ހައްޖު ކިއު އާންމުނުކުރާތީ ކޯޓާ ދޫކުރުމުގައި އިންސާފުވެރިކަމެއް އޮތްތޯ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާތީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދިވަޑައިގެންފިއެވެ.
މިކަމަށް އެދިވަޑައިގެން ކޮމިޓީއަށް ސިޓީ ހުށަހެޅުއްވީ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މެންބަރު ހުށަހެޅުއްވި ސިޓީގައި ވަނީ ހައްޖު ކިއު ބެލޭނެ އިންތިޒާމެއް މިހާތަނަށް ހަމަޖެހިފައި ނެތް ސަބަބު އޮޅުންފިލުވުމަށާއި، އެއްވެސް ނުފޫޒެއް ނެތި އިންސާފުވެރިކަމާއެކު ކިއު ކުރިއަށްދާކަން ކަށަވަރުކުރުމަށް ކޮށްފައިވާ މަސައްކަތްތައް ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށާއި އާންމުންނަށް ކިއު ކުރިއަށްދާ މިންވަރު ވަގުތުން ބަލައިލެވޭނެ ފަދަ ޕޯޓަލެއް ތައާރަފުކުރާނެ ތާރީހެއް އޮޅުންފިލުވުމަށާއި، ހައްޖު ކޯޓާ ބަހަމުންދާ އުސޫލު ސާފުކޮށްދިނުމަށް ވެސް އެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.
ހައްޖު ކިއުއާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، ހައްޖަށް ފައިސާ ދައްކާފައިވާ މީހުންގެ ލިސްޓު އާންމުކުރެވޭނެ ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް މީގެ ކުރިން މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ.

