އިންސާނީ ވަގުފާރި ކުރާކަމަށް ތުހުމަތު ކުރޭ ކުންފުނިތަކެއްގެ މައްސަލަ ބެލުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންސާނީ ވަގުފާރީއަށް މަގުފަހިވާ ގޮތަށް ގިނަ މަޝްރޫއުތަކަކަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި މަކަރުވެރި އަމަލު ހިންގާ އަދި ސައްހަ ނޫން ލިޔެކިޔުން ހުށަހަޅާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ތިން ކުންފުންޏެއްގެ ތަހުގީގު ކުރުމަށްޓަކައި މި މަހުގެ 11 ވަނަ ދުވަހު އެ އިދާރާއިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގު ކުރުމަށްޓަކައި ޕޮލިހަށް ފޮނުވުނީ މައްސަލަތަކާއި ގުޅިގެން ކުރެވިފައިވާ މުއާމަލާތްތަކާއި އެ މައްސަލަތަކުގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައުލޫމާތުތަކާއި އެކުގައެވެ. މީގެއިތުރުން މައްސަލައިގެ ތަހުގީގު ނިމެންދެން މި ތިން ކުންފުނީގެ ހިއްސާދާރުންނާއި އެ މައްސަލަތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކަށް އިމިގްރޭޝަނުން ފޯރުކޮށްދެމުން ދިޔަ ބިދޭސީންނާއި ގުޅުންހުރި އެންމެހާ ހިދުމަތްތަކެއް މެދުކަނޑާލާފައެވެ.
މި ތިން މައްސަލައާ އެކުގައި އިންސާނީ ވަގުފާރީއަށް މަގުފަހިވާ ގޮތަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ 27 މައްސަލައެއް އިމިގްރޭޝަނުން ތަހުގީގު ކުރުމަށްޓަކައި ޕޮލިހަށް ހުށަހަޅާފައިވެއެވެ.
އިންސާނީ ވަގުފާރީއަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން އިމިގްރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ.

