21 ވަނަ ގަރުނުގައި ކުރިމަތިލާން ޖެހޭ ގޮންޖެހުންތަކާއި ކުރިމަތި ލެވޭނީ އެކުގައި މަސައްކަތްކޮށްގެންކަމަށް، ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝޭހް އިމްރާން މިފަަދައިން ވިދާޅުވީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ސުނާމީގެ ސަބަބުން ލިބުނު މާއްދީ ގޮންޖެހުންތަކުން އަރައިގަނެވުނަސް، ގުޅިގެން މެނުވީ ކާމިޔާބު ނުލިބެނެ ކަންކަމާއި މިއަދު ދިވެހިން ކުރިމަތިލާން ޖެހިފައިވާކަމަށެވެ.ސިޔާސީ ހަމަނުޖެހުން އެއްފަރާތަށް ދޫކޮށްލުމަށް ފަހު އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށާ، ދިވެހިންނަށް ދިމާވެފައިވާ އިޖުތިމާޢީ ކަންކަމަށް ކުރި ލިބޭނީ އޭރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“ މަސްތުވާތަކެތީގެ ވަބާއާއި ދެކޮޅަށް އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރަންޖެހޭ. އަޅުގަނޑުމެންގެ ތެރެއިން ބަަޔަކު މަދުން ނަމަވެސް މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް، ރަސޫލާސައްލައްﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަކުރުމާއި ދެކޮޅަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ. އަދިއިސްލާމްދީނުގެ ނަމުގައި ހަރުކަށި ފިކުރަށް ތަބާވެ ހިންގާ އަމަލުތަކާއި ދެކޮޅަށް އެކުގައި މަސައްކަތް ކުރަން ޖެހޭ. މިފަދަ ބޮޑެތި އިޖުތިމާޢީ ބބަލިތަކުން ސަލާމަތްވެގެން ނޫނީ އުފާވެރި މުސްތަގްބަލެއް ނުލިބޭނެ. މިކަމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއް.“
ދިވެހި ރައްޔިތުންނަކީ ޒަމާނުއްސުރެ އެކުވެރި ބައެއް ކަމަށާއި، ދިވެހިންނަކީ އެއްބައިވަންތަކަމުގެ ލާމަސީލު މިސާލެއްކަމަށް ޝޭހް އިމްރާން ވިދާޅުވިއެވެ. އެގޮތުން، ދިވެހީންނަކީ އެކަކު އަނެކަކަށް ދިމާވާ ދެރަ ކަންކަން ނެތިކޮށްލަން މަސައްކަތް ކުރާ މަދަދުވެރި ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހިންނަށް ދިމާވި ސުނާމީ ކާރިސާއަކީ ދިވެހީންގެ އެއްބައިވަންތަކަން ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ހާދިސާއެއްް ކަމަށް ޝޭން އިމްރާން ވިދާޅުވިއެވެ.
“ 2004ގެ ސުނާމީ އަކީ ރައްޔިތުންގެ ހިތްތަކަށް ހިތާމައާއި މޮޅިވެރިކަން ގެނައި ހާދިސާއެއް. އެއީ ދިވެހި ރާއްޖެ ހިތާމައިގެ އަޑުން ގުގުމާލި އަޑެއް. އެދުވަހު މަސްވެރިން މަހޖަށް ފުރައިގެން ދިޔަ. ގޭތެރޭގެ އަހުލުވެރިން އެ މަސައްކަތުގައި ޝާމިލްވެ އުޅުނު. އެހެންނަމަވެސް ގިނަ ވަގުތުތަކެއް ނުވެ މުޅި ޖައްވު ބަދަލުވި. އިރުމަތީ ފަރާތުން އެރި ބޮޑު ރާޅު މަދު ސިކުންތު ތެރޭ މުޅި ރަށް ދޮވެލި. ރަށް އެފުށް މި ފުށަށް ޖެހިގެން ދިޔަ. ”
ޤައުމަށް ކުރިމަތިވާ ކޮންމެ ބޮޑު ކަމަކުން އަރައިގަނެވޭނީ ގުޅިގެން ކުރާ މަސައްކަތުންކަން އެމަނިކުފާނު ވަނީ ފާހަކުރައްވާފައެވެ.
އެއްބައިވަންތަކަމުގެ ދުވަހަކީ ސުނާމީއާއި ގުޅިގެން ފާހަގަކުރާ ދުވަހަކަށް ވާއިރު، އެދުވަހު ދިވެހިން ދެއްކި އެއްބައިވަންތަކަމާއި މެދު ދިވެހިންގެ ކާބަފައިން ފަޚުރުވެރިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ދުވަހުގެ ކާރިސާގައި ފުރާނަ ގެއްލި ދިޔަ އަހުންނަށް ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރެއްވުން އެދި އެމަނިކުފާނު ދުޢާދެންނެވިއެވެ. އަދި ދެވެހިންނަކީ އެއްބައިވަންތަ ބަޔަކަށް ވުމަށް އަބަދުވެސް އުއްމީދުކުރައްވާކަން ހާމަކުރެއްވިއެވެ.
މި އަހަރުގެ އެއްބައިވަންތަ ކަަމުގެ ދުވަސް ފާހަގަކުރަނީ ކޮޅުމަޑުލު ވިލުފުށިގައެވެ. ވިލުފުއްޓަކީ ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި އެއް ރަށެވެ.

