މިއަދު ދިވެހިރާއްޖޭގެ ކޯޓުތަކުގައި މަސައްކަތް ކުރާ ފަނޑިޔާރުންނަކީ ކޯޓުތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންނަށް ވުރެ ހާލުގައި އުޅޭ ބައެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިފަދައިން ވިދާޅުވީ ފެމެލީ ކޯޓުގެ ގާޒީ ހުޒެއިފާ މުހައްމަދުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން ނިންމާ، ތަހުގީގު ކޮމެޓީ އެކުލަވާލަން ޖޭއެސްސީން ނިންމުމުންނެވެ.
ހައިލަމް ވިދާޅުވީ ޖޭއެސްސީން ފަތިގަނޑު ދިއްކުރުމުން ފަނޑިޔާރުން ތިބެންޖެހެނީ ދެ އަތް ބަނދެވި ނަގޫ ގޮތް ޖެހިފައި ކަމަށެވެ. އަދި ހަމަ އެގޮތަށް މަޖިލީހުގެ ކުރިމަތީގައި އޭޖީއާއި ޕީޖީގެ ޙާލު މިއަށްވުރެ ދެރަ ކަމަށާއި އެއީ ވެސް ޒާތެއްގެ މިނިވަންކަމެއް ކަމަށް ހައިލަމް ވިދާޅުވިއެވެ.
ފެމެލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ބަލަން ނިންމާ، ތަހުގީގު ކޮމެޓީ އެކުލަވާލާފައިވާއިރު ހުޒެއިފާ މުހައްމަދާ ބެހޭގޮތުން ހުށަހެޅިފައިވާ ޝަކުވާއެއް ނުބަލަންވެސް ޖުލައި 3، 2019 ގައި އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. ހުޒެއިފާއާ ދެކޮޅަށް އެ ޝަކުވާ ހުށަހެޅި ފަރާތަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަމަށްވާތީ، އެ މައްސަލަ ހިނގާފައިވާ ގޮތުން ގާޒީ ހުޒެއިފާގެ މައްސަލައެއް އޮތްކަމަށް މެންބަރުންނަށް ނުފެންނަކަމަށް ނިންމާފައިވާކަމަށް ވެސް އެ ކޮމިޝަނުން އެ ދުވަހު ވަނީ ބުނެފައެވެ.
މީގެ އިތުރުން ލ. ގަމު މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަބްދުއްފައްތާހު އަބްދުލްގަފޫރުގެ ސުލޫކީ މައްސަލަ ބެލުމަށްވެސް ތަހުގީގު ކޮމެޓީ އެކުލަވާލާފައިވާ ކަމަށެވެ.
އަދި ގއ. ވިލިގިލި މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަޒީމް ހަސަނަށް މުސާރައާ އިނާޔަތް ނުލިބޭ ގޮތަށް މަސައްކަތަށް ނިކުތުން މަސް ދުވަހަށް މަނާކުރުމަށް ވަނީ ނިންމާފައެވެ. އެއީ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ލޯންޗަކަށް ދަތުރުތައް ހޯދުމާއި، އެ ދަތުރުތަކާ ގުޅޭ ވިޔަފާރީގައި އޭނާ އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ޖޭއެސްސީގެ ތަހުގީގަށް އެނގިފައިވާތީ ކަމަށް ވަނީ ބުނެފައެވެ.

