2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިނުލައްވާނެ ކަމަށާއި އެމަނިކުފާނު ހުންނަވާނީ މުގުލުގައި ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ށ. ފޯކައިދޫގައި ބޭއްވި ’ބޮޑު ބަދަލު‘ ކެމްޕޭން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، 2028 ވަނަ އަހަރު އެމަނިކުފާނު ތާއީދު ކުރައްވާނީ ފައްޔާޒު އިލްމާއީލަށް ކަމަށާއި އެމަނިކުފާނު ހުންނަވާނީ މުގުލުގައި ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވީ އާންމުންގެ ގިނަ ބަޔަކު އެމަނިކުފާނު 2028 ވަނަ އަހަރު ރައީސްކަމަށް ކުރިމަތިލެއްވުމަށް ގޮވާލަމުން ދިޔަ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން ރާއްޖޭގެ އިގްތިސާދީ ހާލަތާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ފޯކައިދޫގެ ގިނަ ރައްޔިތުންނަށް އަހަރަކު އާމްދަނީގެ ގޮތުގައި 1,300 އެމެރިކާ ޑޮލަރުވެސް ނުލިބެއެވެ.
ފޯކައިދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ޖަލްސާގައި ނަޝީދު ވިދާޅުވީ އެ ހާލަތު ބަދަލުކުރުމަށް ޓަކައި ’ބޮޑު ބަދަލު‘ ސިޔާސަތުގެ ދަށުން، ރައްޔިތުންނަށް ލިބޭ އާމްދަނީ އާއި ފުރުސަތުތައް މިހާރު ހުރި މިންވަރަށްވުރެ ދެގުނަ އިތުރުކޮށްދެއްވާނެ ކަމަށެވެ.
ދިވެހިރާއްޖެ މިއަދު އޮތް ހާލަތުން ސަލާމަތްކޮށް، ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ އެމްޑީޕީގެ ”ރަން ރީނދޫ ލަޝްކަރު“ ނިކުމެގެން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
ގައުމުގެ ދަރަނީގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެއަކީ ދަރަނިން ސަލާމަތްވެފައިވާ ގައުމަކަށް ހަދަންޖެހޭ ކަމަށެވެ. އަދި ދަރަނީގެ މައްސަލައަށް އެދެވޭ ހައްލެއް ނުހޯދިއްޖެނަމަ، ރާއްޖެ އަލުން ފަގީރު ގައުމަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.
އެ މައްސަލަ ހައްލުކުރުމަށް ކައުންސިލްތަކާއެކު ގާތުން މަސައްކަތް ކުރައްވާނެ ކަމަށާއި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބާރުއަޅުއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ، ގައުމަށް ބޭނުންވާ މުހިންމު ބަދަލުތަކާއި އިސްލާހުތައް ގެންނެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ގާނޫނީ ބަދަލުތަކެއް ގެންނަންޖެހޭނަމަ، އެ ގާނޫނުތައް މުރާޖައާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ ދައުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ގޮވާލެއްވީ، އެމްޑީޕީއަކީ މިހާރަށް ވުރެ ހަރަކާތްތެރި ޕާޓީއަކަށް ވުމަށެވެ. ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެމްޑީޕީން އިސް ދައުރެއް އަދާކުރަންޖެހޭ ކަމަށާއި، ބަދަލެއް ގެނެވެން އޮތީ އިހްތިޖާޖު ކޮށްގެން ކަމަށްވާނަމަ، އެކަމަށް ވެސް ތައްޔާރަށް އޮންނަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

