ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފަހަރު އެމްޑީޕީ މޭޔަރުންނަށް މުޅިން އައު މޫނުތަކެއް! ސިފާ، ސޯބެ އަދި ފަލާހު ވޯޓުން ބޭރުކޮށްފި!

މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ނުކުންނަވާ ފަރާތްތައް.. އާތިފް ކުޅުދުއްފުށި، އިސްމާއިލް ރަފީގް ފުވައްމުލައް، އަލީ ނިޒާރު އައްޑޫ، އަނަސް މާލެ
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުން ފައިނަލްވިއިރު، މިހާރު ސިޓީތައް ތަމްސީލްކުރައްވާ ހުރިހާ މޭޔަރުންނަށް އެސިޓީތަކުން ނޫނެކޭ ބުނެ، މުޅިން އައު ބޭފުޅުންތަކެއް ހިޔާރުކުރައްވައިފިއެވެ. 

މާލެއަށް ސިފާ ނޫން ގޮތެއް:

މާލޭގެ މޭޔަރުކަމުގައި މިވަގުތު ހުންނެވީ ސިފާ މުހައްމަދެވެ. މާލޭގެ މައްސަލަތަކަށް ސިފާގެ މޭޔަރުކަމުގެ ދަށުން ހައްލު ނުލިބޭކަމަށް މާލެއިން ގޮވަމުންދިޔަނަމަވެސް، ސިފާ އަލުން އެމްޑީޕީގެ ޓިކެޓަށް ވާދަކުރެއްވިއެވެ. ސިފާއާއެކު ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފާއި، މެދު ހެންވޭރު ކައުންސިލަރު ނިޔާޒު ވާދަކުރެއްވިއެވެ. ނަމަވެސް މިހުރިހާ ބޭފުޅުން ބަލިކުރައްވާ އެމްޑީޕީގެ ޕްރައިމަރީ މާލޭ ސިޓީ މޭޔަރު ޓިކެޓް ހޯއްދެވީ އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރެވެ. މާލެއަށް އެމްޑީޕީ މެމްބަރުން ހޯއްދެވީ ސިފާ ނޫން ގޮތެކެވެ.

މިހާތަނަށް ގުނާފައިވާ ވޯޓްތަކުން އަނަސް އަށް1025 ވޯޓް ލިބިލެއްވިއިރު، ސިފާއަށް ލިބިވަޑައިގަތީ 835 ވޯޓެވެ. ޝަމާއުއަށް 301 ވޯޓް ލިބިލެއްވިއިރު ނިޔާއަށް ލިބިވަޑައިގަތީ 756 ވޯޓެވެ. މި ދެބޭފުޅުންނަށްވުރެ ގިނަ ވޯޓް މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކްވެސް ހޯއްދެވިއެވެ، އާދަމް މަނިކަށް780 ވޯޓް ލިބިލެއްވިއެވެ. 

ބަދަލަކަށް ނިޒާރު:

އައްޑޫގެ މޭޔަރަކަށް މިހާރު ހުންނެވި، އަބްދުﷲ ސޯދިގު (ސޯބެ) އެވެ. މާލޭ މޭޔަރުކަމަށް7 ބޭފުޅަކު ވާދަކުރެއްވިނަމަވެސް އައްޑޫގައި ސޯބެއާއި ދެކޮޅަށް ނުކުންނެވީ އައްޑޫ ހިތަދޫ ދާއިރާގެ މެމްބަރު އަލީ ނިޒާރާއި އައްޑޫ ސިޓީ އެމްޑީޕީ ދާއިރާ ރައީސް އަހްމަދު އަދުހަމެވެ. ގިނަ ޒަމާންތަކެއްވަންދެން އައްޑޫ މޭޔަރުކަން ސޯބެ ކުރެއްވިއިރު، ސޯބެއާއި ދެކޮޅަށް ބޭނުންކުރެވުނު ޝިއާރަކީ ”ބަދަލަކަށް“ އެވެ. 

ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ސޯބެގެ މައްޗަށް ކުރި ހޯއްދެވި ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރަށް 1300 އަށްވުރެ ގިނަ ވޯޓް ލިބިވަޑައިގެންނެވިއިރު ސޯބެއަށް ލިބިލެއްވީ އޭގެ 700 އެއްހާ ވޯޓެވެ. އަދުހަމްއަށް 331 ވޯޓް ލިބިވަޑައިގެންނެވިއެވެ. 

ފުވައްމުލަކަށް އައު މޫނެއް:

ފުވައްމުލައް ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފެވެ. މާލެ ސިޓީއާއި އައްޑޫ ސިޓީ ފަދައިން މިވަގުތު ތިއްބެވި މޭޔަރުންނާއިމެދު ރައްޔިތުންގެ ހިތްހަމަނުޖެހުން ހުރިކަން ފުވައްމުލަކުންވެސްވަނީ ފެނިފައެވެ. އައްޑޫގައި މޭޔަރުކަމަށް ތިން ބޭފުޅެއް ވާދަކުރެއްވިގޮތަށް، ފުވައްމުލަކުގައި މިވަގުތުގެ މޭޔަރު ފަލާހް ޝަރީފާއި ދެކޮޅަށް ދެ ބޭފުޅަކު ނުކުންނެވިއެވެ. އެއީ މުހައްމަދު ނިޒާމް ހަސަންއާއި އިސްމާއިލް ރަފީގެވެ. ފުވައްމުލަކުން ރައްޔިތުންގެ ހިތް އަތުލީ އިސްމާއިލް ރަފީގެވެ.

ކުޅުދުއްފުށި މުޅިން އަލަށް ސިޓީއަކަށް:

ކުޅުދުއްފުއްޓަކީ މިފަހަރު އަލަށް ސިޓީއަކަށް ބަދަލުވި ރަށެކެވެ. އެމްޑީޕީއިން ޕްރައިމަރީ އިއުލާން ކުރިއިރުވެސް ކުޅުދުއްފުށީ ސިޓީއަކަށް ބަލުނުވެއެވެ. އެކަމުގެ ހިތްހަމަނުޖެހުމާއެކު އިންތިހާބް ބޮއިކޮޓްކުރުމުގެ ކެމްޕެއިންއެއް އެރަށުގައި ކުރިއަށްދިޔައެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކުޅުދުއްފުއްޓަކީ ސިޓީއެއްކަމަށް ކަނޑައެޅުނެވެ. މޭޔަރު ކަމަށް ވާދަކުރެއްވީ އަހްމަދު އާތިފް އާއި މުހައްމަދު އާތިފެވެ. ޕްރައިމަރީއަށް ވަގުތުކުޑަތަން ވެފައިވަނިކޮށް އަހްމަދު އާތިފް ނަން އަނބުރާ ގެންދިޔުމުން އެ ސިޓީގެ މޭޔަރ ކަމުގެ ޕްރައިމަރީ ބާއްވަން ނުޖެހި ޕްރައިމަރީއަކާއި ނުލާ މޭޔަރުކަމުގެ ޓިކެޓް ލިބުނީ މުހައްމަދު އާތިފަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: