ގުދުރަތީ ކާރިސައަކަށް ދިވެހިންގެ ލޯ ހުޅުވާލީ މީގެ 14 އަހަރުކުރިން ރާއްޖެއަށް އެރި ބޮޑުރާޅާއެކުއެވެ. 2004 ވަނަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހުގެ ފަތިހުގެ ވަގުތު އިންޑޮނޭޝިއާ ކައިރިން ކަނޑުގެ އަޑިޔަށް ރެކްޓާ މިންގަނޑުން 9.1 އާއި 9.3ގެ ބާރުމިނުގައި އައި ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ވަނީ ކޮށްފައެވެ.
އެދުވަހު ރާއްޖެއަށް އިރު ވީއްލިގެން ދިޔައީ އިންޒާރުތަކާއެކުގައެވެ. ނަމަވެސް މީގެ ކުރިން އަޑު އަހާފައިވެސް ނުވާ ”ސުނާމީ“ އަކީ ދިވެހިން ދަންނަ ބަހެއް ނޫނެވެ. ކުރިމަތިވާން މިއުޅޭ ބޮޑު ކާރިސާއަކަށް އޭރު ދިވެހިންގެ ހިތުގައި މާބޮޑު ޙަސްކަމެއް ނެތެވެ.
އެއީ ސްކޫލް ބަންދު ދުވަސްރެއްކަމުން އަތޮޅުތެރޭގެ ރަށްތައް އޮތީ މީހުންނައިގެން ފުރާލާފައެވެ. ސްކޫލް ބަންދުކަމުން ކުދިންތައް މަގުމަތީގައި ކުޅުމުގައި އަވަދިވެގެން އުޅުނު އިރު ފެނިގެން ދިޔައީ އުފާވެރި މާހައުލެކެވެ. އަމާން ޖައްވެކެވެ. އެހެން ނަމަވެސް ރާއްޖޭގެ ތާރީހު ބަދަލުކޮށްލީ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައެވެ. މަދު ވަގުތުކޮޅެއްގައި ހިނގައިދިޔަ ކާރިސާގައި މުޅި ދިރިއުޅުން ބަދަލުކޮށްލިއެވެ.
ރަށު ކޮޅުން ބޮޑު ރާޅެއް އަރާ އަނެއް ފަރާތުން ފައިބައިގެން ދިޔައީ މުޅި ރަށް ވީރާނާކޮށްލާފައެވެ. ކުރިން އޮތް އުފާވެރި މާހައުލާ އަމާންޖައްވު މުޅިން ފުނޑުފުނޑުކޮށްލީ ގެތަކާއި ރުއްގަސް ބިމާއި ތިރިކޮށްފައެވެ. މުޅި ދިރިއުޅުން ވީރާނާ ކޮށްލާފައެވެ. އެދުވަހުގެ ހަނދާންތައް މިއަދުވެސް ތަސްވީރުތަކުން ފެންނަން އެބަހުއްޓެވެ.

ނަމަވެސް އަރައިގެން އައި ބިޔަ ބޮޑު ރާޅު ހަމަލޮލަށް ފެނުނު މީހުންގެ ހިތުން އެބިރު އަދިވެސް ފިލައިގެނެއް ނުދެއެވެ. އެދުވަސް އިއްޔެވީ ކަމެއްހެން އެމީހުން ހަނދާން އެބަހުއްޓެވެ. އެދުވަހު އަރައިގެން އައި ބިޔަރާޅުތައް ވަނީ އެތަށް މައެއްގެ އުނގާއި ދަރިން ވަކިކޮށްފައެވެ. އެތަށް ބައްޕައިންގެ އަތުން ދަރިން ބީވެގެން ރާޅާއެކު ދަމައިގަތީ ލޯކުރިމަތީގައެވެ. އުމުރުދުވަހުގެ މަސައްކަތް ބަލަބަލާ ތިއްބާ ވީރާނާވީއެވެ.
އެ ހާދިސާ ތަޖުރިބާކުރި މީހުންގެ ލޯތަކުން އެދުވަހު ހިލުވައިލި ކަރުނައިގެ އަގުގެ ހިސާބެއް، ކިތާބެއް ނެތެވެ. ހިތާއި ލަގޮނޑިއަށްކުރި ބާރުގެ އަސަރަށް ނިމުމެއް ނެތެވެ. މި ކާރިސާގައި ދިވެހިރާއްޖެ އިން 82 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާ އިރު 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.
ސުނާމީއާ ގުޅިގެން ރާއްޖޭގެ 13 ރަށަކުން މީހުން ފޭބިކަމަށް ސަރުކާރުގެ ރަސްމީ ރިޕޯޓުތަކުން ދައްކާ އިރު، ގެދޮރު ގެއްލުނު މީހުންގެ އަދަދު 15000 އަށްވުރެ މައްޗެވެ. މިއީ ރާއްޖޭގައި އޭރުއޮތް އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް ސީދާ އަސަރުކުރުވި ކާރިސާއެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ހިތަށް ކުރި އަސަރަކީ މިފަދަ ލިޔުމަކުން ބަޔާންކޮށްދެވޭ ވަރަށްވުރެ ހިތި ތަޖުރިބާއެކެވެ. އުފާވެރި ދުވަހެއްގެ ނިމުން ގެނުވީ އެމީހުންގެ މުޅި ދުނިޔެ އެފުއްމިފުށަށް ޖަހާފައެވެ. ސުނާމީއަށް ފަހު ދެންވެސް އެމީހުން ދިރިއުޅެންޖެހުނީ ވޭނާއި ކެކުޅުމުގައެވެ. ގެދޮރު ބިޔަ ރާޅާ އެކީ ސުންނާފަތިވިއިރު ދެން އެމީހުން ދިރިއުޅެން ޖެހުނީ ވަގުތީ ހިޔާވަހިކަމުގައެވެ. ވަންނާނެ ގެދޮރެއް ނެތި ލާނެ އެއްޗެއް ނެތި ކާނެ ގޮތެއް ނެތި ބިކަވީ ކަމަށް ހީކުރެވުނެވެ.
ނަމަވެސް ކަންތައްވީ ދިމާ އިދިކޮޅަށެވެ. މި ހިތާމަވެރި މަންޒަރު ބަލާކަށް ދިވެހިންނަކަށް ނުތިބެވުނެވެ. އެ ބަޔަކަށް ވެވުނުއެހީއެއް ވުމަށްޓަކައި ހޭލަމޭލަ ވާން ފެށިއެވެ. ދުވަހަކު ނުވެސް ދަންނަ ބަޔަކަށް އެހީތެރިކަމުގެ އަތް ފޯރުކޮށްދެމުން ދިޔައީ އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ނަމޫނާ ދައްކަމުންނެވެ.
ހަމްދަރުދީއާއި ރުހުމަތުގެ އަތްތައް ހާލުގައި ޖެހުނު މީހުންނާއި ހިސާބަށް ފޯރީ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. ވަގުތީ ހިޔާތަކުގައި ކަރުނައިން ތެމިފައިވާ ލޯތަށް ފުހެދިނީ ދިވެހިންގެ އޯގާތެރި އަތްތަކުންނެވެ. ދިރިއުޅުމުގައި އާއުންމީދެއް އެމީހުންނަށް ދައްކުވައިދިނީ އޯގާތެރިކަމާއެކުގައެވެ.

ސުނާމީ ކާރިސާގެ ހަނދާން އާކުރަންވީ ހަމައެކަނި އެ ދުވަހުގެ ބިރުވެރިކަމަކަށް ނޫނެވެ. އެދުވަހުގެ ހަނދާން އާކުރަން މަޖުބޫރު ކުރުވަނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާގެ ސަބަބުންނެވެ. ކުޑަ ގައުމެއް ނަމަވެސް މުޅު ދުނިޔެއަށް ދެއްކި ނަމޫނާ މިއަދު ދިވެހިން ފަހުރުވެރި ކުރުވައެވެ.
ިނިންމާލުމުގެ ކުރިން މި އެއްބައިވަންތަކަން ދެމެހެއްޓުމަށް އެދެމެވެ. ނަމަވެސް ހާދިސާއެއް ނުވަތަ ކާރަިސާއެއް ދިމާވުމުންނެއް ނޫނެވެ. އެއްބައިވަންތަ ކަމަކީ ގަދަފަދަކެމެވެ. އެއީ ދިމާވާ ކޮންމެ މުސީބާތެއްގައިވެސް ކުރިމަތިލުމުގެ ހިތްވަރަކީ އެއީއެވެ. ކާމިޔާބީ އަކީވެސް އެއީއެވެ.

