަކުން ވެސް ދުރަށް ޖެހޭކަށް ވެސް ގަސްތެއް ނުކުރަން. ދެން ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި މެދު، އަޅުގަނޑު އަދެއް ނުއެއް ވިސްނަން. އަޅުގަނޑަށް ފެންނަގޮތުގައި މިހާރު ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ.“ ރައީސް ނަޝީދު 

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި ރައީސް ސޯލިހާއި އެކު ގިނަ މަސައްކަތްތަކެއް ކުރެެވޭ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް އެ މަސައްކަތްތައް ކުރިޔަށް ގެންދާނީ ދެ ބޭފުޅުން އެކުގައި ކަމަށެވެ.

ރިޔާސީ އިންތިހާބަށް ވާދަ ކުރެއްވުމާއި ގުޅޭގޮތުން، ރައީސް ނަޝީދު ސީދާ ޖަވާބެއް ދެއްވާފައި ނުވާތީ ޕްރެޒެންޓަރު ވެސް ވަނީ އެ މަނިކުފާނުގެ ވާހަކައިގައި އެ ވިދާޅުވީ ”އިންތިހާބަށް ރައީސް ސޯލިހްއަށް ތާއީދު ކުރައްވާނީތޯ“ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް، ރައީސް ސޯލިހްއަށް ތާއީދު ކުރައްވާނެ ކަމަށެވެ. އަދި އެއާއި އެއްގޮތަށް ރައީސް ސޯލިހް ހަމަ އެމަނިކުފާނަށް ތާއީދު ކުރައްވާނެ ކަމަށެވެ.

ރިިޔާސީ އިންތިހާބުގައި ވާދަ ކުރާނީ ރައީސް ސޯލިހްތޯ، ނުވަތަ ރައީސް ނަޝީދުތޯ އަދި ނޭނގުނަސް ދެ ބޭފުޅުން އެއްބަސްވާ ކަމަކަށް އަމަލު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަމަށް ހިތުގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

”ސުވާލަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ދެ މީހުންގެ ތެރެއިން ކާކުތޯ ކުރިމަތިލާނީ އަދި އަޅުގަނޑުމެން ކިހިނެއްތޯ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރާނީ. ހަމަ ގައިމު ވެސް އަޅުގަނޑުމެން ދެ މީހުން އެއްބަސްވާ ކަމެއް ކުރާނަން. އޭގައި އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް.“ ރައީސް ނަޝީދު 

ޕްރޮގްރާމްގެ މެދެއްހާ ހިސާބުން ރައީސް ނަޝީދާއި އަނެއްކާވެސް ސުވާލެއް އަމާޒުވީ ބަރުލަމާނީ އާއި ގުޅޭގޮތުންނެވެ. އެގޮތުން، މި ދައުރުގައި އެއްވެސް ގޮތަކުން ބަރުލަމާނީ އެއް ގެނައުމަށް މަސައްކަތް ކުރައްވަފާނަންތޯ އާއްމުންގެ ފަރާތަކުން ސުވާލު ކުރެއްވިއެވެ. ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ ތައީދު އޮތީ ބަރުލަމާނީއަށް ކަމަށެވެ. އެެހެން ނަމަވެސް، އެކަމުގައި ގޮތެއް ނިންމާނީ ދިވެހި ރައްޔިތުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ބަރުލަމާނީ އެއް ގެނައުމުގެ މަސައްކަތް ފެއްޓެވިޔަސް، އެކަން ފައްޓަވާނީ މުޅި އެމްޑީޕީގެ ތާއީދު އެކަމަށް ލިބިގެން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ބޭނުންވެ ވަކި ބައެއްގެ ނުފޫޒު މިކަމުގެ ތެރެއަށް ނުވައްދާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ނިޒާމަށް ބަދަލެއް ގެންނަން ޖެހޭނީ، އެންމެން އެކީގައި މަސައްކަތްކޮށް ހުރިހާކަމެއް ތަރުތީބު ކުރުމަށްފަހުގައި ކަމަށެވެ.

ބޮޑު ވަޒީރަކަށް ވަޑައިގެންފާނަންތޯ، އާއްމުންގެ ފަރާތުން ކުރި ސުވާލަށް ރައީސް ނަޝީދު ވިދާޅުވީ އެ ނިޒާމް ރާއްޖެއަށް ގެނެވިއްޖެނަމަ އުސޫލަށް ފެތޭނަމަ އެމަނިކުފާނު ހުންނަވާނީ ބޮޑު ވަޒީރުކަމުގެ މަގާމުގައި ކަމަށެވެ.

”ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮވެފައި، އިންތިހާބަށް އަޅުގަނޑު ކުރިމަތިލާ ކަމަށްވާ ނަމަ، އަދި އަޅުގަނޑަކީ މެޖޯރިޓީ ޕާޓީގެ ލީޑަރު ކަމަށްވަނީ ނަމަ، އަޅުގަނޑު ވާނީ ދެން ބޮޑުވަޒީރަކަށް“ ރައީސް ނަޝީދު 

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވީ ރައީސް ނަޝީދު އެކަންޏެވެ. އެކަމަކު އެމަނިކުފާނަށް އޭރު އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ގާނޫނު ހުރަސްއަޅާތީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނު އެންމެފަހުން ދޫކުރެއްވީއެވެ.

ބަރުލަމާނީ ނިޒާމަކާއި ގުޅޭގޮތުން، ރައީސް ސޯލިހް މީގެ ވިދާޅުވެފައި ވަނީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގައި ވެސް މައްސަލަތައް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުން ހަވާލުކުރި މަސައްކަތް، ތެދުވެރިކަމާ އެކު ކުރަން ބޭނުން ނަމަ އެއިން ކޮންމެ ނިޒާމަކާ އެކު ވެސް ކުރިއަށް ދެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި ކޮންމެ ނިޒާމެއްގައި ވެސް ބޭނުންވަނީ އިހުލާސްތެރިންނެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާކަމަށް ބުނެ ވާހަކަތައް ވެސް ދެކެވުނެވެ. އެހެން ނަމަވެސް ދެ ބޭފުޅުންވެސް ވަނީ އެކަން ދޮގު ކުރައްވާފައެވެ.

ރާއްޖޭގައި ވެރިކަމުގެ ނިޒާމަކީ، ރިޔާސީ ނިޒާމުކަމަށް ކަނޑައަޅާފައިވަނީ ރައްޔިތުންގެ ފެންން ނުފެންނަ ވޯޓަކުން 2007 ވަނަ އަހަރުއެވެ. އޭރުވެސް ރައީސް ނަޝީދު ތާއީދު ކުރެއްވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: