ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ ދާއިރާތައެް ކަނޑައެޅުން އަންނަ ހަފްތާ ބަންދުގައި ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ ދާއިރާތަށް އިއުލާނު ކުރުމާއި އަންހެން މެމްބަރުން އިންތިހާބު ކުރާ ދާއިރާތަށް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރުއަތު ނެދުން މިއަންނަ ހަފްތާ ބަންދުގައި ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ. ގުރުއަތު ނެގުން އޮންނާނީ ކުޅުދުއްފުށި ސިޓީގައެވެ.
https://twitter.com/ElectionsMv/status/1213734746582323201
ކުޅުދުއްފުށީގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދަށް، ދިހަހާސް މީހުން ހަމަވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. އެއަށްފަހު ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އެގޮތުން ސަރުކާރުގެ ބައެއް ްއިސްފަރާތްތަކުން ވަނީ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުޓަށް ހޮވާނީ ސިޓީ ކައުންސިލްއެއް ކަމަށް ބުނެފައެވެ. ކުޅުދުއްފުއްޓައް ސިޓީއެއްގެ ދަރަޖަ ދީ މިދިޔަ އަހަރު ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ އެކަން އިއުލާނުކުރައްވާފައެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ ސިޓީ ކައުންސިލަށް އިންތިހާބު ކުރާނީ ހަތް ކައުންސިލަރުންނެވެ. އޭގެ ތެތޭހައި ހިމެނެނީ މުޅި ސިޓީގެ މީހުން ވޯޓު ލައިގެން އިންތިހާބު ކުރާ ސިޓީގެ މޭޔަރާއި ކަނޑައަޅާ ވަކިވަކި ހަ ދާއިރާއަކުން އިންތިހާބު ކުރާ ހަ ކައުންސިލަރުންނެވެ.
މިއަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށު ކައުންސިލަރުންގެ ގޮތުގައި 923 މީހުން އިންތިހާބުކުރާނެއެވެ. އަދި ސިޓީ ކައުންސިލަރުންގެ ގޮތުގައި 39 މީހުން އިންތިހާބު ކުރާނެއެވެ. މީގެ އިތުރުން ރަށު ކައުންސިލަށް އިންތިޚާބު ކުރާ ޖުމްލަ އަންހެނުންގެ އަދަދަކީ 372 ކަމަށް ކަނޑައަޅާފައިވެއެވެ. ހަމައެހެންމެ ސިޓީ ކައުންސިލްތަކަށް 12 އަންހެނުން އައްޔަން ކުރަން ނިންމާފައިވެއެވެ.

