ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 117 ގޮޅިއަށް 2000 އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ވަގުތީ ތަނެއް ނުދައްކައި، ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް މަރާމާތު ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ބަންދުކުރުމުން، އެކަމާ ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މާލޭގެ ދަތުރުވެރިންގެ މާރުކޭޓު ބަންދު ކުރުމަށްފަހު، މާރުކޭޓާއި ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުހައްމަދާއި، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ހައްދަވަމުން ގެންދަވަނީ އިތުރުފުޅުތައް ކަމަށް ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަޒީން ވެސް ވަނީ ވިދާޅުވެފައެވެ.
ސިޓީ ކައުންސިލްއިން ވަނީ، ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކަށް އެދި ދެހާހަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށެވެ.
ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ސިޓީ ކައުންސިލުން ހުޅުވާލި ނަމަވެސް މާރުކޭޓު އަލުން ހުޅުވާއިރު ދޫކުރުމަށް ހަމަޖެހިފައިވާ ގޮޅިތަކުގެ އަދަދު އެ ކައުންސިލުން ނިންމާފައެއް ނުވެ އެވެ.
މާރުކޭޓުގެ ބޭރުގައި ތިބި މީހުންގެ ތެރެއިން ކަންބޮޑުވުން ފާޅުކުރި މީހުން ސަންގަށް މައުލޫމާތު ދެމުން ބުނީ މަރާމާތުގެ ބޭނުމަށް ގޮޅި ހުސްކުރަން ސިޓީ ކައުންސިލުން އެއް މަސް ކުރިން ނޯޓިސް ދިނީ، މަސައްކަތް ކުރާނެ ވަގުތީ ތަނެއް ދައްކާނެ ކަމަށް ބުނެ ކަމަށެވެ. އެހެން ނަމަވެސް، ގޮޅިތައް ބަންދު ކުރުމާ ހަމައަށް ވަގުތީ ތަނެއް ކައުންސިލުން ދައްކާފައި ނުވާކަމަށް އެމީހުން ބުނެއެވެ.
އެ މައްސަލައިގައި ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފަޒީން ވިދާޅުވީ، މަރާމާތަށްޓަކައި ގޮޅިތައް ބަންދު ކުރާތީ، މާރުކޭޓުގެ ބޭރުގައި ޓެންޓު ޖަހައިގެން މަސައްކަތް ކުރެވޭނެ ޖާގަ ހޯދުމަށް ކައުންސިލުން މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް އެ ފުރުސަތު ހޯދައި ނުދެވޭނެ ކަމަށް ގޮޅިތަކުގެ މީހުންނަށް އަންގާފައި ވާނެ ކަމަށް ވިދާޅުވިއެވެ.
މާރުކޭޓްގެ ގޮޅިއެއްގައި މިހާރު ހުންނަނީ 4 ފޫޓާއި 7 ފޫޓެވެ. އަދި އެތަން ތަރައްގީކޮށް ނިމޭއިރު ގޮޅިތަކުގެ ބޮޑުމިނުގައި 8 ފޫޓާއި 10 ފޫޓް ހުންނާނެކަމަށްވެސް މައުލޫމާތު ލިބެއެވެ. އަލަށް ތަރައްޤީކުރާ މާރުކޭޓްގައި ހިނގާ މަގުތައްވެސް ފުޅާވާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މީގެއިތުރުން ދަތުރުވެރިންގެ މާރުކޭޓުގައި ރާއްޖެއިން ބޭރުން ގެންނަ ތަރުކާރީއާއި މޭވާ ވިއްކަމުންދާއިރު، އެތަކެތިން މީގެފަހުން ޓެކްސް ނެގޭނެ ކަމަަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ދަތުރުވެރިންގެ މާރުކޭޓްގައި މިހާރު 160 ގޮޅި ހުންނަ އިރު އެތަނުގައި މަސައްކަތް ކުރަމުންދަނީ ފަންސާހަކަށް ދިވެހިންކަންވެސް ފާހަގަކޮށްލެއެވެ. މި ފަރާތްތަކަށް ދީފައިވާ ގޮޅިތަކުގެ މުއްދަތު ހަމަވެފައިވާކަމަށާއި ބައެއް ފަރާތްތައް އެގްރީމަންޓް އާކޮށްފައިވީނަމަވެސް އެކަން ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މާރުކޭޓު ގޮޅޮތަކާއި ގުޅޭގޮތުން ސިފާއާއި ޝަމާއުއަށް ބޮޑެތި ތުހުމަތުތަކެއް ކައުންސިލްގެ މެމްބަރުންކޮށްފައިވެއެވެ. އެގޮތުން ފަޒީން ވިދާޅުވީ މާރުކޭޓްގެ ގޮޅިތަކުގެ އަދަދާއި ގުޅޭގޮތުން ކަމާބެހޭ ކޮމެޓީން ހުށައެޅި ކުރެހުމުގައި 8 ފޫޓް، 6 ފޫޓްގެ 117 ގޮޅިއާ ވަގުތީ 11 ގޮޅިއާއެކު 128 ގޮޅި ހިމެނޭ ކުރެހުމެއް މޭޔަރަށް ފޮނުވާފައިވާ ކަމަށެެވެ. އެހެން އެންމެ ފަހުން ބޭއްވި ޖަލްސާފައި، ހުށަހެޅި ކުރެހުމުގެ ބަދަލުގައި މާ ކުދި އަދި އެތެރޭގައިވާ ހުރަސް މަގުގެ ބަދަލުގައި ޕޭމަންޓް ބޭނުންކުރާ ގޮތަށް ކުރަހާފައިވާ 193 ގޮޅި ހިމެނޭ ކުރެހުމެއް ހުށައެޅި ކަމަށެވެ. އަދި ބައެއް ކައުންސިލަރުންގެެ ކަންބޮޑުވުންތަކާއެެކު އެތައް ބަހަނާއެއް ދެއްކުމަށްފަހު ކޮމެޓީން ހުށައެޅި ކުރެހުންވެސް ފަހުން ގެނެސް، ދެ ކުރެހުމަށް ވޯޓަށް އެހުމުން ފާސްވީ ކޮމެޓީން ނިންމި 128 ގޮޅީގެ ކުރެހުން ކަމަށް ފަޒީން ވަނީ ވިދާޅުވެފައެވެ.
ގޮޅިތައް ކުއްޔަށް ނުދެވި ގިނަ ދުވަސްތަކެއް ފާއިތުވެގެންގޮސްފައިވާއިރު 128 ގޮޅިން ދައުލަތަށް ލިބޭ މަހު ފީ އާއި ކުނީގެ ފައިސާ ނުލިބި ގެއްލި މިހާ މުހިންމު ޚިދުމަތެއް ހުއްޓުވާފައި ބޭއްވުމުން ޚިދުމަތްދޭ ފަރާތާއި، ޚިދުމަތް ހޯދަން އަންނަ ފަރާތުގެ ރުޅިވެރިކަމާއި ނަފްރަތު ސަރުކާރަށް އަމާޒުވެފައިވާ ކަމަށް ވެސް ބައެއް މެމްބަރުން ވަނީ ބުނެފައެވެ.

