ކެބިނެޓުގެ ވަޒީރުންތަކަކާއި ގުޅޭގޮތުން ހަޑި ހުތުރު ބަސްތަކެއް ރައްދުކޮށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުކަމަށް ބެލެވޭ ބޭފުޅެއްގެ ވީޑިއޯތަކެއް ލީކުވެ އޭގެތެރޭގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލަ ބަލައިދިނުމަށް ރައީސް ސޯލިހްއަށް އެދިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި މައްސަލަ ރައީސް އޮފީހަށް ހުށަހަޅާފައިވާކަމަށް މިއަދު މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ”ސަންގު“ އިންވެސް ވަނީ އެ ކަމުގެ ތެދު ހޯދުމަށް މަސައްކަތްކޮށްފައެވެ.
ރައީސް އޮފީހުންވެސް ބުނީ، އެފަދަ އެއްވެސް ރަސްމީ ލިޔުމެއް ލިބިފައިނުވާކަމަށެވެ. އެހެން ނަމަވެސް، ނުރަސްމީ ގޮތެއްގައި ވާހަކަތަކެއް ދެކެވިފައި ހުރެދާނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވަނީ އަލީ ވަހީދު އާއި، ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ އައްސަދު އަލީ އާއި ދެމެދު ދެކެވޭ ވާހަކަތަކެކެވެ. މި އޯޑިއޯގެ ސިލްސިލާ ފަސް އެޕިސޯޑު ލީކު ކުރިއިރު މިއަދު ވަނީ ސީޒަން ދޭއްގެ ނަމުގައި އެޕިސޯޑު އެކެއް ލީކުކޮށްފައެވެ.
އެ އޯޑިއޯގައި ނަހުލާ އަލީ ވަހީދުއަށް ގުޅުއްވުމަށްފަހު އޭނާއާއި ދޭތެރޭ ބޭނުން ކުރެއްވި ހަޑި ހުތުރު ބަސްތަކަށް ވާހަކަ ދައްކަވައެވެ. އަދި އެފަދަ އެއްވެސް ވާހަކައެއް ނުދެކެވޭއިރު އެންމެންތެރޭ ޖޯކަކަށް ނަގާ އެ ވާހަކަ ދައްކަންވީ ކީއްވެގެންތޯ ސުވާލު ކުރިއެވެ. ނަހުލާވަނީ އެ އޯޑިއޯގައި، މި އޯޑިއޯތައް ލީކު ކުރާ ބައެއްގެ މައްސަލައެއް ނެތްކަަމަށް ވިދާޅުވެ އަލީ ވަހީދުގެ ބަސް މަގު ވަރަށް ގޯސްކަމަށް ވިދާޅުވެފައެވެ.
ލީކުކޮށްލާފައިވާ އޯޑިއޯގައި އަލީ ވަހީދުކަމަށް ބުނާ މީހާ ގުޅުއްވަނީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާކަމަށް ބެލެވޭ މީހަކަށެވެ. އަދި ކައިރީގައި ތިއްބެވި ފަރާތްތަކަށް ވާހަކަ ނުދައްކާ މަޑުން ތިބުމަށް އިޝާރާތް ކުރެއެވެ. އެއަށްފަހު ބޭއަދަބީ ރާގަކަށް ”ހަލޯ، ހަމަ މިސްވެގެން ގުޅާލީ“ ކަމަށް ވިދާޅުވެއެވެ.
ޖަވާބުގައި ނަހުލާކަމަށް ބެލެވޭ ފަރާތުން ވެސް ސަކަރާތުގެ ހިނިގަނޑަކަށްފަހު ވިދާޅުވީ ”މިއަދު އިރުއެރީ ކޮންކޮޅަކުން ތޯ“ އެވެ. އެއަށްފަހު އަލީ ވަހީދުކަމަށް ބުނާ މީހާ ބޭއަދަބީކޮށް ވާހަކަ ދައްކަވައެވެ. އަދި ބައްދަލު ކުރަން އޮފީހަށް ދާންވީތޯ ސުވާލު ކުރެއެވެ. އެހެން ނަމަވެސް ނަހުލާކަމަށް ބުނާ ފަރާތަކުން ވަނީ މީޓިންއެއް އިތުމުން ބިޒީކަމަށް ވިދާޅުވެފައެވެ. އަދި ފަހުން ގުޅުއްވާނެ ކަމަށް ވިދާޅުވިއެވެ. ފޯނު ބޭއްވުމަށްފަހު އަލީ ވަހީދުކަމަށް ބުނާ މީހާއާއި އެންމެން އެކީ ބާރަށް ހޭން ފަށާ އަޑުއިވެއެވެ. އަދި އަލީ ވަހީދު ނަހުލާއާއި ގުޅޭގޮތުން ހަޑި ވާހަކަތަކެއް ދެއްކެވިއެވެ. އަދި އެކަމަށް އެންމެން ޖޯކު ޖަހާ ހީ ސަމާސާ ކުރެއެވެ.
ދެވަނަ އޯޑިއޯގައި ނަހުލާއާއި ގުޅޭގޮތުން ދެއްކި ވާހަކައިގައި އަލީ ވަހީދުކަމަށް ބުނާ މީހާ އެންމެ ފުރަތަމަ ނަހުލާގެ ރީތި ކަމަށް ތައުރީފް ކުރެއެވެ. އަދި ނަހުލާއަށް ބޭއަދަބީ ބަހެއް ބޭނުން ކުރުމަށްފަހު ނަހުލާ އަބަދުވެސް ގުޅުއްވުމަށްފަހު ގޯސް އަމަލުތަކެއް ހިންގަން ބޭނުންވެ އެވާހަކަ ދައްކަވާ ކަމަށް ވިދާޅުވެއެވެ. އަލީ ވަހީދުކަމަށް ބުނާ މީހާ އެ ވާހަކަ ދެއްކެވިއިރު އެންމެ އެކަމަށް ހޭން ފަށައެވެ.
މިއަދު ލީކުވީ އޯޑިއޯގައި އަލީ ވަހީދު ދިޔައީ، ތަކުރާރުކޮށް އެއީ އެޑިޓެއްކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް ނަހުލާ ވަނީ އޮޅުވާލަން މަސައްކަތް ނުކުރުމަށް ވިދާޅުވެފައެވެ.

