ޗައިނާ އާއި ރާއްޖޭގެ ގުޅުމާއި މެދު ސަރުކާރު ހިންގާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ފަރާތްތަކުގެ ފާޑުކިޔުން ބޮޑު ވެފައި ވަނިކޮށް، ޗައިނާ ސަފީރު ޒޭންގް ލިޒޯންގް، ވަރަށް ތަފާތު ޓްވީޓެއް ކުރައްވައިފިއެވެ.
އޭނާ ކުރި ޓްވީޓްގައި ވަނީ ”ފެޓް“ ނޫނަސް، ޗައިނާއަކީ ރާއްޖޭގެ ރަހުމަތްތެރިއެއް ކަމަށް ބުނެފައެވެ. ކޮމާކޯޅިއެއްގެ ތެރޭގައި ”ފެޓް“ މި ބަސް ޗައިނާ ސަފީރު ބޭނުންކުރެއްވީ ހަމަގައިމުވެސް، ”ފަލަ“ މި މާނައިގައެއް ނޫނެވެ. ”ފެޓް“ މި ބަހަކީ ގަނޑުކޮށްވާ ފައިދާ އަށް ނިސްބަތްކޮށް، ޚާއްސަކޮށް މާލީގޮތުން ލިބެމުންދާ ފައިދާ އަށް ނިސްބަތްކޮށް ބޭނުންކުރާ ބަހެއްވެސްމެއެވެ. މީގެ އިތުރުން މަޖާޒީ ގޮތުން، ”ނެތް ކަމެއް، ނުވަތަ ޚިޔާލީ“ ކަމަކަށް ރިއާޔަތްކޮށް ވެސް އެ ބަސް ބުނެއެވެ.
https://twitter.com/AmbassadorZhang/status/1208336495821520896
ބޮޑަށް ބެލެވޭ ގޮތުން ޗައިނާ ސަފީރު މި ޓްވީޓް ކުރެއްވީ މިތަނުން ފުރަތަމަ މާނައިގައެވެ. އެއީ ޗައިނާގެ ސަބަބުން ރާއްޖެއަށް މާލީ ގޮތުން ފައިދާއެއް ނުވާ ކަމަށާއި ވަނީ ދަރަނިވެރިކަމަށް ބުނެ އެމްޑީޕީގެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.
ދާދިފަހުން ޗައިނާ – ރާއްޖެ ފްރީޓްރޭޑް އެގްރީމެންޓަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ ވިދާޅުވެފައެވެ.
އާޒިމް ކުރެއްވި ޓްވީޓެއްގައި އެ އެއްބަސްވުމަކީ ރަބަރު ސްޓޭމްޕް ޖަހާ އުސޫލުން ސީދާ ރައީސް ޔާމީން އަންގަވައިގެން ސޮއިކުރެއްވި އެއްބަސްވުމެއްކަމަށް ވިދާޅުވެފައިވެެއެވެ. އަދި އެއްވެސް މެމްބަރަކަށް ފުރިހަމަ އެގްރީމެންޓް ނުފެންނަކަމަށާ، އެ އެއްބަސްވުން ފާސް ކުރުމުގެ ކުރިން މަޖިލީހުން ފާސްކުރުމުގައި ވެސް އަމަލު ކުރީ އުސޫލުން ބޭރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް މިހެން ވިދާޅުވެފައި ވާއިރު، ދާދިފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ، އެ އެގްރީމެންޓަކީ އިންވެސްޓްމެންޓެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ރާއްޖެއަށް އޮތް ދަރަންޏެއް ކަމަށްވެސް ވިދާޅުވިއެވެ.އެކަމާއި ގުޅިގެން، ޗައިނާއާއި މެދު ރައީސް ނަޝީދު ދައްކަވާ ވާހަަކަތަކަކީ ސަމާލުކަން ހޯއްދަވަން ދައްކަވާ ވާހަކަތަކެއްކަމަށާ އެ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް، ރާއްޖެއަށް ކަނޑައަޅާފައިވާ ޗައިނާ ސަފީރު ޒޭންގް ލިޒޯންގް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ސަފީރު ވަނީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ދޭދޭ ޤައުމުތަކަމާއި މެދު ވާހަކަދެއްކުމުގައި މިހާރަށް ވުރެ ޒިންމާދާރު ވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ޗައިނާއިން ރާއްޖޭގެ ބިން ޖަހައިގަނެފައިވޭތޯ ސުވާލުކުރައްވާފައެވެ. ޗައިނާއިން ރާއްޖޭގައި ކުރި އިންވެސްޓްމެންޓަކީ އެހެން ޤައުމުތަކުގައި ވެސް ކޮށްފައިވާ ފަދަ އިންވެސްޓްމެންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

