އަންނަ އޭޕްރިލް މަހުގެ 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަ ކުރެއްވާނެ ކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސެކޭޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އިއުލާނު ކުރައްވާފައިވެއެވެ.
އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރުމަށް އެ ޕާޓީތަކުން ވަނީ ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން، ރަސްމީކޮށް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަދި ހުޅުވައެއް ނުލައެވެ. އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި އީސީން ހާމަަކޮށްފައިވަނީ އޭޕްރިލް މަހުގެ 7 ވަނަ ދުވަހެވެ. އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރައްވާކަން މިހާތަނަށް އިއުލާނުކޮށްފައިވަނީ 3 ބޭފުޅުންނެވެ. އެއީ، މިހާރުވެސް މޭޔަރު ކަމުގައި ހުންނެވި ސިފާ މުހައްމަދު އާއި، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އާއި، އަނަސްއެވެ.
މީގެ ކުރިން، އެމްޑީޕީގެ ޑެޕިއުޓީ ސެކޭޓްރީ ޖެނެރަލް އަފްޝަން ލަތީފްވެސް ވަނީ މޭޔަރު ކަމަށް ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ. އެހެން ނަމަވެސް، ދިމާވީ އާއިލީ ކަންތަކަކާއި ގުޅިގެން އަފްޝަން ވަނީ މޭޔަރު ކަމަށް ވާދަ ނުކުރެއްވުމަށް ނިންމަވާފައެވެ. އެނގިފައިވާގޮތުން އަފްޝަންގެ މަންމަ ބަލިވެ އުޅުއްވާތީ ރާއްޖެއިން ބޭރުން ގެންދަނީ ފަރުވާ ހޯއްދަވަމުންނެވެ.
ބެލެވޭ ގޮތުން، އަނަސް އެ މަގާމަށް ކުރިމަތި ލެއްވުމަށް ނިންމަވާފައިވަނީ އަފްޝަންގެ ނަން އަނބުރާ ގެންދެވުމާއި ގުޅިގެންނެވެ. އެމްޑީޕީން ކައުންސިލް އިންތިޚާބަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވަން އަނަސް މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، މާލޭގެ ހުރި ގޮންޖެހުންތައް ހައްލުކޮށް، މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް ހިންދެމިލައި އުޅެވޭނެ އަމާން، ރައްކާތެރި ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި އެ ހިތްފަސޭހަކަން މާލެ އަށް ގެނެސްދިނުމުގެ މަސްއޫލިއްޔަތާ ކުރިމަތިލާން ނިންމެވީ އުފަލާ އެކު ޚިދުމަތް ކޮށްދެއްވަން ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.
https://twitter.com/anasabdulsattar/status/1213717162059153408
ކައުންސިލް އިންތިހާބަށް އެމްޑީޕީން ވެސް ގިނަ ތައްޔާރީތަކެއް ވަމުން އަންނައިރު، ޕާޓީގެ ވެބްސައިޓުގައި ޕްރައިމެރީއާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް ބުނެފައިވަނީ ޕްރައިމެރީގައި ވާދަ ކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެމްޑީޕީން ވަނީ، ކެނޑިޑޭޓުންގެ ލިސްޓު ޖެނުއަރީ 13 ގައި އިއުލާނު ކުރާނެކަން ފާހަގަކޮށްފައެވެ.
އެމްޑީޕީގެ ބަޔާނުގައި ވާގޮތުން ކައުންސިލް އިންތިހާބަށް ވާދަކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ޕްރައިމެރީ ވޯޓުގައި، ވޯޓު ލެވޭ ފަރާތްތަކުގެ ލިސްޓު ޖެނުއަރީ 7 ގައި އިއުލާނު ކުރާނެއެވެ. އެއަށްފަހު ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށާއި، ފައިނަލް ވޯޓާސް ލިސްޓު އާއްމު ކުރާނީ ޖެނުއަރީ މަހުގެ 15 ގައި ކަމަށެވެ. ކައުންސިލް އިންތިހާބުގައި، ވާދަ ކުރާ ފަރާތައް ވަނީ ދާއިރާގެ ކެމްޕެއިން ފަށާފައެވެ.
އެމްޑީޕީން މިދިޔަ ނޮވެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ އެމްޑީޕީގައި ރަޖިސްޓްރީގައި 87،439 މީހުން އެބަތިބި ކަމަށެވެ. އެ އެންމެންނަކީ ވެސް ވޯޓު ލިބުނުމުގެ ހައްގު ލިބިގެންވާ މީހުންކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު ކުރިއަށް އޮތް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިޚާބު ކުރަން ޖެހޭނެ އެވެ. މި އިންތިޚާބުގައި ސިޓީތަކުގެ މޭޔަރުން އިންތިހާބު ކުރާނީ ރައްޔިތުންގެ ވޯޓަކުންނެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލުތަކުގެ ރައީސުންނާއި މޭޔަރުން ހޮވަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

