މިއަހަރުގެ ޖެނުއަރީ ނިމުނު އިރު، ދައުލަތުގެ ރިޒާވުގައި ހުރީ 685 މިލިއަން ޑޮލަރު ކަމަށް މޯލްޑިވުސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި، މި އަދަދަކީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ރިޒާވްގައި ހުރި އަދަދަށް ވުރެ އަށް މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ދައުލަތުގެ ރިޒާވް އެންމެ ބޮޑަށް އިތުރުވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ މަހު ރާއްޖޭގެ ރިޒާވް 938 މިލިއަން ޑޮލަރަށް އިތުރުވި އެވެ. ރާއްޖޭގެ ޔޫޒަބަލް ރިޒާވް ނުވަތަ ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ރިޒާވް މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ހުރީ 315.9 މިލިއަން ޑޮލަރުގަ އެވެ.
އެމްއެމްއޭ އިން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 863 މިލިއަން ޑޮލަރަށް އަރާނެ އެވެ.
ރާއްޖޭގެ ރަސްމީ ރިޒާވް މި ދައުރު ނިމޭއިރު އެއް ބިލިއަން ޑޮލަރަށް އިތުރު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

