މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފަސްވަނަ ސެގްމަންޓުގެ ދަށުން، 143 މީޓަރުގެ ސަރަޙައްދެއްގައި ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފަސްވަނަ ސެގްމަންޓުގެ ދަށުން، 143 މީޓަރުގެ ސަރަޙައްދެއްގައި ޝީޓްޕައިލް ކުރުމުގެ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށެވެ.
މީގެ އިތުރުން މި ހަފުތާގެ ތެރޭގައި ކީވޯލް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު އެންކަރ ބްލޮކްތައް ހަރުކުރުމާއި ކޭބަލް ޓްރެންޗް ހެދުމުގެ އިތުރުން ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގައި އެންމެ ފުރަތަމަ ނިންމީ ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު ފަޅުތެރެއިން ބައެއް ހިއްކައިގެން ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ.
އެ ސަރަހައްދު ނިންމައި ހުޅުވީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ.
ދެ ވަނަ ސެގްމެންޓުގައި ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް ތާރުއަޅާ މަގު ހެދުމުގެ މަސައްކަތް ނިންމައި އެ ސަރަހައްދު ހުޅުވީ 2026 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ.
9 އޭޕްރިލް 2025 ގައި އެމް.ޓީ.ސީ.ސީ. އާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ ފެން ހިންދާ ނިޒާމު ފަދަ އެންމެހާ ނިޒާމުތައް ގާއިމުކުރެވި މަގު ފުޅާކުރެވި ޓްރެފިކަށް ލުއިފަސޭހަކަން ލިބި ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ މަގަކަށެވެ.

