ކުރިން އޮތް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ ބޭނުމަށް އޮޑިޓަރުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ހުއްޓާލަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން ޑިސެމްބަރު މަހުގެ 4 ގައި ފާސްކޮށް، މި މަހުގެ 17 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވި އިންކަމް ޓެކްސްގެ ގާނޫނާއި އެކު އެ ޓެކްސް ޖެނުއަރީ މަހުން ފެށިގެން ނަގަން ފަށާނެއެވެ. އެއާއި އެކު، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު އުވިގެން ދާނެއެވެ.
އެކަމާއި ގުޅިގެން މީރާއިން މީޑިއާތަކަށް ބުނެފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު އުވިގެން ދާތީވެ އެ ގާނޫނުގެ ބޭނުމަށް އޮޑިޓަރުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިޔަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ އިދާރާގެ އޮޑިޓަރުންގެ ދަފުތަރުގައި މި ވަގުތު ތިބި ފަރާތްތަކަށް މި އަހަރުގެ ނިޔަލަށް ބިޒިނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ބަޔާންތަކާއެކު ހުށަހަޅާ އޮޑިޓަރުގެ ރިޕޯޓުގައި ސޮއިކުރެވޭނެ ކަމަށް މީރާއިން ވަނީ ބުނެފައެވެ. އަދި އެ ގޮތަށް ސޮއި ކުރެވޭނީ އެ އޮޑިޓަރު ރަޖިސްޓްރީ ކުރެވިފައިވާ ކެޓަގަރީއާ ތައާރަޒު ނުވާ ގޮތަށްކަން ވެސް މީރާއިން ވަނީ ފާހަގަކޮށްފައެވެ.
މީރާއިން ބުނެފައިވާ ގޮތުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހުށަހަޅާ ބަޔާނާއެކު އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ހުށަހަޅަން ޖެހޭ ފަރާތްތަކުން ބަޔާން ހުށަހަޅަން ޖެހޭނީ، އެ ގާނޫނުގައިވާ ބުނެފައިވާ ގޮތަށް ކަމާ ބެހޭ އިދާރާއަކުން ހުއްދަ ދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާ އެކުގައެވެ.
އިންކަމް ޓެކްސް ނަގާނީ އާމްދަނީގެ ގޮތުގައި އެންމެ މަދުވެގެން މަހެއްގެ 60،000 ރުފިޔާ ލިބޭ މީހުންގެ އަތުންނެވެ. އަދި 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 5.5 ޕަސެންޓް ނަގާނެ އެވެ. 100،000 ރުފިޔާއާއި 150،000 ރުފިޔާއާ މެދުގެ އާމްދަނީން ނަގާނީ 8 ޕަސަންޓެވެ. މީގެ އިތުރުން 150،000 ރުފިޔާއާއި 200،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 12 ޕަސެންޓް ނަގާއިރު، 200،000 ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން 15 ޕަސެންޓް ނެގުމަށް އިންކަމް ޓެކްސްގެ ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ.
ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް އަހަރަކު 450 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި އެ ޓެކްސް ދައްކަން ޖެހޭނީ ގާތްގަނޑަކަށް 3200 މީހުން ކަމަށް ފިނޭންސް މިނިިސްޓްރީން ބުނެ އެވެ.
ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ، ފުރަތަމަ ރިޔާސީ ބަޔާނުގައި ވަނީ ދިވެހި ރާއްޖޭގެ އިގްތިސާދީ ދުވެލެއަށް ޓެކްސްގެ ނިޒާމު ބޮޑު އިންސައްތައެއް ހިއްސާ ކުރާކަން ފާހަގަކުރައްވާފައެވެ.
ރައީސް ސޯލިހް ވިދާޅުވީ މުޅި ގައުމަށްވެސް ލިބޭ މަންފާތައް އިތުރު ކުރުމަކީ، ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއަރާދާނެ ސަބަބެއްކަމަަށެވެ. އަދި ރައްޔިތުންނަށް ލިބޭ ކޮންމެ ތަރައްގީއެއްގެ ކުރިއެރުމެއްގައި ރައްޔިތުންގެ އަތްމަތި ތަނަވަސްވުން ހިމެނޭކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މަސައްކަތްތައް މެދުވެރިކޮށް ރައްޔިތުންނަށް އެ ލިބޭ އުޖޫރައަކީ ރައްޔިތުމީހާގެ އަބުރުވެރި ދިރިއުޅުމަށް އެންމެ އެކަށީގެންވާ އަދަދުގެ ގޮތުގައި ޔަގީން ކުރައްވާނެ ކަމަށެވެ.
ޓެކްސްގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރިޔަށްދާއިރު ބައެއް ފަރާތްތަކުން ގަބޫލު ކުރާގޮތުން ނިޒާމަށް އެންމެ ބޮޑު ކުރިއެރުމެއް އަންނާނީ އިންކަމް ޓެކްސްގެ ޒަރިއްޔާއިންނެވެ.
ޓެކްސް ފައިސާ ބޭނުން ކުރުމަށް ނިންމާފައިވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ބޮޑެތި ބަލިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޯފެނާއި ނަރުދަމާ ގާއިމްކޮށްދިނުމުގެ އިތުރުން ފޯރުންތެރިކަން ކުޑަ އާއިލާތަކަށް ދައުލަތުގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ޓެކްސް ނިޒާމް ތައާރަފް ކުރި އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ވަނީ މުއްސަނދިންގެ އާމްދަނީން އިންކަމް ޓެކްސް ނަގަން މަޖިލީހަށް ބިލެއް ހުށަހަޅައިފައެވެ.

