އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރުމާއެކު ގައުމީ މަޖިލީހުގެ ވެސް 70 ނުވަތަ 80 ޕަސެންޓު ކާމިޔާބީ ލިބޭނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީޣެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އަމީރު ވިދާޅުވީ މިހާރު އޮތް ސިސްޓަމް ފެއިލްވެފައިވާކަން ރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އޮތީ އައު ފެށުމަކުން ފަށަން ޖެހިފައި ކަމަށާއި، އެ ފެށުމަކީ މިހާރު ރައްޔިތުންނަށް ހުށައަޅާފައިވާ ”ބޮޑު ބަދަލު“ ކަމަށެވެ.
އަމީރު އިތުރަށް ވިދާޅުވީ ބޮޑު ބަދަލެއް ގެނެވޭނީ ރައްޔިތުންގެވެސް ހިޔާލާއި މަޝްވަރާއާއެކު ކަމަށެވެ. އަދި އެއަށް ގެންނަން ވެސް ޖެހޭނީ ރައްޔިތުން ރުހި ގަބޫލުވާ ކަހަލަ ބަދަލުތަކެއް ކަމަށެވެ.
އަމީރު ވިދާޅުވި ގޮތުގައި ރަނގަޅު ސިޔާސީ ލީޑަރުންނަކީ ހަމައެކަނި ރައްޔިތުންގެ އަޑު އަހާ މީހުންނެއް ނޫނެނެވެ. ރަނގަޅު ސިޔާސީ ލީޑަރުންނަކީ ރައްޔިތުންނަށް ރަނގަޅީ ކޮން ކަންތައްތަކެއް ކަން އެމީހުންނަށް ކިޔައިދޭ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑަށް ގަބޫލުކުރެވެނީ މިފަހަރުގެ ޗެއާޕާސަން އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރާނެ ހެން. އެމްޑީޕީ ތެރޭގައި އެމްޑީޕީގެ އާންމު މެމްބަރުން މަސައްކަތް ކުރާ ގޮތާއި ވިންދު ހުރި ގޮތް ވަރަށް ސާފު ހަމަ. ބޮޑުތަނުން ރައީސް ނަޝީދު ކާމިޔާބު ކުރާނެ. ދެން އޭގެ ފަހުން ގައުމީ މަޖިލިސް އިންތިހާބުގައި މަދުވެގެން 70 80 ޕަސެންޓުގެ ގޮނޑި ގައުމީ މަޖިލިސްގައިވެސް ނެގޭނެ“
އަމީރު ވިދާޅުވީ މިއަދު އެމްޑީޕީގައި އެންމެން ތިބެނީ މިނިވަންކަމާއެކު ކޮންމެ ވާހަކައެއްވެސް ދެއްކޭތީ ކަމަށެވެ. އަދި އާންމު މެމްބަރުންނަށް މިއަދުވެސް އެންމެ މަތީ ލީޑަރޝިޕާ ވާހަކަ ދެއްކޭނެ ކަމަށާއި ރައީސް ނަޝީދާ ވެސް ސުވާލު ކުރެވޭނެ ކަމަށެވެ.
އަމީރު ވިދާޅުވީ އެމްޑީޕީގައި އޮތް މިނިވަން ކަން ޕީއެންސީގައި ނޯންނާނެ ކަމަށެވެ. އަދި އެފަދަ ގޮތަކަށް މިނިވަންކަމާއެކު ބޭނުން ގޮތަކަށް ސުވާލު ވެސް ނުކުރެވޭނެ ކަމަށާއި އެ ޕާޓީގައި އެންމެ ހިނދަކު މަޑުވެސް ނުކުރެވޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.

