ކ.މާފުށީ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އިން ފަށައިފިއެވެ.
ބުދަ ދުވަހު މާފުށީގައި ބޭއްވި، މާފުށީ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރު މުހައްމަދު ޝިހާބް އެވެ.
މިއީ މިދިޔަ އޮގަސްޓު މަހު އެމްޓީސީސީ އާއި ހަވާލު ކުރި މަޝްރޫއެކެވެ. އެހެން ނަމަވެސް މަސައްކަތް އަމަލީ ގޮތެއްގައި ފެށުމަށް ބޭނުންވާ އެންވައިރޮމެންޓަލް އިންޕެކްޓް އެސެސްމެންޓު ރިޕޯޓު (އީއައިއޭ) އެމްޓީސީސީއަށް ލިބުނީ މި މަހުގެ 12 ގައެވެ. އެއަށްފަހު އެމްޓީސީސީން ބިންހިއްކުމަށް ބޭނުންވާ ސާމާނުމާފުއްޓަށް ގެންގޮސްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

މިއީ 249 ދުވަސްތެރޭ ނިންމާ ގޮތަށް އެކުންފުންޏާއި ހަވާލު ކުރި މަޝްރޫއަކަށްވާއިރު އެމްޓީސީސީން ވަނީ ކަނޑއެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތްނިންމާނެކަން ފާހަގަކޮށްފައެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރަށަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަމާއި،ތޮއްޖެހުމާއި، ގޮނޑުދޮށް ސަރަހައްދުގެ ކުޑަކަމަށް ލުއިހޯދޭނެ ކަމަށެވެ.
މާފުށީގެ ފަތުރުވެރިކަން ކުރިއަރާފައިވާ މިންވަރަށް ތައުރީފް ކުރައްވާ އަސްލަމް ވަނީ މި ސިނާއަތް ފުޅާ ކުރުމަށްޓަކާ ސަރުކާރުންކޮށްދެވެން ހުރި ހުރިހާމަސައްކަތެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މަޝްރޫއު ކުރިޔަށް ގެންދިއުމުގައި ތިމާވެށީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ. އަދި ބިން ހިކުމުގެމަސައްކާތް ނިމުމާއި އެކު ބިން ފެހި ކުރުމަކީ މިހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

އެމްޓީސީސީއާއި ހަވާލުކޮށްގެން 99,981,373.00 ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކައި، 1110 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށް ވަނީ ނިންމާފައެވެ.
ރަށުން ގޯތި ނުދެވޭތާ 19 އަހަރު ވެފައިވާ ކަމަށާއި ގޯތި ބޭނުންވާ އެތައް ސަތޭކަ ރައްޔިތުންނެއް އެބަ ތިބި ކަމަށް މާފުށީ ކައުންސިލްއިން ވަނީ އެރަސްމިއްޔާތުގައި ފާހަގަކޮށްފައެވެ. އަދި ރައީސްގެ ވައުދާއި އެއްގޮތަށް މަސަކަތް ކުރިޔަށްދާތީ އެކަމާ ކައުންސިލުން ވަނީ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.

