ސަރުކާރާއި އިދިކޮޅު ޕީޕީއެމްއިން ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއިން ތިން ކަމަކަށް ރައްޔިތުން ނޫނެކޭ ބުނެފިކަން ހާމަވެއްޖެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލް އަދި ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން ބޭއްވި ޖަލްސާގެ ބައެއް ފޯޓުތައް ހިއްސާ ކުރައްވަމުން ޑރ ޖަމީލް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިދިކޮޅު ޕީޕީއެމްއިން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއިން ފެނިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޕީޕީއެމްގެ މަސައްކަތް ދިވެހި ރައްޔިތުން ބަލައިގެންފައިވާ މިންވަރު ކަމަށެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭގެ ޖަލްސާއިން ފެނިގެން ދިޔައީ ރައްޔިތުން ތިން ކަމަކަށް ނޫނެކޭ ބުނި މަންޒަރު ކަމަށެވެ. އެގޮތުން އާއްމުވަމުންދާ ކޮރަޕްޝަންގެ އަމަލުތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި އިސްލާމްދީނާއި މިނިވަންކަމަށް ގޮންޖެހުމަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. އަދި ނަޝީދުގެ ސިޔާސަތުތަކަށްވެސް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް ޖަމީލްގެ ޓްވީޓުގައި ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޕީޕީއެމްއިން ވަނީ މުޅި ކާނިވާ ސަރަހައްދު ފުރާލާފައިވާއިރު ޖަލްސާއަށް ރާއްޖެއިން ބޭރުގައި ތިބި ބައެއް ދިވެހިން ވެސް ވަނީ މާލެ ގެނެސްފައެވެ. މީގެ ހަފްތާއެއްގެ ކުރިން ހަމަ ކާނިވާ ސަރަހައްދުގައި ސަރުކާރު ހިންގާ މައިޕާޓީގެ ޖަލްސާއެއްވެސް ކުރިޔަށް ގެންދިޔައެވެ. ނަމަވެސް އެ ޖަލްސާއަށް ލިބިގެން ދިޔައީ ވަރަށް ފިނި ތަރުހީބެކެވެ.

