މި ދެ ދުވަހަކު ސޯޝަލް މީޑިއާއަށް ނަޒަރު ހިންގާލުމުން ފެންނަނީ އެއް ވާހަކައެކެވެ. ރިސޯޓު މުވައްޒަފުންނަށް ދޭން ޖެހޭ ސާވިސް ޗާޖުގައި މައްސަލައެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމާއި ގުޅިގެން ރިސޯޓު މުވައްފުންގެ ނުރުހުމުގެ ވާހަކަތަކެވެ. ކޮންމެ ރިޔާސީ އިންތިހާބަކާއި ދިމާކޮށް، އެންމެ ބާރަށް ސިޔާސީ ވެރިން ދައްކަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ވާހަކައެެވެ. އެ މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ނުލިބުމާއި، ސާވިސް ޗާޖު ދިނުމުގައި ކުންފުނިތަކުން ހަދާ މަކަރަށް ނިމުމެއް ގެންނާނެ ކަމަށް އެތައް ފަހަރަކު ބުންޏެވެ.
މާ ދުރަކަށް ނޫނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކަށް ބަލާލަމާ ހިނގާށެވެ. ބޮޑެތި އެތައް ޖަލްސާތަކެއް ބާއްވާ އެ ޖަލްސާތަކުގައި ދައްކާފައިވަނީ ރިސޯޓު މުވައްޒަފުންގެ ހައްގުތަކުގެ ވާހަކައެވެ. އޭރުގެ ސަރުކާރާއި އެކީ ތިއްބެވި ބޮޑެތި ވިޔަފާރިވެރިންނަށް އަމާޒުކޮށް ނުކިޔާކަށް ފާޑުކިއުމެއް ވެސް ނެތެވެ. އަމިއްލަ އެދުން ބޮޑު ކަމުގެ ވާހަކައާއި، އެ މީހުންނަކީ ސިޔާސީ ގޮތުން ހައްގުތަކުގެ ވާޙަކަ ދައްކަން މާ ރަނގަޅު ބައެއް ނޫން ކަމަށް ވެސް ބުންޏެވެ.
މި ހުރިހާ ވާހަކައެއް މިއަދު ދައްކަން މިޖެހުނީ، އަލީ ވަހީދު ވިދާޅުވީ ވާހަކައަކުންނެވެ. އެހެން ނަމަވެސް، އެއް އަހަރު ވެގެންއާއިރު ރާއްޖޭގެ އިގްތިސޯދަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދޭ ސިނާއަތުގެ މުވައްޒަފުންނަށް އެ މީހުންގެ ހައްގު ލިބިފައި ނުވުމަކީ ކަންބޮޑުވުމެކެވެ. ކުރިޔަށް މިދަނީ، ފަތުރުވެރިކަމުގެ ޕީކް ސީޒަނެވެ. އަދި ސިނާއަތުގެ އެންމެ ބާރު ބޮޑު އަދި ބިޒީ ސީޒަންވެސް މެއެވެ. އާ އަހަރާއި ދިމާކޮށް ރާއްޖެއަށް އެތަށް ފަތުރުވެރިންނެއް އަންނައިރު އެ ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި އަވަދިނެތި އެ މަސައްކަތް ކުރަނީ ތަނުގެ މުވައްޒަފުންނެވެ. އެއްގޮތަކަށް ވެސް ތަނުގެ ވެރީންނެއް ނޫނެވެ.

ވަނަ އަހަރުގެ ތެރޭގައި، ފަތުރުވެރިކަމަށް ހިދުމަތް ދޭ ތަންތަނުގެ އިންސްޕެކްޝަން ކުރެވިއްޖެއެވެ. މައުލޫމާތުތައް އެއްކުރެވިއްޖެއެވެ. ވަރުވަރުން މީޑިއާތަކާއި ހަމައަށް ފޮނުވަމުންދަނީ ސާވިސް ޗާޖު އެންމެ ގިނައިން ދިން ރަށެއްގެ ވާހަކައެވެ. ސާވިސް ޗާޖު ނުދޭ ރަށްތަކުގެ ވާހަކަ ކޮބައި ހެއްޔެވެ؟ އެ މުވައްޒަފުންވީ، ހަމަ 5،000 ރުފިޔާއިން ފުއްދާލައިގެން ތިބެންތޯއެވެ.
ބައެއް ރިސޯޓުތަކުން ސާވިސް ޗާޖު ނެގިނަމަވެސް ގާނޫނުގައި ބުނާގޮތަށް އޭގެ 90 އިންސައްތަ މުވައްޒަފުންނަށް ބަހަމުން ނުގެންދެއެވެ. އަދި ސާވިސް ޗާޖު އެރިސޯޓެއްގެ ގެސްޓުން އަތުން ނެގިނަމަވެސް ހިސާބުކުރާއިރު ސާވިސް ޗާޖު ގިނައިން ލިބިފައިހުރި ދާއިރާތައް ނުހިމަނައި ބައެއް ރިސޯޓުތަކުން ހިސާބުކުރެއެވެ. މުވައްޒަފުންނަށް މަހުން މަހަށް އަސާސީ މުސާރައެއް ނުދެއެވެ. އޭގެ އިތުރުން މުވައްޒަފުންނަށް ލިބެންޖެހޭ ހައްގުވާ ޗުއްޓީތަކާއި، ހަފްތާގެ އޮފް ދުވަސް އެންމެ ރަނގަޅު ގޮތުގައި ނުލިބެއެވެ. ރާއްޖޭގައި 400 އަށްވުރެ ގިނަ ރިސޯޓު ހިންގަމުން އަންނަ އިރު މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ގާނޫނާއި އެއްގޮތަށް ދޭ ރިސޯޓުތަށް އިނގިލިން ގުނާލެވޭނެ ކަމަށް ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
މިއަދުވެސް، ރާއްޖޭގެ ރިސޯޓުތަކުގައި އެތައް ގާތް އެކުވެރިންނެއް އެބަތިއްބެވެ. އެކީ މަތީ ތައުލީމް ހާސިލް ކުރުމަށްފަހު ރިސޯޓަކަށް ދިޔައީ ރާއްޖެއިން ބޭރަށް އަމިއްލަ ހަރަދުގައި ތައުލީމް ހާސިލް ކުރުމަށް ދިއުމުގެ އުންމީދުގައެވެ. އާއިލާއާއި ވަކިން، ދިރިއުޅެމުން އަންނަ އެ ޒުވާނުންނަށް ތިމާގެ އާއިލާއާއި ގިނަ ފަހަރަށް ބަދަލު ކުރެވެނީ މަހަކު އެއް ފަހަރު ނުވަތަ ދެ ފަހަރެވެ. އެކަށީގެންވާ އުޖޫރައެއް ނުލިބިއެވެ. މީހާގެ ގުދާރު ބިންދައިގެން ދިއުން ނޫން ކަމެއް ނުވެއެވެ. ވެރީން ދިރިއުޅެނީ އުދުހިލާ، ”މަސްތީ“ ލައިފްއެއް ގައެވެ.
މި ވާހަކަތާއި އެކު ސޯޝަލް މީޑިއާއިން ފެނުނު ކޮމެންޓެކެވެ. ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންނަށް ވުރެ ބޮޑު މުސާރަ ލިބޭ ބައެއް ނުތިބޭނެ ވާހަކައެެވެ. އެހެން ނަމަވެސް އެއީ ކުށްހީއެވެ. ތިމާ ދަންނަ، ތިމާގެ ރަށްޓެއްސެއްގެ ކައިރިން އަހާށެވެ. ތަނެއްގެ ވެރިންނަށް ބޮޑު މުސާރައެއް ލިބުމުގެ މާނައަކީ ދެން ތިބޭ މުވައްޒަފުންނަށް ވެސް އެހާވަރުން މުސާރަ ލިބޭނެ ކަމުގެ ވާހަކައެއް ނޫނެވެ. ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އެއް ޕަސެންޓަށްވުރެ ގިނަ ނޫން އަދަަދެއްގެ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އެފަރާތެއްގެ މުވައްޒަފުންނަށް ބަހައި ނިންމަންޖެހޭނެ އެވެ. މީގައި ވެރިންނަށް އޮޅުމެއް އޮންނަން ޖެހޭ ވަަރުގެ ކަމެއް ނެތެވެ.

ރާއްޖޭގެ ސިޔާސީ މީހުން، ވިޔަފާރިވެރިންނާއި ގުޅުން ބަދަހި ކުރާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ތިމާގެ އަމިއްލަ މަންފާއަށް އެތައް ބައެއްގެ ހައްގުތައް ގުރުބާން ކުރާ ވާހަކައަކީ ވެސް އާ ވާހަކައެއް ނޫނެވެ. ކޮންމެ ދައުރެއް ނިމިގެންދާއިރު ރިސޯޓު މުވައްޒަފުންނަށް ދައްކާ ހުވަގެން ހަގީތަކަށް ނުވެއެވެ.
ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި، ދިވެހިންނާއި ބިދޭސީން މެދު ތަފާތު ކުރުން ގެންގުޅެއެވެ. ދިވެހިންގެ ބިމުގައި ދިވެހިންނަށް ނަސްލީ ތަފާތުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ދިވެހިންގެ މައްޗަށް ލައިފައި ތިބެނީ އަވަށްޓެރި ގައުމުގެ ބޮޑުންނެވެ. މި ދާއިރާ އިސްލާހު ކުރަން މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ރިސޯޓުތަކުން މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ރާއްޖޭގައި އެކަމަށް ހެދިފައިހުރި ގާނޫނާއި ގަވާއިދާއި އެއްގޮތަށްތޯ ބަލަން ޖެހެއެވެ. އަދި ގަވާއިދުތަކައް ބޯ ނުލަނބާ ކުންފުނިތަކާއި މެދު ފިޔަވަޅުއަޅަންޖެހެއެވެ.

