މާފުށީ ޖަލުގައި، ގައިދީންނާއި އޮފިސަރުންނާއި މެދު ހަމަނުޖެހުން ހިންގާ ގައިދީންނަށް އަނިޔާކޮށްފައިވާ ކަމުގެ އަޑުތަކެއް އަނެއްކާވެސް ފެތުރިއްޖެއެވެ.
ރާއްޖޭގެ ޖަލުތަކުގެ ހާލަތުގެ ވާހަކަ އަބަދުވެސް ދެކެވެއެވެ. އަދި ދޭތެރެއަކުން ގައިދީންނަށް ޖަލު އޮފިސަރުން ކުރާ އަނިޔާތަކުގެ ވާހަކަ ވެސް ދެކެވެއެވެ. ދާދި ފަހުން ވެސް ކަރެކްޝަންސް އިން ބަހައްޓަމުން ގެންދާ މާފުށީ ޖަލުގައި ޖާގައެއް ނެތިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ތިބި ގައިދީންތަކެއް ވެސް ހައްގުތަކުން މަހުރޫމްވެފައިވާ ކަމަށް ބުނެ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލުކޮށްފައިވެ އެވެ.
މާފުށީ ޖަލުގައި އިއްޔެ ހަމަނުޖެހުން ހިންގި ކަމަށް ބުނެ ފެތުރުނު އަޑު، ކަމާއި ބެހޭ އެއްވެސް އިދާރާއަކުން ދޮގުކޮށްފައި ނުވެއެެވެ. އަދި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށްދީފައިވެސް ނުވެއެވެ. އެހެން ނަމަވެސް، ޖަލުގައި ކޮންމެވެސް ކަމެއް ހިނގާފައިވާކަން ދޭހަވާ ގޮތަކަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައިދީންގެ ފަރާތުން ޖަލު އޮފިސަރުންނަށް ވެސް އެކިއެކި ގޯނާ ކުރުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެއް ކަމަށެވެ.
އެފަދަ އަމަލުތައް ހިންގާ ގައިދީންނަށް ހެޔޮ ވިސްނުން ލައިދީ އިސްލާހު ކުރުމުގެ ގޮތުން ރިހެބިލިޓޭޓްކޮށް އަލުން މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ޖަލުން ނެރުން އަމާޒަކަށް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޓްވީޓުގައި އޭނާ ވިދާޅުވީ ކަރެކްޝަންސްގެ އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

މިދޔަ ޖޫން މަހުގެ ތެރޭގައިވެސް މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގައި ގައިދީން އޮފިސަރުންނަށް އަނިޔާ ކުރުމާއި، އަދި ގައިދީންނަށް ޖަލު އޮފިސަރުން އަނިޔާ ކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން އޮފިސަރަކު ދެކޮޅު ހެދުމުން ދަގަނޑުބުރިއަކުން އޭނާ އަށް ގައިދީ އަކު ހަމަލާ ދިން މައްސަލައެއް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އަދި އޭގެ ބަދަލު ހިފުމެއްގެ ގޮތުން އީއެސްޖީގެ އޮފިސަރުން ގޮޅިތަކަށް ވަދެ ގައިދީންގެ ގައިގައި ތަޅައި އަނިޔާކުރިއެވެ. އެ މައްސަލައިގައި ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާވިއިރު، އެ ހަމަނުޖެހުމުގެ ތެރޭގައި ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށާލި މައްސަލައެއް ވެސް ފެންމަތިވި އެވެ.
މާފުށީ ޖަލުގައި ރިމާންޑް މީހުން ބަންދުކޮށްފައިވާ ޔުނިޓްގައި ޖަލުގެ ސަލާމަތަށް ނުރައްކާވެދާނެފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ ދާދިފަހުން ޔުނިޓު 4 ބަލާ ފާސްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުމުގެ މައްސަލަ މީޑިއާތަކުގައި ފެންމަތި ކުރުމުން ހާދިސާއާ ގުޅިގެން ހޯމް މިނިސްޓްރީން ބުނެފައިވަނީ މިނިސްޓްރީން ގެންގުޅޭ ސިޔާސަތަކީ ސިއްރުކުރުމުގެ ސަގާފަތް ދޫކޮށްލައި، ދެފުށްފެންނަ އުސޫލަކުން މައުލޫމާތު ހާމަކޮށް ގާނޫނާ އެއްގޮތްވާގޮތުގެ މަތިން އެންމެހައި ކަންކަން ކުރިއަށްގެންދިއުން ކަމަށެެވެ.

ޖަލުގެ ގަވާއިދުގައިވާ ގޮތުން އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ކަރެކްޝަންގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) ގުރޫޕުން އެވަގުތު އެޖެހޭ މައްސަލައެއް ޓޭކްއޯވާ ކުރަންޖެހޭނެ އެވެ. އަދި މައްސަލަ ހައްލުވަންދެން ޖަލު ބަލަހައްޓަމުން ގެންދާނީ އީއެސްޖީ އިންނެވެ. ރާއްޖޭގެ ޖަލުތަކާއި މީހުން ބަންދުކުރާ އެހެން ބައެއް ތަންތަނުގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި، މާފުށީ ޖަލުގައި 655 މީހުންގެ ޖާގައިގެ ގޮޅިތަކަށް 969 މީހުން މިހާރުވެސް ވައްދާފައިވާކަމުގެ އަޑުތައް އިވެއެވެ. އަދި ތަފާތު އެކި މައްސަލަތަކުގައި މީހުން ބަންދުކޮށްފައިވާއިރު އެ މީހުންގެ ޝަރީއަތްތައް ކުރިޔަށް ނުދާކަން ފާހަގަކުރެވެއެވެ. ޝަރީއަތް ނިމެންދެން ޖަލުގައި މީހުން ބަންދު ކުރުން ނުވަތަ ވާނުވާ ޖެހުމުގެ ސަބަބުން މާފުށީ ޖަލު ތޮއްޖެހެމުންދާކަން އދ. އިން ކަނޑައަޅާފައިވާ ސްޕެޝަލް ރެޕަޓުއާ ނިޒް މެލްޒާ ވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ހުރިހާ ޑިޓެންޝަނަސެންޓަރުތަކެއް ވެސް ވަނީ ފުރިފައެވެ. އެގޮތުން ބަންދުކުރާ ތަންތަނުގެ އޮކިއުޕެންސީ ރޭޓުހުރީ 150 އިންސައްތައާއި 190 އިންސައްތައާއި ދެމެދުގައެވެ. ރާއްޖޭގެ ޖަލުތަކަކީ އަބަދުވެސް ދަށްފެންވަރުގެ ތަންތަންކަން ފާހަގަކުރެވޭއިރު ޖަލުގައި އެކަށީގެންވާ އިންސާނީ ހައްގުތަކެއް ނުލިބޭކަމަށް މީޑިއާތަކުގައި ވާހަކަ ދެކެވެއެވެ. އެގޮތުން ކާނާގެ ފެންވަރު އެހާދަށްއިރު، ރަނގަޅު ފާހަނާ ކުރުމުގެ ނިޒާމެއް ގާއިމް ކުރެވިފައި ނެތެވެ.
ޖަލުތަކުގެ ބޭނުމަކީ ކުށްކުރާ މީހާއަށް އަދަބު ދިނުން ކަމުގައި ވީނަމަވެސް، ގައިދީންނަށް އިންސާނީ ހައްގުތަކެއް ލިބިގެންވާކަމަށާއި ގައިދީންނަށް ވެސް ފުރިހަމަކޮށްދޭންޖެހޭ ކަންތަކެއް ހުންނާނެކަން އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ދަނީ ފާހަގަ ކުރަމުންނެވެ.

