ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ބައެއް ގޮނޑިތަކަށް ފިރިހެނުން ކުރިމަތި ލުމުން ”މަހުރޫމް ވީ“ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

ކައުންސިލްތަކުގެ ބައެއް ގޮނޑިތަކަށް ފިރިހެނުން ކުރިމަތި ލުމުން "މަހުރޫމް ވީ" މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އޭޕްރިލް މަހުގެ 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ބައެއް ދާއިރާތަކަށް ފިރިހެނުންނަށް ކުރިމަތި ނުލެވޭ މައްސަލައާއި ގުޅިގެން ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ މާއްދާ ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނުބަލައި ބޭރުކޮށްލައިފި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެެވެ. އެ މައްސަލަ ކޯޓަށް ހުށަހަޅާ މޫސާ އަންވަރު ބުނެފައިވަނީ އޭނާ ނިސްބަތްވާ އައްޑޫ ހިތަދޫ ތިން ދާއިރާއަށް ފިރިހެނުންނަށް ވާދަ ނުކުރެވޭ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ބޭރުމަތީ ދާއިރާއަށް އަންހެން ގޮނޑިއެއް ދިނުމަށް ގުރުއަތުން ނިންމާފައިވަނީ އުފެދުމުގައި ވެސް ބާތިލު ގާނޫނެއްގެ މައްޗަށް ކަމަށެވެ. މޫސަ ވަނީ، މިހާރުވެސް އެ ދާއިރާގެ ކައުންސިލަރަކީ އަންހެނެއްކަން ފާހަގަކުރައްވާ އޭނާ އެ މަގާމަށް އައީވެސް ފިރިހެނުންނާއި ވާދަކުކޮށްކަން ފާހަގަކުރައްވާފައެވެ. އެއީ ހިތަދޫ މެދު ދާއިރާގެ ކައުންސިލް މެމްބަރު ޖަމްޝީދާ މުހައްމަދެވެ.

މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހު މޫސަކޮށްފައިވާ ޓްވީޓުތަކެއްގައި ބުނެފައިވަނީ އަސާސީ ހައްގެއް ކަމުގައިވާ މިނިވަންކަމާއިއެކު މަންދޫބުން އިހްތިޔާރު ކުރުމާއި އިންތިހާބުގެ ވާދަވެރި ކުރުމުގެ ހައްގު މުތުލަގަކޮށް، ގުރުއަތަކުން ފޭރި ގަތުމަކީ ގާނޫނީ ޖޯކެއް ކަމަށެވެ.

މޫސާ އަންވަރު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އޭނާއަށް ސުޕްރީމް ކޯޓުން ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުން އެފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް އޮންނަނީ ހައި ކޯޓަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެލެން ނެތް ކަމަށް ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން މޫސާ އަންވަރު މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ ހަފްތާގައި އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމަށެވެ.

ލާމަރުކަޒީ ގާނޫނަށާއި ގަނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށްފަހު، އެ އިސްލާހުތަކާއެކު ފުރަތަމަ ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާއިރު އޭގެ ތެރެއިން 370 ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. މި ބަދަލުތަކާއެކު އިންތިހާބު ބާއްވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުގަ އެވެ.

އަންހެނުންނަށް ގޮނޑި ހާއްސަ ކުރަން ނިންމުމާ ގުޅިގެން ގިނަ މީހުންގެ ކަންބޮޑުވުންތައް އޮތީ ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑި ހާއްސަ ކުރާ އުސޫލަށެވެ. އެ ސިޓީއެއް ދާއިރާތަކަށް ބެހުމަށް ފަހު ކޮންމެ ދާއިރާއަކުން މެންބަރަކު އިންތިހާބު ކުރާއިރު، އެއިން އަންހެނުންނަށް ހާއްސަވާ ދާއިރާގެ ގޮނޑި ކަނޑައަޅާފައިވަނީ ގުރުލުމަށްފަހުއެވެ.

އެހެންކަމުން އަންހެނުންނަށް ހާއްސަވާ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާން ބޭނުންވާ ފިރިހެނުންގެ ހައްގުތަކާއި އެ ދާއިރާއިން ބޭނުންވާ މީހަކު އިންތިހާބު ކުރުމުގެ ހައްގު ވޯޓު ލާ މީހުންގެ އަތުން ގެއްލޭ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

މާލެ ސިޓީގެ 18 ދާއިރާގެ ތެރެއިން އަންހެނުންނަށް ހަ ދާއިރާއެއް ހާއްސަ ވާއިރު އައްޑޫގެ 12 ދާއިރާގެ ތެރެއިން ހަތަރު ދާއިރާއެއް އަންހެނުންނަށް ހާއްސަކޮށްފައިވެ އެވެ. ފުވައްމުލަކުގެ ހަ ދާއިރާއިން ދެ ދާއިރާ އާއި ކުޅުދުއްފުށީގެ ހަ ދާއިރާއިން ދެ ދާއިރާ އަންހެނުންނަށް ހާއްސަވެ އެވެ.

މީގެ އިތުރުން ފަސް މެންބަރުން އިންތިހާބު ކުރާ ރަށު ކައުންސިލްތަކުން ދެ ގޮނޑި، އަދި ހަތް މެންބަރުން އިންތިހާބު ކުރާ ރަށު ކައުންސިލްތަކުން ތިން ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. ހަތް މެންބަރުން އިންތިހާބު ކުރަނީ 3،000 އަށްވުރެ މަތީގެ އާބާދީގެ ރަށްތަކުގަ އެވެ. އެއަށްވުރެ ދަށުގެ އާބާދީގެ ރަށްތަކުން އިންތިހާބު ކުރަނީ ފަސް މެންބަރުންނެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް މިހާރު ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން މާލޭގެ 18 ދާއިރާގެ ތެރެއިން ހަ ދާއިރާއެއް އަންހެނުންނަށް ހާއްސަކުރާއިރު، އައްޑޫގެ 12 ދާއިރާގެ ތެރެއިން ހަތަރު ދާއިރާ އަދި ފުވައްމުލަކުގެ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއް އަންހެނުންނަށް ހާއްސަކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: