ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހް އަބަދުވެސް ބޭނުންވަނީ ”މަންޑި“ ކުޅޭނަމަ އެތަނަކަށް ދާން: އަބްދުއްރަހީމް

ރައީސް ސޯލިހް އަބަދު އުޅުއްވަނީ ކުޅިވަރު ކުޅުއްވުމާއި ގެން ކަމަށް ވިދާޅުވެ އަބްދުއްރަހީމްގެ ފާޑުކިޔުން ސަރުކާރަށް - ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރު އުފެދުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ކުރެވޭ ހަމައެކަނި ކަމަކީ ކުޅިވަރު ކުޅުން ކަމަށާއި، އެ ނޫންކަމެއް ކުރަން ”ނުވެސް އިނގޭނެ“ ކަމަށް އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންއިން ސިލްސިލާ ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދެއެވެ. އެގޮތުން، ޕާޓީގެ މީޓިން ރޫމްގައި ކޮންމެ ރެއަކުވެސް ކުރިޔަށް ގެންދާ ޖަލްސާގެ ތެރެއިން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ސޯލިހްއަކީ ވެރިކަން ކުރައްވަން ދަންނަ ބޭފުޅެއް ނޫން ކަމަށެވެ. ވޭތުވެ ދިޔަ އަހަރެއް ހާ ދުވަހުގެ ތެރޭގައި ވެސް ފެންނަނީ އެއްވެސް ކަމެއް ނެތި ހުންނަވާތަން ކަމަށާއި، މި ސަރުކާރަށް ރައްޔިތުންނަށް ހާސިލްކޮށްދެވޭ އެއްވެސް ކަމެއް ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކުޅިވަރާއި މަޖަލުގައި މިހާ ގިނަ ވަގުތު ހޭދަ ކުރައްވާ ރައީސަކު ނުދެކޭކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ރައީސް ސޯލިހް އަބަދުވެސް ހުންނަވަނީ ރަށަކުން ޖަލްސާއަކަށް ނުވަތަ ކުޑަ ރަސްމިއްޔާތަކަށް ދައުވަތެއް އާދޭތޯ ބަލަބަލާ ކަމަށެވެ. އެގޮތަށް އެކަން ދިމާވަނީ، ސަރުކާރެއް ހިންގުމުގެ އެއްވެސް ވިސްނުމެއް އަދި ތަރައްގީވެފައިވާ ސިކުނޑިއެއް ނެތުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭގެ ސަބަބެއްގެ ގޮތުން ރައީސް ސޯލިހްއަށް އޮފީހުގައި ހުންނަވައިގެން ކުރާނެ ކަމެއްވެސް ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ސޯލިހް އަބަދުވެސް ދާން ބޭނުންފުޅުވަނީ ރަށެއްގައި އަތިރިމަތީގައި ބާއްވާ ”މަންޑި މުބާރާތް“ ބާއްވާނަމަ އެތަނަކަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. ސަރުކާރާއި ރައީސް ސޯލިހްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އަބަދުވެސް ފެންނަނީ އެފަދަ ކޮންމެވެސް ޖަލްސާއެއް ނުވަތަ ސްކޫލެއްގެ އަހަރީ ދުވަހުގެ ޖަލްސާއެއް ޝަރަފުވެރިކޮށްދެއްވާތަން ކަމަށެވެ.

އަބްދުއްރަހީމް ވަނީ، މިގޮތަށް ފާޑުވިދާޅުވަނީ އެއްގޮތަކަށް ވެސް ރައްޔިތުން ކުރާ ކަންކަމުގައި ބައިވެރިނުވުމަށް ގޮވާލާއެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، ސަރުކާރެއް ހިންގަމުން އެ މަސައްކަތް ކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

”ނިކަން ވިސްނާ ވަޑައިގަންނަވާ އެ ބޭފުޅުންނަށް ވަގުތު އޮތް މިންވަރު، ރަށެއްގެ ހެލްތް ޕޯސްޓަކަށް 50 އަހަރު ފުރުން ފާހަގަކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެބަ ވަޑައިގަންނަވާ އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް. ރަށެއްގެ އަތިރިމަތީގައި ބާއްވާ މަންޑި މުބާރާތެއް ޝަރަފްވެރިކޮށްދެއްވުމަށް ދައުވަތު ލިބުނަސް އެތަނަށް ރައީސުލްޖުމްހޫރިއްޔާ އެބަ ވަޑައިގަންނަވާ. އެއްގޮތަކަށްވެސް އަޅުގަނޑު މިދަންނަވަނީ ރައްޔިތުން ކުރާ ކަންތައްތަކުގައި ބައިވެރިވެވަޑައިނުގަންނަވާށެކޭ ނޫން. އެކަމަކު އަޅުގަނޑުމެންނަށް މިކަމުން ދޭހަކޮށްދެނީ އޮފީހުގައި ކުރާނެ މަސައްކަތެއް ނެތިގެން އުޅޭތަން“ އަބްދުއްރަހީމް

ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރާއި ގުޅޭގޮތުން އަބްދުއްރަހީމް ވަނީ އެ މަސައްކަތް ވަރަށް ގާތުން ފެނިވަޑައިގެންނެވިކަމަށް ވިދާޅުވެފައެވެ. އަދި އެ ސަރުކާރަކީ ރައްޔިތުންނަށް ތަރައްގީއާއި ހެޔޮ ބަދަލު ގެނެސްދިން ސަރުކާރެއްގެ ގޮތުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. އެއީ މި ސަރުކާރާއި ކުރީގެ ސަރުކާރާއި ހުރި ތަފާތު ކަމަށާއި، ރައީސް ސޯލިހްގެ ގައުމަށް ގެންނާނެ ހެޔޮ ބަދަލެއްގެ ވިސްނުމެއް ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކުރިޔަށް އޮތީ ލޯކަލް ކައުންސިލް އިންތިހާބުކަމަށްވާއިރު އަބްދުއްރަހީމް ވަނީ މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރާނީ އިދިކޮޅުން ކަމަށް ވިދާޅުވެފައައެވެ. ސަރުކާރަށް ރައްޔިތުން އިތުބާރު ނުކުރާއިރު އެމްޑީޕީއަށް ދޭންޖެހޭ ވޯޓެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. އޭޕްރިލް 4 ގައި ބާއްވާ ކައުންސިލް އިންތިހާބަށް ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަމުން އަންނައިރު މިދިޔަ ހުކުރު ދުވަހު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން ވަނީ ކެންޕެއިން ލޯންޗު ކުރުމުގެ ޖަލްސާ ބާއްވާފައެެވެ. އެހެން ނަމަވެސް ހީކުރި ގޮތާއި ހިލާފަށް އެ ޖަލްސާއަށް ލިބިގެން ދިޔައީ ފިނި ތަރުހީބެކެވެ. އަދި އެއީ އެމްޑީޕީގެ ތާރާހީގުވައި ވެސް ބިޔަ ބޮޑު ޖަލްސާއެއްގައި އެހާ ގިނަ ގޮނޑިތަކެއް ހުހަށް އިން ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ ޖަލްސާއަށްފަހު، އިދިކޮޅުންވެސް ވަނީ އަންނަ ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައި ކެންޑިޑޭޓުންގެ ޖަލްސާ ބާއްވާނެ ކަމަށް އިއުލާނުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: