ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތާއި އެ މީހުންގެ ސިފަތައް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ކަނޑައަޅައި އާންމު ކޮށްފި އެވެ.
ހަރުކަށި ފިކުރަކީ ކޮބައިކަން ބަޔާންކޮށް ކައުންޓާރ ޓެރަރިޒަމްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ”ހަރުކަށި ފިކުރަކީ“ އެތަނެއްގެ ސަގާފަތާއި ޒަމާންވީ އާދަކާދަތަކާއި ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ސާފު ސީދާ މަގުން އެއްކިބާވެ، އޮންނަ ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކުގެ އިންތަކުން ބޭރުވެ ތިބެ، އެ ބައެއްގެ ފިކުރަށް ތަބާވާ މީހުން ފިޔަވައި އެހެން މުސްލިމުންނަކީ މުސްލިމް ބައެއް ނޫން ކަމަށް ބުނެ އެގޮތަށް ދައްކަން އުޅުން ކަމަށެވެ.
އޭގެ އިތުރުން ރައްޔިތުންގެ މުދަލުން ވައްކަންކޮށް ނަހަމަގޮތުގައި ބޭނުންކުރުމާއި، ފޭރުން އެއީ ހުއްދަ ކަމެއް ކަމަށް ބުނެ އެކަމަށް ވަކާލާތު ކުރުމާއި މީސްތަކުންނަށް އިހާނެތިކޮށް ހިތައި އަނިޔާވެރިވެ މީހުންގެ ފުރާނަ އާއި މުދަލަށް ގެއްލުން ދިނުމަކީ ލާޒިމް ކަމެއް ކަން ދައްކުވައި އެކަންކަން ކުރުމަށް ހިތްވަރު ދިނުމަކީ ހަރުކަށި ވިސްނުންގެ ގޮތުގައި ވަނީ ބުނެފައެވެ.
ކައުންޓާރ ޓެރަރިޒަމްއިން ބުނެފައިވާ ގޮތުން ރާއްޖޭގައި އޮންނަ ދައުލަތަކީ ކުފުރުގެ ދައުލަތަށް ހަދާ، އެކަމަށް ވަކާލާތުކޮށް ދިވެހި ގައުމިއްޔަތަށް އިންކާރު ކުރުމަކީ ހަރުކަށި ވިސްނުމުގެ މީހުންނެވެ. ގާނޫނު އަސާސީއަކީ ބާތިލު އެއްޗެއްގެ ގޮތުގައި ބުނުމާއި ރާއްޖޭގެ ގަވައިދުތަކާއި ހިލާފުވެ، ދިވެހި ސަގާފަތާއި ޒަމާންވީ އާދަތަކާދަތަކަށް އިންކާރުކޮށް ދިވެހި މުޖްތަމައުގެ އެއްބައިވަންތަކަން ގެއްލުވާލައި ބައިބައި ކުރުމަށް މަސައްކަތް ކުރުމަކީ ވެސް ހަރުކަށި މީހުންގެ ގޮތުގައި އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ކައުންޓާރ ޓެރަރިޒަމްއިން ވަނީ ދިވެހި ގައުމީ ދިދަ އާއި ދިވެހި ދައުލަތުގެ ނިޝާނާއި ގައުމީ ސަލާމް ބަލައިނުގަތުމާއި ސްކޫލުތަކުގެ ގައުމީ އަދި ތައުލީމީ މަންހަޖު ބަލައިނުގަތުމުގެ އިތުރުން ދަރިން ސްކޫލަށް ނުފޮނުވުމާއި އެފަދަ ގޮތަކަށް ތަރުހީބުދީ ވާހަކަ ދެއްކުމަކީ ވެސް ހަރުކަށި ވިސްނުން ކަމަށެވެ.
ވެކްސިން ދިނުމަށް އިޝާރާތްކޮށް ކައުންޓާރ ޓެރަރިޒަމްއިން ބުނެފައިވަނީ ބައިނަލްއަޣްވާމީ ސިއްހީ މިންގަނޑުތަކުން ކުޑަ ކުދިން މަހުރޫމް ކުރުމާއި އަންނަން އޮތް ޖީލުތަކަށް ނުރައްކާވާފަދަ ފަނާކުރުވަނީ ވިސްނުން ކުރިއަރުވައި ފެތުރުމަކީ ވެސް ހަރުކަށި ވިސްނުން ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިން ނިކަމެތިކޮށް އެ ކުދިންގެ ޅަ އުމުރުގައި މީހުންނާއި ކައިވެނި ކުރުވުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ހަރުކަށި ފުކުރަށް ތާއީދު ކުރާ މީހުންގެ އަމަލުތައް ކަމަށެވެ.
ހަރުކަށި ފިކުރު ދެނެގަންނާނެ ގޮތް އެންސީޓީސީން ކަނޑައެޅި އިރު، ޓެރަރިޒަމްގެ ގާނޫނަށް ދާދި ފަހުން ގެނައި ބޮޑެތި ބަދަލުތަކާ އެކުގައި ޓެރަރިޒަމްގެ ކުށްތައް ވަރަށް ތަފްސީލްކޮށް ވަނީ ހިމަނައިފަ އެވެ. އަދި ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމުގައި ފުލުހުންނާއި ސިފައިންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ޓެރަރިޒަމް ގާނޫނު ދާދި ފަހުން ވަނީ ބަދަލުކޮށްފަ އެވެ.
އެ ބަދަލާ އެކު، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ހައްދުފަހަނައެޅުމާ ދެކޮޅަށް ފުލުހުންނާއި ސިފައިން ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރުގަދަ އޮޕަރޭޝަންތަކެއް ފަށައިފަ އެވެ. އެގޮތުން ރ. މަޑުއްވަރީގައި ސަލާމަތީ ބާރުތަކުން މިހާރު ވެސް ދަނީ ހަރުކަށި ފިކުރު ފަތުރާ މީހުން ދިރިއުޅޭ ގެތައް ބަލައި ފާސް ކުރަމުންނެވެ. އަދި އެފަދަ ފިކުރުތައް ފަތުރާ ބައެއް މީހުން ހައްޔަރު ކުރަން ވަނީ ފަށައިފަ އެވެ.
ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވި ޓެރަރިޒަމްގެ ގާނޫނުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. ހަރުކަށި ފިކުރު ފެތުރުމާ، ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިއުމާ، އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަކީ ގާނޫނީ ކުށެކެވެ.
އެ ކުށްތަކަށް ގާނޫނުގައި ވަނީ ބޮޑެތި އަދަބުތައް ކަނޑައަޅާފަ އެވެ. ދާދި ފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގައި ވެސް މިފަދަ ކުށްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައި ވެއެވެ. ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ.
އަދި ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ އެވެ. އޭގެ އިތުރުން ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

