ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަމުން ދާއިރު، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ސަރުކާރުގެ މުއައްސަސާ ތަކުންނާއި ޢާންމު ފަރުދުން އާ ޢަޒުމެއްކަނޑަ އަޅަން ޖެހޭ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަހާއި ގުޅިގެން އެމްއާރުއެމް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާތައް މުސްތަޤިއްލު އަދި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވުމަށް ބާރުއެޅުމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް، ވޭތުވެ ދިޔަ އަހަރުތަކުގައި ކަންކަންނިމިގެން ގޮސްފައިވަނީ، ވަކި މީހަކު ބުނާގޮތަކަށްކަމީ މިއަދު ގިނަބަޔަކު ޤަބޫލުކުރާ ހަޤީގަތެއް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
ޤާނޫނުއަސާސީން ކަނޑައަޅާފައިވާ ލާމަރުކަޒީ އުސޫލުން ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށް ހިންގުމުގައި ލިބެންޖެހޭ ބާރުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކައުންސިލްތަކާއި ރައްޔިތުންނަށް ހޯދައިދިނުމަށް ޤާނޫނުއަސާސީގައި ބުނެފައިވާއިރު، އެ ބާރުތައް ނިމިދިޔަ ސަރުކާރުގައި ވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައި ކަމަށް އެމްއާރުއެމް އިން ބުނެފައިވެއެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި މިހާރުގެ ސަރުކާރުން އެ ބާރުތައް ކައުންސިލްތަކަށްދެއްވައި، އަދި ލާމަރަކުޒީ ޤާނޫނަށް ބޭނުންވާ އިސްލާހުތައް ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ އަދި އެބިލު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީޤު ކުރައްވާފައެވެ.
މިކަމަކީ، މިސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރައްވާކަމުގެ ޔަޤީންކަން ދިވެހިރައްޔިތުންނަށް ލިބިގެން ދިޔަކަމެކކަން ވަނީ ފާހަގަ ކުރައްވާފައެވެ.
އޭގެއިތުރުން، ދައުލަތުގެ ބަޖެޓުގައި ނުހިމެނޭ އެތައް ޕްރޮޖެކްޓް އެއް ނިމިދިޔަ ސަރުކާރުގައި ހިންގާފައި ވާއިރު، އެފައިސާ ހޯދައިފައިވަނީ ކިހިނެއްތޯ ބަލައި، ޒިންމާވާން ޖެހޭ ފަރާތްތައް އެކަމުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި ނަންގަވާފައިވާ ނުވާތީ، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެތައް ޕްރޮޖެކްޓްތަކެއް ވަނީ ހިންގާފައެވެ.
މިހާރުގެ ސަރުކާރުން އެކަން ކަން ބައްލަވައި، ފިޔަވަޅު އެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ވަނީ ފާހަގަ ކުރައްވާފައެވެ. މިގޮތުން ބައެއް މައްސަލަ ތަކުގައި ބައެއްފަރާތްތަކަށް ފިޔަވަޅު އެޅިފައިވާ ކަމީ، މި ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ދިވެހިރައްޔިތުންނަށް ފެނިގެން ދިޔަކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.
ހަމައެހެންމެ، ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ މެނިފެސްޓޯގައި ކޮރަޕްޝަން ހުއްޓުވުމަށް ކުރަން ނިންމާފައިވާ މަސައްކަތްތައް، ވީ އެންމެ އަވަހަކަށް ތަންފީޒުވެގެން ދިއުމަކީ ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދުަލް އެ ޕާޓީން ވަނީ ފާހަގަ ކޮށްފައެވެ.

