ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުނާމީ ކާރިސާ: އެ ދުވަހުގެ ހިތި ހަނދާންތައް ދިވެހީންގެ ހިތަކުން ނުފިލާނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދަކީ ދިވެހިން ދުށް އެންމެ ނުރައްކާތެރި ކާރިސާ ކަމުގައިވާ ސުނާމީއަށް 15 އަހަރު ފުރުނު ހިތާމަވެރި ދުވަހެވެ.

15 އަހަރަކީ ދުލުން ކިޔާލަން ކިތަންމެ ފަސޭހަ އަދަދަކަށް ވިޔަސް، އަޑު އަހާލާއިރު އެއީ ދިގު މުއްދަތެއްހެން ހީވިޔަސް، މިއަދުވެސް ދިވެހިން އެ ހަނދާންތައް އާކުރާ ހިދު ގައިން ހީބިހި ނަގައިގެން ދާނެކަން ޔަޤީނެވެ.އެ ދުވަހުގެ ހަނދާންތަކަކީ ދިވެހިންގެ ހަނދާނުގެ ފަތްފުށުން އެންމެ ކަޅު ސޮފްހާތަކުގައި ލިޔެވޭނެ އެއް ހަނދާން ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. އެ ދުވަހަކީ ދިވެހިންގެ ހިތްތައް އަސަރުން  ރޮއްވާލި ދުވަހެކެވެ. އެ ދުވަހަކީ އެތައް ދިވެހީންނެއްގެ ދިރިއުޅުން ބަދަލުކޮށްލި ދުވަހެއްވެސް މެއެވެ.

އަޅުގަނޑަށް އެ ދުވަހުގެ އަސަރުތައް ހަމަ ލޯމައްޗަކަށް ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް ދުރު ހަނދާނުގައި ނަމަވެސް، ދުވެފައި މީހުން އެއްގެއިން އަނެއްގެއަށް ގޮސް، އެއްގޭގެ މީހުން އަނެއްގޭގެ ހާލު ބެލި ހަނދާނެއް ވެއެވެ. ދުރު ތަންތަނުގައި ތިބި އެކުވެރިންނާއި ގާތް ތިމާގެ މީހުންނަށް ގުޅޭތޯ އަވަސްވެގަތް ހަނދާންވެސް ހުރެއެވެ. ވެގެން އުޅޭ ގޮތެއް އަޅުގަނޑު ކުޑަ ކަމުން އޭރު ރޭކާލީކީ ނޫނެވެ. ސުނާމީ އެރިކަމާއި، އެކަމުން ލިބުނު ގެއްލުންތައް އިންތިހާ ބޮޑުކަން އިހުސާސް ކުރެވުނީ، ޚަބަރުތަކުން ފެނުނު މަންޒަރުތަކުންނެވެ.

ކިތަންމެ ކުޑަ ނަމަވެސް، އެ މަންޒަރުތައް ފެނިފައި ދިމާވެގެން އުޅޭ ކަމުގެ ސީރިއަސްކަން އަޅުގަނޑަށްވެސް ތަސައްވުރު ކުރެވުނެވެ. އާދެ، އިންޑޮނޭޝިއާގެ ހުޅަނގުން ކަނޑުގެ އަޑިއަށް އައި ބާރުގަދަ ބިންހެލުމަކާއި އެކު އުފެދުނު ސުނާމީ ދިވެހިރާއްޖެއަށް ފޯރީ ބިންހެލުން އައިތާ ގާތްގަނޑަކަށް ތިންގަޑިއިރު ފަހުންނެވެ. އެ ސުނާމީގެ ރާޅު ރާއްޖޭގެ އެއްފަރާތުން އަނެއް ފަރާތަށް އަރައިގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ.

null

ރާއްޖޭގެ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް ސުނާމީގެ ރާޅުތައް އަރަން ފެށީ އެ ދުވަހުގެ ނުވަގަޑި ވިހީގައެވެ. ދުވަހުގެ ދިރިއުޅުމުގައި އަވަދިނެތި އުޅުނު ފަރާތްތައް ސިއްސުވާލާ، ގަދަ ނިދީގައި ތިބި ފަރާތްތައް ހޭލައްވާލި ދުވަހަކަށް އެ ދުވަސް ވެގެން ދިޔައެވެ.

ކޮންމެއަކަސް، ދުނިޔޭގެ ޚަބަރެއް ނުލިބި، ތިމާގެ ލޯބިވާ ގާތް މީހުން ވީތަނެއް ނޭނގި އެ ކާރިސާ އިން ސަލާމަތް ވާން ކުރި މަސައްކަތަކީ އަލުން ދުވަހަކު ވެސް އިއާދަވާން ބޭނުންވާނެ ކަމެއް ނޫންކަން ޔަޤީނެވެ. ކަންދިމާކުރި ގޮތުން ކަނޑު މަޑުވެ، އެއްބަޔަކު އަނެއް ބައެއްގެ ޚަބަރުތައް އެ ބަޔަކަށް ވީ ގޮތަކުން ހޯދަން ފެށީ އެ ދުވަހުގެ މެންދުރު ފަހުއެވެ. މާލެއާއި ހަމައަށް ބައެއް ރަށްރަށުގެ ޚަބަރުތައް ފޯރީ އެ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.  އެދުވަހު އެރި ރާޅުތައް ފައިބައިގެން ދިއުމުން ކޮންމެ ރަށެއްގެ ރައްޔިތުން ވެސް އެއްތަނަކަށް ޖަމާވުމަށް ފަހު އާންމުންގެ ހާލަތު ބަލަމުންދިޔައެވެ.

އެދުވަހަކީ ޚިޔާލު ތަފާތުވެ ނުރުހިފަ ތިބި އެންމެން އަތުގުޅާލި ދުވަހެކެވެ. ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ބައެއް ރަށްރަށުގެ މީހުންނަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެހީތެރިކަން ލިބެން ފެށި ނަމަވެސް އެ އެހީ އަށް ބައެއް މީހުން ކުރަން ޖެހުނީ ދިގު އިންތިޒާރެކެވެ. . ބައެއް ރަށްރަށަށް އެހީތެރިކަން ފެށީ ސުނާމީގެ އަސަރު ކުރިތާ 12 ގަޑިއިރު ފަހުންނެވެ. ސުނާމީ ކާރިސާއަށްފަހު ރާއްޖޭގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއްވެ އެތައް ބައެއްގެ ގޯތި ގެދޮރު ގެއްލި ބިކަވެގެން ދިޔައެވެ. އެ ފަރާތްތަކަށް އަލުން ދިރިއުޅުން އާބާދު ކުރަން އެތައް އަހަރުތަކެއް ފާއިތުވިއެވެ.

އެ ދުވަހުގެ ވާހަކަތައް އެހެންމީހުން ކިޔާދޭ ވާހަކަ އަޑު އިވުމުން އަޅުގަނޑުގެ ހިތައް ވެރިވަނީ ދުލުން ނުވަތަ ގަލަމަކުން ބަޔާންކުރަން ނޭނގޭނެ ފަދަ ޖަޒުބާތުތަކެކެވެ. އެ ދުވަހުގެ ބިރުވެރިކަމައި ކުރިމަތިލާން ނުޖެހުމުން ﷲތަބާރަކްތަ ވަތަޢާލާއަށް ހަމްދާ ޝުކުރުކުރެވެއެވެ. އެ ދުވަހު މައިންނާއި ބަފައިންނާއި ދަރިންނާއި ވަކިވި ދިވެހިންގެ އުދާސްތައް ހިތަށް ގެނެވުނަސް މޮޅިވެ މާޔޫސްވެއެވެ.  އެހެންނަަމަވެސް  އަޅުގަނޑަށް ފެނުނު ތަނުގައި އެދުވަހަކީ މައިން ދަރިންގެ މަތިން ހަނދާން ނެތުނު ދުވަހެކެވެ.  ވަށައިގެން ކަނޑު އޮތްކަމުގައިވީ ނަމަވެސް، ގިނަ ދިވެހިންނަކީ މޫދާ ރައްޓެހިބަޔަކަށް ވީނަމަވެސް އެ ދުވަހަކީ އަމިއްލަ ފުރާނަ ސަލާމަތްކުރުން އެ ދުވަހު ގިނަ ދިވެހިންނަށްވީ ބުރަކަމަކަށްކަން ވެސް އެނގެއެވެ. އެ ދުވަހު  ތިމާގެ ލޯ ކުރިމަތިން ތިމާގެ އާއިލާ އާއި ރައްޓެހިން ރާޅުތައް ތެރެއަށް ގެއްލުނު މަންޒަރު ފެނުނު ދިވެހިން އެބަ ތިއްބެވެ. އެ މީހުންގެ އުދާސްތައް އަޅުގަނޑު ތަސައްވުރު ކުރާނީ ކިހިއްބާއޭ ހިތަށް އަރައެވެ.

މީގެ 11 އަހަރު ކުރިން 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެރި ސުނާމީގައި ދިވެހިންގެ ފަރާތުން ފެނިގެން ދިޔަ އެއްބައިވަންތަކަމުގެ ސަބަބުން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. އެހެންނަމަވެސް ހިތަށް އަރަނީ އެ ދުވަހުގެ ވާހަކަތައް ތަަސައްވުރުކޮށްދިން ނަމަވެސް އެ އިހުސާސްކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމުގައެވެ.

ޝައްކެއްވެސްނެތެވެ. އެއީ ހިތަށް ވެސް ގެންނަން އުނދަނގޫ ފަދަ ބިރުވެރި ދުވަހެކެވެ.  އެކާރިސާގައި ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓު ތެރޭގައި ރާއްޖޭގެ އެތައް ރަށެއް މުޅިން ސުންނާފަތި ކޮށްލިއެވެ. އެތައް އަހަރެއްގެ މިންނެއް މަސައްކަތުން އެޅި ގެތަަކާ އިމާރާތްތައް ބަލަބަލާތިއްވާ ބިމާ ހަމަކޮށްލިއެވެ. އަދި ރާއްޖޭގެ މުވާސަލާތީ ވިއުގަ ފެއިލްވެ، އަތޮޅުތަކާއި މާލެއާއި ދެމެދު އޮތް މުވާސަލާތީ ގުޅުންތައް ކެނޑުމަކީ ދިވެހިންގެ ހިތްތަކަށް ވެރިވި ނުތަނަވަސްކަން އިތުރުކޮށްލި ކަމެއްކަން ގައިމެވެ. 

އެ ދުވަހު ހުވަފަތްވި އަނބިންނާއި، ޔަތީމްވި ކުދިންނަށް ލިބުނު ގެއްލުން އިއާދަކޮށް ނުދެވޭނެ ކަން ގައިމެވެ.  ސުނާމީގައި ނިޔަވި ފަރާތްތަކަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ.  އަދި އެ އާއިލަތަކުގެ ހިތާމަތައް ކުޑަކޮށްދެއްވާށިއެވެ.. އާމީން

ވަރަށް ގަދަ
6%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 28%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: