ނޫމަޑި މައްސަލަ އާއި ގުޅުވާ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގަައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރާތީ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ފުލުހަށް ހާޒިރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑުއެވެ. ގާތްގަނަޑަކަށް ގަޑިއެއްހާއިރު މުއިއްޒުއާއި ސުވާލު ކުރުން ކުރިޔަށް ގެންދިޔައިރު ފުލުސް އޮފީހުން ނިކުމެވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާސޅުވީ ހާޒިރުކުރީ ނޫމަޑި މައްސަލައިގައި ކަމަށާއި އެ މައްސަލައާ ގުޅިގެން ގިނަ ތުހުމަތުތަކެއް ކުރާ ކަމަށެވެ. އޭގެ ތެރޭގައި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި ދައުލަތުގެ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ހިމެނޭކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިއީ ސިޔާސީ ތުހުމަތުތަކެއްގެ ގޮތުގައި ސިފަ ކުރައްވާ މުއިއްޒު ވިދާޅުވީ، ނޫމަޑީގެ ވާހަކަތަކަށް އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވެސް އެ މައްސަލައިގައި ޖަވާބުދާރީވެފައިވާނެ ކަމަށާއި އެހެން ނަމަވެސް ކުއްލިގޮތަކަށް މިއަދު މި މައްސަލަ ނަގާފައިވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ޑިމޮކްރަސީގެ ރީތި ހަމަތަކަށް ވައުދުވީ އެމްޑީޕީގެ ފަރާތުން ފެންނަމުންދަނީ ހުދުމުހުތާރު ވެރިކަމެއްގެ ގޮތުގައި ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، މާލޭގެ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޭނާއަށް އެބައޮތް ކަމަށާއި، ކުރިޔަށްދާނީ ސާބިތުކަމާއި އެކީ ކަމަށެވެ.
”ވަރަށް ވައިޑް ރޭންޖެއްގެ ބައިވަރު ކަންތައް އެބަހުރި ހިމަނާފައި. މީގެ ތެރޭގައި ފާހަގަކޮށްލަން މިސާލަކަށް އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުން، ދައުލަތުގެ އެކިއެކި މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރިމުގެ ތުހުމަތު“ މުއިއްޒު
މައްސަލައިގައި ކޮމިޓީއަށް މުއިއްޒު ހާޒިރު ކުރުމުން، އޭނާ ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައެއް ފުލުސް އޮފީހަށް ހުށަހަޅަން އެ ކޮމިޓީން ވަނީ ނިންމިއެވެ.
ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުމާ ގުޅިގެން ސެޓުލްމެންޓް ކޮމިޓީން އެ މައްސަލަ ފުލުހަށް ފޮނުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެކަން ހާމަކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ނޫމަޑި މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުން ކަމަށެވެ. ކުރީގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުންތައް އުވައިލުމުގެ ސަބަބުން ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލަަތަކުގައި އިހުމާލުގެ އަތެއް ވާ މީހުންގެ މައްސަލަތައް ބަލާނެކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.
ނޫމަޑި އެއްބަސްވުންތައް ބާތިލްކުރީ ގޯސްކޮށް ކަމަށް އާބިޓްރޭޝަނަށް ހުށަހެޅުއްވި ލިއުމެއްގައި މުއިއްޒު ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވައިވާތީ ކަމަށް ވެސް ތުހުމަތު ކުރެެއެވެ.
އެއީ ނޫމަޑިއާ ހަވާލުކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް، ކުރީގެ ސަރުކާރުން އުވާލުމުގެ މައްސަލައިގައި ބަދަލު ހޯދުމަށް ނޫމަޑިން ސަރުކާރުގެ މައްޗަށް ހުށަހެޅި މައްސަލަ އާބިޓްރޭޝަންގައި ކުރިޔަށް ދިޔައިރު، ނޫމަޑިއާ އެއްކޮޅަށް ހެކިބަހުގެ ގޮތުގައި ޑރ. މުއިއްޒު ދެއްވި ބަޔާނުގެ ސަބަބުން ސަރުކާރު ފަރާތުގެ ކޭސް ވަރަށް ބޮޑަށް ބަލިކަށިވެގެން ދިއުމުންނެވެ.

