މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއާއެކު، މިހާތަނަށް ދިވެހިރާއްޖެ އަންނަން ހަމެޖެހިފައިވާ 11،000 ވުރެ ގިނަ ފަތުރުވެރިންގެ ދަތުރު ކެންސަލްކޮށްފި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާލުވެއްޖެއެވެެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭއިން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި ރިސޯޓްތަކުގައި ވެސް ފަރުވާ ދެވޭނެ ރަނގަޅު ނިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފަރުވާ ދެވޭނެ ގޮތަށް ތިން ރިސޯޓެއް ފިޔަވައި އެހެން ހުރިހާ ރިސޯޓްތަކެއްގައި އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ. އެ ތިން ރިސޯޓްގައި ވެސް ފަރުވާ ދެވޭނެ އެންމެ ރަނގަޅު އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ އައުމަށް ބުކިންސް ހަދާފައިވާ ފަތުރުވެރިންގެ ތެރެއިން 11،000 ވުރެ ގިނަ މީހުންގެ ދަތުރު ކެންސަލްކޮށްފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ މަހުގެ 26 ފެށިގެން މިއަދުގެ ނިޔަލަށް މުޅިން އާ 24،000 ބްކިން ލިބިފައިވާ ކަމަށެވެ.

