1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ ދިވެހި ޙައްޖާޖީން މިނާގައި ތިބުމަށް ހަމަޖެހިފައިވާ ޓެންޓުތައް ތައްޔާރުކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕްރޭޝަންއިން ހާމަކޮށްފިއެވެ.
އެ ކޯޕްރޭޝަނުން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، މިއަހަރު ދިވެހި ހައްޖާޖީންނަށް މިނާގައި ހާއްސަ ޓެންޓުތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.
ޚިދުމަތްތަކަށް އައިސްފައިވާ ބޮޑެތި ބަދަލުތައް
މިދިޔަ އަހަރުތަކާ ޚިލާފަށް މިއަހަރުގެ އިންތިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ޓެންޓުތަކުގައި ޙައްޖާޖީންނަށް ކެއްކުމަށް ޚާއްސަ ބަދިގެއެއް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ޙައްޖާޖީންނަށް ކުރިމަތިވާ ފާޚަނާގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ކުރިން ކޮންމެ 1000 ހައްޖާޖީއަކަށް ހުންނަ 6 ފާޚަނާގެ ބަދަލުގައި، މިއަހަރު އެ އަދަދު 60 އަށް އިތުރުކުރެވިގެންދާނެ ކަމަށް ހައްޖު ކޯޕްރޭޝަނުން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ދިވެހި ޙައްޖާޖީންނަށް ހާއްސަކޮށްފައިވާ މި ޓެންޓުތަކާއި ފާޚަނާތަކަށް ބޭރު ގައުމުތަކުގެ ހައްޖާޖީންނަށް ނުވަދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެ ކޯޕްރޭޝަނުން ވަނީ އަރުވާފައެވެ. މިއީ ދިވެހި ޙައްޖާޖީންގެ ރައްކާތެރިކަމާއި ފަސޭހައަށްޓަކައި އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ.
ހޫނު މޫސުމަށް ޚާއްސަ އިންތިޒާމުތައް
މިއަހަރުގެ ޙައްޖު މޫސުން ހޫނު ދުވަސްވަރަކާ ދިމާވާތީ، ޙައްޖާޖީންގެ ފަސޭހައަށްޓަކައި ޓެންޓުތައް ހަދާފައިވަނީ ޖިޕްސަން ބޯޑު ބޭނުންކޮށްގެންނެވެ. އަދި ޓެންޓުތައް އަބަދުވެސް ފިނިކޮށް ބެހެއްޓުމަށްޓަކައި ޚާއްސަ އޭސީތައް ހަރުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ޓެންޓުގެ މަތި ފަރުމާކޮށްފައިވަނީ އެތެރެއަށް އަލި ލިބޭނެ ގޮތަށެވެ.
އިތުރު ޚިދުމަތްތަކަށް ބަލާއިރު، ޙައްޖާޖީންނަށް ބުފޭގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި 24 ގަޑިއިރު ފިނި ބުއިންތައް ލިބޭނެ އިންތިޒާމާއި، ފާޚަނާތަކުގައި ވުޟޫކުރުމަށް ޚާއްސަ ތަންތަން ވެސް ހެދިގެންދާނެއެވެ. މީގެ އިތުރުން ޙައްޖާޖީންނަށް ބޭރަށް ނިކުމެލާ އުޅެވޭނެ ފަދަ ހުސް ޖާގައެއް ވެސް ޓެންޓުތަކުގެ ކައިރީގައި ތައްޔާރުކުރެވެމުންދެއެވެ.
ޙައްޖު ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި، އެ ކޯޕްރޭޝަނުގެ އަމާޒަކީ އަހަރުން އަހަރަށް ދިވެހި ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އަޅުކަން އަދާކުރުމުގައި ވީހާވެސް ލުއިފަސޭހަ މަގެއް ދެއްކުމެވެ.

