އެކަކު އަނެކެއްގެ ވާހަކަ އަނެކާ ހިތްނުރުހޭނެގޮތަށް ދެއްކުމަކީ ވަރަށްނުރައްކާތެރި އެހާމެ ނުބައިސިފައެކެވެ. މިއީ އެއް އިންސާނަކު އަނެއް އިންސާނެއްގެ މުޅަމަސް ކެއުންފަދަ ކަމެކެވެ. މިކަމަކީ މުޖުތަމަޢު ބައިބައި ކުރުވާ ކަމެއްވެސްމެއެވެ. ގިނަފަހަރަށް މިގޮތަށް ދެކެވޭ ވާހަކަތަކުގައި މާބޮޑު އަސްލެއް ޙަޤީޤަތެއްވެސް ނޯވެ އެވެ. އެހެންކަމުން މިކަންވެގެންދަނީ ޙަސަދަޔާ ރުޅިވެރިކަމާއެކު ޙަޤީޤަތާ ޚިލާފަށް ފަތުރާލެވޭ ދޮގު ވާހަކަގަނޑަކަށެވެ. ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގެ އެކުވެރިކަމާ ސުލްޙަ މަސްލަޙަތު ގެއްލިގެންދަނީ ހީވެސް ނުކުރާކަހަލަ ގޮތަކަށް އެހާމެ ބާރަށެވެ.
ޙަޤީޤަތް ނުބަލާ ވާހަކަ ދެއްކުމަކީ ނުރައްކާތެރިކަން ބޮޑު ހުތުރު ސިފައެކެވެ. އެކުވެރިކަމާ އެއްބައިވަންތަކަން ގެއްލިގެންދާ ކަމެކެވެ. އަނެކާގެ ޢަބުރު ވެއްޔާ މޮޑެލާކަމެކެވެ. މީގެއިތުރުން ޚުދު ތިބާގެ އަގު އެހެންމީހުންގެ ކުރިމަތީގައި ވެއްޓި، ތިބާ ފަޟީޙަތްވެ ބޭޒާރުވާކަމެވެސްމެއެވެ. ސަބަބަކީ މިފަދަ ވާހަކަތައް ދައްކާމީހުންނަށް އެއްވެސް މީހަކު އިތުބާރު ނުކުރާކަމެވެ. އެހެނީ މުޖުތަމަޢުގެ ހަމަކޮންމެ ފަރުދަކަށްވެސް އޭނާގެ ގޮތްއެނގޭނެއެވެ. އެފަދަމީހުންނަކީ ސިއްރު ހިފެހެއްޓޭނެ މީހުއްނޫންކަމާއި، އެއީ ޚަބަރު ފަތުރަން ރަނގަޅު ވަޞީލަތްތަކެއްކަން އެނގޭނެއެވެ. ވީމާ އެފަދަ މީހެއްގެ ގާތުގައި ސިއްރުކުރަންޖެހޭ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ނުދައްކާނެއެވެ. އެހެންކަމުން މިކަމުންވެސް މިއީ ކިހާ ވަރަކަށް މީހާގެ އަގުވެއްޓޭ ކަމެއްކަން އިޙުސާސް ކުރެވޭނެއެވެ.
ދެކެވޭ ވާހަކަތަކާ އިވޭ އަޑުތަކާމެދު ސަމާލުވެ ހޭއަރާށެވެ. މުޖުތަމަޢުގައި ފެތުރޭ ވާހަކަތައް އަނެކުންގެ ގާތުގައި ދެއްކުމުގެ ކުރިން އޭގައި ކިހާވަރެއްގެ ބަރުދަނެއް ހުރިތޯބަލާށެވެ. މިކަން ނުކުރެއްވޭ ކަމުގައިވަނީނަމަ، ނުވަތަ އިވޭވާހަކަތަކުގެ ޙަޤީޤަތް ނުބެލޭ ކަމުގައި ވަނީނަމަ އެގޮތަށް އިވޭއެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ގާތުގައި ނުދައްކާށެވެ. މިވެނި މީހަކު މިހެންބުންޏޭ އެވެނިމީހަކު އެހެންކިޔޭ ކިޔައިގެން ވާހަކަދެއްކުމަކީ އެއްބަޔަކު އަނެއްބައެއްގެ ޢަދާވާތްތެރިންނާ ދުޝްމަނުންނަށް ވެގެންދާކަމެކެވެ.އަދި މިކަމަކީ މިކަމުގެ ސަބަބުން ނޭނގިތިބެ އެއްބަޔަކު އަނެއްބައެއްގެ އަބުރާ ޢިތްޒަތަށް އަރައިގަނެވޭ ކަމެއްވެސް މެއެވެ. އެހެންކަމުން މިކަމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއްނޫންކަން އަޅުގަނޑަށްވުރެ މާބޮޑަށް މިއިސްލާމީ ދިވެހި މުޖުތަމަޢުގެ ހަމަކޮންމެ ފަރުދަކުވެސް ދަންނާނެއެވެ.
މިކަހަލަ ވާހަކަތައް ބައެއްފަހަރަށް ފަތުރާލަނީ ރުޅިއަންނަ މީހަކާ ނުވަތަ ބަޔަކާ އެހެން މީހުންނާ ޖެއްސުމަށް އަޑީގައި ފޮރުވިގެން ތިބޭބައެކެވެ. ނުވަތަ މީހެކެވެ. ބޭނުމަކީ އޭނާ ނުވަތަ އެމީހާ ނުރުހުންވާ ބައެއްގެ ނުވަތަ މީހެއްގެ އަގު ވައްޓާލާ ބަދުނާމު ކޮށްލުމެވެ. އެމީހާގެ އިތުބާރު ނަގާލުމެވެ. ވިސްނުންތެރި ބުއްދިވެރިޔާ ކުޅިބަލާ މީހެއްގެ ގޮތުގައި ދުރުގައި ހުރެގެން މިކަންމިގޮތަށް ކުރުވާކަމެއް ނޭނގެއެވެ. ވާގޮތަކީ އާ ވާހަކައެއް އިވުމުން ދަންނަ މީހުންނާ ގާތް ރައްޓެހިންގެ ގާތުގައި އަވަހަށް އެވާހަކަ ދައްކާލެވެނީއެވެ. ރައްޓެހި ރަޙުމަތްތެރިކަމުގެ ގުޅުންބަދަހިކުރުމުގެ ބޭނުމުގައެވެ. އަނެކާގެ އިތުބާރު ހޯދުމުގެ އެދުމުގައެވެ.
މަޤުޞަދު ގޯހެއްނޫނެވެ. އެހެނަސް ކަންވަނީ ހީކުރާގޮތަކަށް ނޫނެވެ. ޙަޤީޤަތް ހާމަވާހިސާބުން އެހެންމީހުން ގުޅުން ކަނޑާލަނީއެވެ. އިތުބާރުއެމީހުންގެ ކުރިމަތީގައި ގެއްލެނީއެވެ. ހަމައެއާއެކު މުޖުތަމަޢުގެ މަސްލަޙަތުވެސް ގެއްލެނީއެވެ. ގުޅުންހުންނަ ފަރާތްތަކުގެ މެދުގައިނަފުރަތާ ރުޅިވެރިކަން އިންތިހާއަށް ދަނީއެވެ. ނަތީޖާއެއްގެ ގޮތުން މުޖުތަމަޢު ބައިބައިވެ، އެއްބަޔަކު އަނެއްބައެއްގެ ޢަދާވާތްތެރިންނަށް ވަނީއެވެ. އެހެންކަމުން އިވޭ އަޑުތަކާ ދެކެވޭ ވާހަކަތައް އެހެންމީހުންގެ ގާތުގައި ދެއްކުމަށްވުރެ ހުރިހާ ގޮތަކުންވެސް ހެޔޮކަންބޮޑީ ހަނުހުރުންކަން ދަންނާށެވެ.
ވިސްނާލައްވާށެވެ! އަޅުގަނޑުމެން އަމިއްލަ ނަފުސު އަމިއްލައަށް ހަލާކުގެ ތެރެއަށް އެއްލައިނުލާށެވެ. އަޅުގަނޑުމެން ކުރަމުންދާ މިފަދަ ޢަމަލުތަކާމެދު ޤިޔާމަތް މަޙުޝަރުދުވަހުން ސުވާލުކުރެވޭނެކަން ހަނދާންކުރާށެވެ.
އާނއެކެވެ. ތެދަސް ދޮގަސް އެއްވެސް ގޮތަކުންއަނެކުންގެ އަބުރަށް ހުތުރުވާ ޒާތުގެ ވާހަކަތައް ނުދައްކާށެވެ. އެފަދަ ވާހަކަތަކުގެ ތެރެއަށް ތިބާނުވަންނާށެވެ. ނަފުސުގެ ރައްކައުތެރިކަމާ މުޖުތަމަޢުގެ ސުލްޙަ މަސްލަޙަތަށްޓަކައެވެ. އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤުބަލާ މުޖުތަމަޢުގެ ކަރާމަތަށްޓަކައެވެ. އަޅުގަނޑުމެންގެ އަމިއްލަ ޢިތްޒަތާ އަބުރުގެ ސަލާމަތަށްޓަކައެވެ. އަޅުގަނޑުމެންގެ ރަށާ އަތޮޅާ ޤައުމުގެ ކުރިމަގަށް ޓަކައެވެ.

