ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމިނާއި ޕީޕީއެމް ވަނދުވެ ވަޅޯ ވުން؟ ކުރެވޭ ކުށްހީއެއް!

ރައީސް ޔާމިންއަށް ވަނީ 5 އަހަރުގެ ޖަލުހުކުމެއް އިއްވާފަ --- ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުން ފޭބުމަށްފަހު ވެރިކަން ކުރި ބޭފުޅާގެ ނުވަތަ ޕާޓީގެ އާރާއި ބަރު ގެއްލުނީ ކަމަށް ހީކުރެވެއެވެ. އެބޭފުޅަކަށާއި ޕާޓީއަށް އޮތް ތާއީދު ގެއްލުނީކަމަށްވެސް ހީކުރެވެއެވެ. ވެރިކަމުން ވެއްޓިއްޖެނަމަ ދެން ދެފައިމައްޗަށް ތެދުވެ ހުންނާނޭ ހިތްވަރެއް ނުހުންނާނެއޭވެސް ހީވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ޚިދުމަތުގެ ފަސް އަހަރު ނިމި ދެވަނަ ދައުރަކަށް ކުރިމަތިލައްވާ އެމަނިކުފާނު ނާކާމިޔާބުވެ ވަޑައިގެންނެވިއެވެ. ނަމަވެސް ގިނިކަންޏާ ކުރިމަތިލައްވައިގެން 96،000 ރައްޔިތުންގެ ވޯޓު އެމަނިކުފާނު ކާމިޔާބު ކުރެއްވިއެވެ. އަޅުގަނޑު އަދި އެއްފަހަރު ޖުމްލަ ތަކުރާރު ކޮށްލާނަމެވެ. އެމަނިކުފާނު ”ގިނިކަންޏާ“ ނިކުމެވަޑައިގެން 96،000 ވޯޓު ކާމިޔާބު ކުރެއްވިއެވެ. ނަމަވެސް ވާދަވެރި ކޯލިޝަންއާއި ޖެހި އެމަނިކުފާނަށް އިންތިހާބު ކާމިޔާބުވާގޮތެއް ނުވިއެވެ. އެއީ ނާކާމިޔާބީއެއްގެ ގޮތުގައި ރައީސް ޔާމިންވެސް އަދި އެމަނިކުފާނު އިސްވެ ހިންގަވާ ޕާޓީ ޕީޕީއެމްއިންވެސް ޤަބޫލެއް ނުކުރައްވައެވެ.

ނަމަވެސް ވެރިކަން ގެއްލުމާއި ހަމައިން ރައީސް ޔާމިންއާއި ޕީޕީއެމްވެސް ދުވަސްކޮޅަކަށް ގެއްލުނެވެ. ޕާޓީގެ ހަރަކާތްތަށް މަޑުޖެހުމަކަށް އައެވެ. އަޑެއްބަޑެއް ނީވޭތާ މަސްތަކެއް ވޭތުވެގެން ދިޔައެވެ. ޕާޓީގެ ހިންގުން އެއްކޮށް ހުޓުމަކަށް އައިސް ދެން އިތުރަށް ޕީޕީއެމް އޭ ކިޔާނެ ބަޔަކު ތިބެދާނެޔޭވެސް މީހަކު ނުބުނާނެ ޙާލަތަށް ދިޔައެވެ.

ގަދަ ނިންޖަކުން ރައީސް ޔާމިންއާއި ޕީޕީއެމް ހޭލައްވާލީ ބޮޑު ހިޔާނާތުގެ ތުހުމަތާއި އެކުގައެވެ. އެހިސާބުން އާފުރެމުން ލޯކަހަމުން މަގުތަކަށް ނިކުތެވެ. ދެން އެފެށިގޮތަށް މެކުހަށް ޖަހާލިއެވެ. އެކި ރަށްރަށަށް ދަތުރުއަޅަންފެށިއެވެ. އަދި ރައީސް ޔާމިނަށް ވޯޓު ދެއްވި 96،000 ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރައްޔިތުންގެ ގެތަކަށް ޒިޔާރަތްކޮށް އެއް މޭޒަކުން ކައިބޮއެ ހަދަން ފެށިއެވެ. ވެރިކަމުގައިވެސް ގާތްނުވާ ވަރަށް ރައްޔިތުންނާއި ރައްޔިތުންގެ އެކުވެރިޔަކަށް ރައީސް ޔާމީން ބަދަލުވިއެވެ.

ނުވިތާކަށް ޕީޕީއެމް އޮފީސް ދޮރުމަތީގައި ބާއްވަމުންދިޔަ ސިލްސިލާ އެއްވުންތައްވެސް ގިނަވެ އެ ކުދި އެއްވުންތައް ބޮޑެތި ޖަލްސާތަކަކަށް ބަދަލުކުރިއެވެ. ތަފާތު ނަންނަމުގައެވެ. އެއް ފަހަރު ހިބަރު ވަދު ވެއްޖެއްޔާ އަނެއްފަހަރު އަންނަ އަންނަނީއޭ، އަނެއްފަހަރު ދަވާލައިފިޔޭ. މިހެން ގޮސް ލެއްވިއްޔާ ލެއްވިހާ ނަމެއްގައި ބޮޑެތި ޖަލްސާތައް ބާއްވަމުންދިޔައެވެ. ފުރަތަމަ ކޮޅު ޖަލްސާތަކަށް ދާ މީހުން މަދެވި، ނަމަވެސް ފަހުން ފަހުން އައިސް ޖަލްސާތަކަށް ދާންފެށި މީހުން ގިނަވާންފެށިއެވެ. އެންމެން ސިއްސުވާލީ ޖަލަށް ވަޑައިގަތުމުގެ ކުރިން ރައީސް ޔާމިން ބައިވެރިވެވަޑައިގެންނެވި ހިބަރު ވަދު ނަމުގައި ބޭއްވި ޖަލްސާއިންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން އެ ޖަލްސާގައި ވަނީ ބައިވެރިވެފައެވެ.

ހިބަރު ވަދު ނަމުގައި ޕީޕީއެމްއިން ބޭއްވި ޖަލްސާ —

އޭގެ ފަހުން އަނެއްކާވެސް ޕީޕީއެމް އަޑު މިއޮތީ މަޑުވެފައެވެ. 96،000 ރައްޔިތުންގެ އަޑެއް ބަޑެއް ނީވިއެވެ. ކަހާތަން ހިރުވާވެސް ނުލައެވެ. ހަތަރު އުދަރެސް ފެނު ޖެހި ރިހޭ ފައިމައްޗަށް ފޮިއި ވެއްޓުނު ކަހަލައެވެ. ރައީސް ޔާމިން ޖަލަށް ވަޑައިގެން ހަފްތާ ތެރޭގައި މާލޭގެ އެކި މަގު މަގުގައި މުޒާހަރާކޮށް އަޑުގަދަ ކުރިއެވެ. ނަމަވެސް މިހާރު ހުރިހާކަމެއްވެސް މަޑުޖެހި އަނެއްކާވެސް ގަދަ ނިންޖަކުން ޕާޓި ނިދާފައިވާ ކަހަލައެވެ. ޕީޕީއެމްއާއި ކޯލިޝަން ޕާޓްނަރ ޕީއެންސީ ގެއްލިއްޖެއޭވެސް އެބަ ކިޔައެވެ.

މިއަދު ވަމުންދާ ކަންކަމާއި މީގެ ކުރިން ކަން ވެފައިވާ ގޮތާއި ވަރަށްވެސް އެއްގޮތެވެ. އޭރު ނިކަމެތިވެފައިވާ ކަމަށް ބުނި އެމްޑީޕީ މިއަދު ތެދުވެ އައިސް ގައުމުގައި ވެރިކަން ކުރަނީއެވެ. ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާއި އެކު ޕާޓީގެ މިސްރާބު ގެއްލި އެއްކޮށް ވަނދުވި ކަމަށް ބުންޏެވެ. ރައީސް ނަޝީދުވެސް ޖަލަށް ވަޑައިގެންތާ ކުރީކޮޅު ޕާޓީގެ އެއްވުންތަކާއި މުޒާހަރާތަށް ބޭއްވިއެވެ. ނަމަވެސް ފަހުން ފަހުން އެމްޑީޕީގެ ހަބަރެއް ވަނީ ހާލަކުން ފަހަރަކުއެވެ. އެމްޑީޕީ ހަރުގެ ދޮށުގައި ތިބެނީ މަދު ބައެކެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މަޑުމަޑުން ނަމަވެސް އެމްޑީޕީ ހަރަކާތްތެރިވިއެވެ. އެހެން ނަމަވެސް މަގުމަތިން އެއްކޮށް ގެއްލުނެވެ.

އެމްޑީޕީގެ އެއްވުމެއް —-

ނިމިދިޔަ ރިޔާސީ އިންތިހާބު ކޯލިޝަނަކުން ކާމިޔާބުކޮށް ވެރިކަމުގައި އޮތީ އެމްޑީޕީއެވެ. 13 އަހަރުގެ ޖަލުހުކުމެއް އިއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައެވެ. ރައީސް ނަޝީދުއާއި އެކު އޭރު ޖަލަށް ވަޑައިގެންނެވި އެކުވެރީން މިއަދު ތިއްބެވީ ސަރުކާރުގެ އެކި މަޤާމުތަކުގައެވެ.

އެހެން ކަމުން ބޭފުޅަކު އަދި އިންތިހާބުން ބަލިވުމަކީ އެއީ އެބޭފުޅެއްގެ ސިޔާސީ ހަޔާތް ނިމިދިއުމެއް ނޫނެވެ. މިއީ މާޒީން ހެކިދީފައިވާ ކަންކަމެވެ. ޖަލަށް ވަޑައިގެންނެވުމަކީ އެބޭފުޅެއްގެ މުޅި ދިރިއުޅުން ފަސްދާނުލުމެއް ނޫނެވެ. މާޒީއަށް ބަލާނަމަ އެކަން ހެކި ދެކެއެވެ. ރައީސް ޔާމިންއާއި ޕީޕީއެމް މިއަދު ވަނދުވެ ވަޅޯވެދާނެ ކަމަށް ހީކުރުމަކީ އެއީ ކުރެވޭ ކުށްހީއެއް ކަމަށްވެސް ވެދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: