ފުލުހުން ރ. މަޑުއްވަރީގައި ކުރިއަށްގެންދާ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށާއި ޖެންޑަ މިނިސްޓްރީ އާއި ގުޅިގެން އެރަށުގައި ކުރާ ތަހުގީގުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ފުލުހުން ބުނެފި އެވެ.
މަޑުއްވަރީގައި ފުޅާ ދާއިރާއެއްގައި ފެތުރެމުންދާ ހަރުކަށި ފިކުރު ހުއްޓުވުމަށްސަލާމަތީ ބާރުތަކުން ވަނީ މަޑުއްވަރީގައި ބޮޑު އޮޕަރޭޝަނެއް ހިންގައި ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކުރާ މީހުން ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް ފުލުހުންނާއި ސިފައިން ވަނީ އެ ރަށުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. ހައްދުފަހަނަޅާފައިވާ ފިކުރުގެ މީހުން ގިނަކަމަށް ބުނާ އެ ރަށުން މި ދެ ދުވަހެއްގެ ތެރޭގައި އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ”އައްސޭރި“ ނަމުގައި ފުލުހުން މަޑުއްވަރީގައި އޮޕަރޭޝަނެއް ފެށީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މިހާތަނަށް އެރަށުން ހަރުކަށި ފިކުރަށް ނިސްބަތްވާ ތިންމީހަކު ހައްޔަރުކޮށްފައިވާއިރު ބަލާ ފާސް ކުރުމުގެ ތެރޭގައި ބައެއް ހެކި ތަކެއް ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކުޑަކުދިން ކިޔަވަން ފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއަކަށް ޖެންޑަ މިނިސްޓްރީއިން ނަަސޭހަތް ދިނުމުން އެކަމަށް އިންކާރުކޮށްފައިވާކަން ހާމަކޮށް ފުލުހުން ރޭ ބަޔާނެ ނެރުނެވެ. މައްސަލައިގައި ފުލުހުން ބުނެފައިވަނީ ވެކްސިން ދިނުމާއި ސުކޫލަށް ފޮނުވަން އިންކާރު ކުރި އެ އާއިލާގެ އަންހެން ކުއްޖަކު އެކުއްޖާގެ މައިންބަފައިން އަތުން ކުއްޖާ ނަގައި، އެ ކުއްޖާ ބޮޑުދައިތައާ ހަވާލުކޮށްފައިވާ ކަމަށެވެ.
މަޑުއްވަރީގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ބުރާސްފަތި ދުވަހުވެސް ވަނީ ވެކްސިން ދޭން އިންކާރު ކުރި އާއިލާއަކަށް ނަސޭހަތްދީ، އެމީހުން އެއްބަސްވުމުން ތިން ކުއްޖަކަށް ވެކްސިން ދީފަ އެވެ.
ފުލުހުންގެ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ގެތައް ވެސް ބަލާ ފާސްކުރަމުންދާއިރު، ބައެއް ގެތަކުން އަންހެނުންނާއި ކުޑަ އަންހެން ކުދިން ގެއިން ނުނެރޭތާ އަހަރަކާއި ގާތްވަނީއެވެ. ވެކްސިން ނުދިނުމާއި، ސްކޫލަށް ނުފޮނުވުން ފަދަ އެތައް ކަމެއް ރަށުގައި އައި ޙިނގަމުންނެވެ. އަދި ބޮޑު ވަމުން އަންނަ ކުޑަކުއްޖާއަށް ދީފައި ވަނީ ވެސް ހަރުކަށި ވިސްނުންތަކެކެވެ. ރަށުގެ ހަރުކަަށި ފިކުރުގެ އާއިލާތައް ދިޔައީ އަންހެން ކުދިން ބޮޑެތި ފިރިހެނުނާއި ދިޔައީ ކައިވެނީގެ ނަމުގައި އެމީހުންނާއި ހަވާލު ކުރަމުންނެވެ. މި ހުރިހާ ކަމެއްވެސް ރަށުގެ މީހަކު ވަނީ ”ސަންގު“ އަށް ކަށަވަރުކޮށްދީފައެވެ. އަދި އެކަންތައް ހިނގަމުން އަންނަތާ އަހަރުތަކެއް ވެފައިވާކަން ވެސް އޭނާ ފާޙަގަކުރިއެވެ.
މަޑުއްވަރީގެ ހާލަތު، ބިރުގަންނަ ހިސާބަކަށް ގޮސްފައިވާއިރު ފުލުހުންވެސް ބުނެފައިވަނީ މަޑުއްވަރީގައި ދިރިއުޅޭ މީހުން ގަބޫލު ކުރާ ގޮތުން ކުޑަ ކުދިންނާއި ކައިވެނީގެ ބޭރުން އެހެން އަންހެނަކާއި ގިންސީ ގުޅުން ހިންގުމަކީ ހުއްދަ ކަމަކެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މަޑުއްވަރީ ގައި އެމީހުން ގަބޫލު ކުރާގޮތުން، އެ ވިސްނުން ނުގެންގުޅޭ ކޮންމެ މީހަކަށް ގެއްލުން ދެވޭނެއެވެ. އަދި ގާނޫނު އަސާސީގެ ދަށުން ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކަކީ އެއީ އެމީހުންނަށް ލިބިދޭ އެއްޗެސް ނޫން ގޮތުގައި ގަބޫލު ކުރާ ކަމަށެވެ. މަޑުއްވަރީގެ ގެތައް ބަލާ ފާސްކުރުމުގެ ތެރޭގައި އެމީހުން އަމިއްލައަށް ތައްޔާރުކޮށްގެން ގެންގުޅޭ ކައިވެނީގެ ސެޓްފިކެޓުކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ ފެނިފައެވެ.

