ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލި މީހެއްގެ ޝަރުތުހަމަނުވާ ކަމަށް އޭރުގެ ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކަނޑައެޅުމުން މީހަކު ސިވިލް ކޯޓުގައި އުފުލި ޖުޑީޝަލް ރިވިއުގެ ދައުވާ މިދިޔަ އާދީއްތަ ދުވަހު އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
އެ މައްސަލައަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހޯދުމަށް އަމިއްލަ ފަރާތަކުން ފޯމު ހުށަހެޅުމުން އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ނިންމައި ފޯމު ބަލައިނުގަތުމުން، އެ ނިންމުމަކީ ސައްހަ ނޫން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެވެ. އެ ނިންމުން މުރާޖައާކުރަން އެދުމުން މުރާޖައާ ނުކުރަން ނިންމީ ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާ ހިލާފަށް ސައްހަ ނޫން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް ދައުވާގައިވެއެވެ.
އެ މައްސަލައިގައި އެދިފައިވަނީ ދައުވާކުރި ފަރާތަކީ ޝަރުތުހަމަވާ ފަރާތެއް ކަމަށް ކަނޑައަަޅައިދިނުމަށާއި ބިންވެރިޔާ ސްކީމްގެ ދަށުން އޭނާއަށް ގޯއްޗެއް ހަމަޖައްސައިދިނުމަށް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. އަދި ދައުވާކުރި ފަރާތަކީ އެއްވެސް އިރެއްގައި މާލެ ނޫން ރަށެއްގައި ރަށްވެހިވެފައިވާ ފަރާތެއް ނޫން ކަމަށާއި އުފަންވީއްސުރެ މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ކަނޑައަަޅައިދިނުމަށް އެދިފައިވެއެވެ.
ޖުޑީޝަލް ރިވިއުގެ މައްސަލަތަކަކީ ދައުލަތުގެ އިދާރާތަކުން ނިންމާ ނިންމުންތަކާއި އަޅާ ފިޔަވަޅުތަކާއި ނުކޮށް ދޫކޮށްލާ ކަންކަން ހިމެނޭގޮތުން އެފަދަ އިދާރާއަކުން އަޅާ ފިޔަވަޅަކުން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ކަމަށް އެ މީހަކަށް ފެނިއްޖެނަމަ އެ ފިޔަވަަޅެއް އަޅާފައިވަނީ ގާނޫނީ އިމުގެ ތެރެއިންތޯ ބަލައިިދިނުމަށް ކޯޓަށް ހުށަހަޅާ މައްސަލަތެކެވެ. މަދަނީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން އެފަދަ މައްސަަލަތައް ކޯޓަށް ހުށަހަޅަން އޮންނަ މުއްދަތަކީ ދައުލަތުގެ އިދާރާއަކުން އެ ފިޔަވަޅު އެޅިތާ ތިން މަސް ދުވަހެވެ.
ދައުވާކުރި ފަރާތުގެ ޝަރުތު ހަމަނުވާކަން މިނިސްޓްރީން އޭނާއަށް އެންގީ އޮގަސްޓް 14، 2023ގައި ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ. އަދި އެ ނިންމުން މުރާޖައާކުރަން އެދި ޖެނުއަރީ 16، 2025ގައި ސިޓީ ފޮނުމުން މިނިސްޓްރީން ސެޕްޓެމްބަރު 16، 2025ގައި ފޮނުވި ސިޓީއަކުން ވަނީ އެ ނިންމުން މުރާޖައާ ކުރާނެ ތަނެއް ނެތް ކަމަށް އަންގައިފައެވެ.
ދައުލަތުން މި މައްސަލައިގައި ސިވިލް ކޯޓުގައި ބުނެފައިވަނީ، ޝަރުތުހަމަނުވާ ކަމަށް މިނިސްޓްރީން ނިންމައި އެކަން އެންގި ތާރީހަކީ އޮގަސްޓް 14، 2023 ކަމަށްވާއިރު، ދައުވާ ހުށަހަަޅާފައިވަނީ ގާނޫނުގައި ޖުޑީޝަލް ރިވިއުގެ މައްސަލަތަަށް ހުށަހަޅަން ދީފައި އޮންނަ ތިން މަސް ދުވަހުގެ މުއްދަތު ހަމަވި ފަހުން ކަމަށެވެ. އަދި މުއްދަތުގެ ތެރޭގައި ހުށަހަޅާފައިނުވާ އެކަށީގެންވާ ސަބަބެއް ދައުވާކުރާ ފަރާތުން ބަޔާންކޮށްފައިނުވާ ކަމަށެވެ.
ރައްދުގައި ދައުވާކުރި ފަރާތުން ބުނެފައިވަނީ އެ ފަރާތުން ސިވިލް ކޯޓުގައި ތައުނުކުރަނީ ސެޕްޓެމްބަރު 16، 2025ގައި މިނިސްޓްރީން ފޮނުވި ސިޓީގައި ނިންމާފައިވާ ނިންމުން ކަމަށެވެ. އަދި އެ ސިޓީއަކީ ކުރީގެ ނިންމުން ދެމެހެއްޓުމަށް މިނިސްޓްރީން ފޮނުވި ސިޓީއެއް ކަމަށާއި ކޯޓަށް ޖުޑިޝަލް ރިވިއުގެެ މައްސަލަ ހުށަހެޅީ އެ ސިޓީ ހުށަހެޅިތާ ތިން މަސް ތެރޭގައި ކަމަށެވެ.
ނަމަވެސް، މައްސަލަ ބަލައި ޝަރީއަތުން ނިންމާފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބުނާ އިދާރީ ފިޔަވަޅު އަޅާފައިވާ ތާރީޙަކީ އޮގަސްޓް 14، 2023 ކަމަށެވެ. އަދި ދައުވާ ހުށަހެޅި ފަރާތުން ދައުވާ ހުށަހަޅާފައިވަނީ އެ މުއްދަތު ހަަމަވިތާ ދެ އަހަރު ފަހުން ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ނިންމުން މުރާޖައާ ކުރަން އެދި ސިޓީ ހުށަހެޅުމުން މުރާޖައާކުރަން ޖެހޭ ތަނެއް ނެތް ކަމަށް ނިންމައި ޖަވާބު ދިން ދިނުމަކީ އައު އިދާރީ ފިޔަވަޅެއް ނޫން ކަމަށް ނިންމާފައިވެއެވެ.
ޝަރީއަތުގެ އަޑުއެހުމެއް ނެތި މައްސަލަ ނިންމައިދިނުމަށް އެދިފައިވާތީ މައްސަލަ ބެއްލެވި ގާަޒީ އަބްދުއްނާސިރު ޝަފީގު ހުކުމް ކުރެއްވީ ދެ ފަރާތުން ވެސް ޝަރީއަތަށް ހާޒިރުވުމަކާ ނުލައެވެ.

