ވެރިރަށް މާލެ ސިޓީގައި ދިރިއުޅެމުން އަންނަ އެޕާޓްމެންޓުތަކުގެ ކުލި ދިވެހި ސަރުކަރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ކޮންޓްރޯލް ކުރުމަށް އެދި ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.
އާބާދީގެ ތިން ބައިކުޅަ އެއްބައި ދިރިއުޅޭ ވެރިރަށް މާލޭގެ ކުލި ވަނީ އިންތިހާއަށް މަތިވެފައެވެ. އެގޮތުން، ކުއްޔަށް ހައްލެގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.
އެއް ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގު 12،000 އިން މައްޗަށް އަރާއިރު 3 ކޮޓަރީގެ އެޕާޓްމެންޓެއްގެ ކުއްޔަށް ދޫކުރަނީ ތިން މަހުގެ އެޑްވާންސް އާއި އެކު 25،000 އާއި 30،000 އާއި ދެމެދުގެ އަގަކަށެވެ. އެއީ ގޭގެ ކުޑަމިނާއި ބޮޑު މިނަށް ބެލުމަށްފަހުއެެވެ.
ކުލި ކޮންޓްރޯލް ކުރަން އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވަނީ މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ގެ ނަމުގައި އުފެއްދާފައި ވާ ޖަމިއްޔާއަކުންނެވެ. މި ޖަމިއްޔާއަކީ މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުން ތަމްސީލު ކުރާ ޖަމިއްޔާއެކެވެ.
ޕެޓިޝަންގައި ސޮއި ކުރުމާއި ގުޅޭގޮތުން އެމްޓީޔޫއިން ބުނެފައިވަނީ އެ ޖަމިއްޔާއިން މަސައްކަތް ކުރަނީ ވީހާ ވެސް ގިނަ ސޮޔާއެކު މަޖިލީހަށް ލިޔެކިޔުންތައް ހުށަހެޅުމަށް ކަމަށެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ސޮއި ކުރުން ކުރިޔަށް ގެންދިއުމަށްފަހު ކުރިއަށް އޮތް ތަނުގައި ދޮރުން ދޮރަށް ހިނގައިގެން ވެސް ޕެޓިޝަނަށް ސޮއި އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
އެމްޓީޔޫއިން ބުނެފައިވަނީ، މާލޭގައި ދިިރިއުޅެމުންދާ ގިނަ ރައްޔިތުންނަކީ ވަޒީފާއަށް ގޮސް ކުރާ ބުރަ މަސައްކަތުގެ މުސާރަ ކުށްޔަށް ދައްކަންޖެހޭ މީހުން ކަމަށެވެ. އެގޮތުން، ގެތަކުގެ ކުލި މީހުންގެ އާމްދަނީ އާއި ނުބައްދަލު ހިސާބަށް އުފުލެމުން ދާއިރު އެ މީހުންގެ އަޑު ސަރުކާރަށް އިއްވަން ބޭނުންވާ ކަމަށް ޖަމިއްޔާއިން ބުނެއެވެ.
މާލެ ކުލި ކޮންޓްރޯލް ކުރެވޭނީ މާލެ ސަރަހައްދަށް ސޯޝަލް ހައުސިން އިތުރުކޮށް، ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްގީކޮށްގެން ކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ. ކުރީގެ ސަރުކާރުންވެސް ގެންގުޅުނު ވިސްނުމަކީ އެއީ އެވެ.
މާލޭގެ ކުލި ކޮންޓްރޯލް ކުރުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތް ކުރާއިރު، މަޖިލީހުގެ ގަވާއިދުގެ 232 ވަނަ މައްދާގައި ބުނާ ގޮތުން މުޖުތަމައުގެ އާންމު ހާލަތު މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށް ނުވަތަ މަޖިލީހުގައި ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން އާންމުންގެ ވިސްނުން ހާމަ ކުރުމުގެ ގޮތުން މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅޭނެއެވެ.
ކުލި ކޮންޓްރޯލް ކުރަން އެދި ޕެޓިޝަނެއް މަޖިލީހަށް ހުށަހަޅެމުގެ މަސައްކަތް ފެށިއިރު ސަރުކާރުގެ ފަރާތުން ކުއްޔާ ބެހޭ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެ ބިލްގެ މަސައްކަތް އަންނަ ދައުރުގައި ފަށާނެއެވެ. މަޖިލީހަށް ހުށަހަޅާފައިވ އެ ބިލުގައި ވާގޮތުން ރަޖިސްޓްރީ ކުރުމެއް ނެތި މާލޭގައި ދިރިއުޅެއް ކުއްޔަށް ދިނުން މަނާވާނެއެވެ. އަދި އެ ބިލުގައި ކުއްޔަށް އުޅޭ މީހުންގެ ބައެއް ހައްގުތައް ވެސް ހިމަނާފައިވެ އެވެ.

