މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިއްޖެއެވެ.
ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނީ ކުރީގެ ރައީސް ޔާމީންގެ އެކައުންޓުގައި ހުރި މަނީލޯންޑާ ކުރުމުގެ މައްސަލައާ ގުޅުން އޮތް ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދުނީ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ހުކުމް ކޮށްފައި ވާތީ ޖިނާއީ އިޖުރާއާތުގެ ގާނޫނާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.
https://twitter.com/PGO_MV/status/1210120975913635843
ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާ ގޮތުން މީހަކު ކުރި ކުށެއްގެ ސަބަބުން އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ލިބިފައިވާ ކަން ސާބިތުވެއްޖެ ނަމަ އަދި އެ މުދަލެއް ނުވަތަ ފައިސާއެއް ދައުލަތަށް ނަގަން ގާނޫނަކުން ކަނޑައަޅާފައިވާ ނަމަ، އެ މުދަލެއް ނުވަތަ އެ ފައިސާއެއް ދައުލަތަށް ނަގަން ކޯޓުން އަމުރު ކުރަން ޖެހޭނެ އެވެ.
މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު ބުނާ ގޮތުން މަނީ ލޯންޑަރިންގެ އަމަލު ހިންގަން ބޭނުންކުރި ފައިސާ ނުވަތަ މުދާ ދައުލަތަށް ނަގަން އަމުރު ކުރަން ޖެހޭނެ އެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ކުރީ އެމަނިކުފާނުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި އޮތް އެކައުންޓަކަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތުކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގަ އެވެ.
އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު، އޭގެ ބަދަލުގައި އެހެން ގޮތަކުން ހޯއްދެވި 1 މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އެމްއައިބީގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އޭގެ އަސްލު އޮޅުވާލެއްވި ކަމަށް ދައުވާގައިވެ އެވެ.
އެ ދައުވާ ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.
ޔާމީން މިހާރު ހުންނެވީ މާފުށީ ޖަލުގަ އެވެ.

