އިންޑިއާގައި މުސްލިމުންނާއި މެދު ހިނގާ އަމަލުތަކަކީ، އެއީ އިންޑިއާގެ ދާހިލީ މައްސަލައެއްކަމަށާ، އެކަމާއި މެދު ބަސް ނުބުނަނީ އެހެންވެގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޫދު ވިދާޅުވީ، ރާއްޖެއިން އެއްވެސް ޤައުމެއްގެ ދާހިލީ ކަމަކާއި ނުބެހޭނެ ކަމަށެވެ. ހޫދު މިފަދައިން ވިދާޅުވީ ޗައިނާ އާއި އިންޑިއާއިން މީގެ ކުރިން ރާއްޖޭގެ ދާހިލީ ކަންކަމަށް ބަސް ބުނެފައިވާއިރު، އެ ދެ ޤައުމުގައި މުސްލިމުންނާއި މެދު ހިންގާ އަނިޔާވެރި އަމަލުތަކާއި މެދު ރާއްޖެެއިން ބަސް ނުބުނަނީ ކީއްވެގެންތޫ ނޫސްވެރިއަކު ސުވާލުކުރުމުންނެވެ.
ހޫދު އިތުރަށް ވިދާޅުވީ، ފަލަސްތީނު މައްސަލައިގައި ވެސް އެންމެ އަޑު ހަރުކޮށް، ވާހަކަދައްކާ އެއް ބަޔަކީ ރާއްޖެކަަމަށާ، ބަސް ބުނަން ޖެހޭ ހާލަތުގައި އެބަސްބުނަން ރާއްޖެ ފަސް ނުޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ރާއްޖެއިން އެކަން ކުރާނީ ބައިނަލްއަޤުވާމީ އުސޫލުތަކާއި އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ހޫދު މިފަދައިން ވިދާޅުވެފައިވާއިރު، ކަޝްމީރުގެ އިންޑިއާ ފަޅި ކަމަށްވާ ޖައްމޫ އެންޑް ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމަށް އިންޑިއާއިން ނިންމި ނިންމުމަށް ރާއްޖެއިން ތާއިދުކޮށް ރާއްޖެއިން ވަނީ މީގެ ކުރިން އިންޑިއާ ދިފާއުކޮށްފައެެވެ.
ކަޝްމީރާއި އިންޑިއާގެ އެހެން ސްޓޭޓުތަކާ ދެމެދުގައި އޮންނަ ތަފާތުތަކަށް ބާރު ލިބޭ، ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލިކަން އިއުލާންކޮށް، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެ މައްސަލައިގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ނިންމުމަކީ އެގައުމުގެ ދާހިލީ މައްސަލައެއް ކަމަށް ރާއްޖެއިން ދެކޭ ކަމަށާއި، އިންޑިއާއަކީ އަމިއްލަ މިނިވަން މުސްތަގިއްލު ގައުމެއް ކަަމަށާއި އަދި ގާނޫނު އަސާސީއަށް ބަދަލުތައް ގެނެސް، އިސްލާހުކުރުމުގެ ބާރު އެގައުމަށް ލިބިފައިވާ ކަމަށެވެ.

