ކުންފުނީގެ އޮޕަރޭޝަނަލް ހަރަދުތައް ކުޑަކުރުމަށާއި މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ތިރިކުރުމަށް ޓަކައި، އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދިނުމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ނިންމައިފިއެވެ. ނަމަވެސް، މި ސްކީމްގެ ދަށުން ވަކިކުރަން އަމާޒުކުރާ މުވައްޒަފުންގެ ސީދާ އަދަދެއް ނުވަތަ ކުންފުންޏަށް ބޭނުންވާ މުވައްޒަފުންގެ ރަސްމީ އޮނިގަނޑެއް (ސްޓާފިންގް އެސެސްމަންޓެއް) މިހާތަނަށް ކަނޑައަޅާފަ ނުވެއެވެ.
އިއްޔެ ހުޅުވާލި މި ފުރުސަތުގެ ދަށުން އަމިއްލައަށް ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް، އެ މުވައްޒަފަކަށް މިހާރު ލިބޭ މުސާރައިގެ ހަތަރު މަސްދުވަހުގެ އުޖޫރައާ އެއްވަރުގެ އިނާޔަތެއް ލިބޭނެ ކަމަށެވެ. މި ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި ސްކީމާ ގުޅޭގޮތުން ފެނަކައިގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިކްރާމް ”ސަންގު ޓީވީ“އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުންފުނިން މިވަގުތު އަމާޒުކުރަނީ ކުންފުނީގެ އޮނިގަނޑު ”ރައިޓް-ސައިޒް“ ކުރުމަށް ނުވަތަ މަސައްކަތާ އެކަށީގެންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަށް ކަމަށެވެ. އެހެންނަމަވެސް މިވަގުތު މުވައްޒަފުން ވަކިކުރަން ވަކި އަމާޒެއް ނުވަތަ އަދަދެއް ކަނޑައަޅާފައި ނުވާކަމަށެވެ.
”އަޅުގަނޑުމެންގެ މިވަގުތުގެ އަމާޒަކީ ވަކި އަދަދެއް ކަނޑައެޅުމެއް ނޫން. ބޭނުމަކީ ކުންފުނީގެ މުވައްޒަފުންގެ އަދަދު ހުންނަންޖެހޭ ރަނގަޅު މިންވަރަށް ގެނައުން،“ އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށްރަށުގައި ހިންގާ ފެނަކަ ބްރާންޗުތަކަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަތުމަށް ޓަކައި ހާއްސަ ދިރާސާތަކެއް ކުރުމަށް ހަމަޖެހިފަވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ދިރާސާތަކުގައި ބަލާނީ އެ ރަށެއްގެ އާބާދީއަށާއި، ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ އިންޖީނުގެތަކާއި، ފެނާއި ނަރުދަމާގެ ނިޒާމުތައް ހިންގުމަށް ސީދާ ބޭނުންވާ މުވައްޒަފުންގެ އަދަދަށެވެ.
އިކްރާމް ވިދާޅުވި ގޮތުގައި، މި ސްކީމަށް ހިނގާނެ ޖުމްލަ ހަރަދު އެނގޭނީ ފުރުސަތު ހަމަވާއިރު، ވަކިވާން އެދޭ މުވައްޒަފުންގެ އަދަދު ކަށަވަރުވުމުންނެވެ.
”ޖުމްލަ ހަރަދު އަންދާޒާ ކުރެވޭނީ ކިތައް މުވައްޒަފުން މި ސްކީމް އިހުތިޔާރު ކުރޭތޯ ބެލުމަށްފަހު،“ އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ކުންފުންޏަށް ބޭނުންވާ މުވައްޒަފުންގެ ފުރިހަމަ އޮނިގަނޑެއް އެކުލަވާލައި ނިމުމުގެ ކުރިން މިފަދަ ނިންމުމެއް ތައާރަފުކުރުމުން، ކުންފުނީގެ މުވައްޒަފުންގެ ބޭނުންތެރިކަން ވަޒަންކުރާނެ މިންގަނޑުތަކާ މެދު ސުވާލު އުފެދެއެވެ.
ފެނަކައިގެ މުވައްޒަފުންގެ އަދަދު އިންތިހާއަށް އިތުރުވެ، ހިންގުމުގެ ދަތިތަކާ ކުރިމަތިވެފައިވާ މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން ފާހަގަކުރެވެމުންދާ ކަމެކެވެ. ފާއިތުވި އަހަރުތަކުގައި ކުންފުނީގެ މުވައްޒަފުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު، އެއީ ހިދުމަތުގެ ފެންވަރާ ނުބައްދަލު އަދަދެއް ކަމަށް އޮޑިޓް ރިޕޯޓުތަކުން ވެސް ވަނީ ދައްކާފައެވެ.
ބައެއް ރަށްރަށުގައި މަޝްރޫއުތައް ހުއްޓިފައިވުމާއި ތަކެތި ލިބުން ލަސްވުމުގެ ސަބަބުން، އެއްވެސް މަސައްކަތެއް ނެތި ތިބެންޖެހޭ މުވައްޒަފުން ގިނަވުމަކީ ކުންފުންޏަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މީގެ ސަބަބުން މުވައްޒަފުންގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފި، ހިންގުމުގެ ހަރަދު ބޮޑުވަމުންދާ ކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަފީފް ރޭ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ، މަޝްރޫއުތައް މަޑުޖެހުމުގެ ސަބަބުން މުވައްޒަފުންގެ ބޮޑު ބަޔަކަށް ކުރާނެ މަސައްކަތެއް ނެތި ތިބޭ ކަމަށެވެ. މި ނިންމުމުގެ ބޭނުމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މުސާރައިގެ ހަރަދުތައް ކުޑަކޮށް، ކުންފުނީގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކަ ރީސްޓްރަކްޗަރ ކުރަން މިފެށީ އެ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެކަށީގެންވާ ވަރަށްވުރެ ގިނައިން މުވައްޒަފުން އިތުރުކުރުމާއި، މާލީ މުއާމަލާތްތަކާއި މުދާ ހޯދުމުގެ ނިޒާމުގައި ހުރި ބަލިކަށިކަމުގެ ސަބަބުން ކުންފުނި ވަނީ ބޮޑު ދަރަންޏަކަށް ވެއްޓިފައެވެ.
މި ހުރިހާ ކަމަކާއެކުވެސް، މުޅި ރާއްޖޭގައި ހިދުމަތް ދިނުމަށް ސީދާ ބޭނުންވަނީ ކިތައް މުވައްޒަފުން ކަމެއް ފެނަކައިން އަދިވެސް ހާމަކޮށްފައެއް ނުވެއެވެ. މި ނިންމުމަކީ ކުންފުނި އިސްލާހުކުރުމުގެ ފުރަތަމަ މަރުހަލާ ކަމަށް ބެލެވުނު ނަމަވެސް، ދިގު މުއްދަތުގެ ޕްލޭންތަކާއި މުވައްޒަފުންގެ އޮނިގަނޑާ ގުޅޭ މުހިންމު ތަފުސީލުތައް އަދިވެސް އަންނަނީ ދިރާސާ ކުރެވެމުންނެވެ.

