ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީން ހިތަދޫއަށް ވޯޓު ހޯދަން ފޮނުވީ އުކުޅަހު ކުއްޖެއް، އައްޑޫ މީހަކު ނުވި: ނަޝީދު

ރޭގެ ކެމްޕެއިން ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީއިން ހިތަދޫ އުތުރު ދާއިރާއަށް ކެމްޕެއިން ކުރަން ފޮނުވާފައި ހުރީ އުކުޅަހު ކުއްޖެއް ކަމަށާއި އެކަން ކުރާނެ ޕީއެންސީގެ މީހަކު ނުވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، އަބްދުﷲ ސޯދިިގު (ސޯބެ) ގެ ކެމްޕޭން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ޕީއެންސީން ވޯޓު ހޯދަން އައްޑުއަށް ފޮނުވައިގެން އުޅެނީ އުކުޅަހު ކުއްޖެއް ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވިއިރު ޕީއެންސީގެ ކެމްޕެއިންގައި ހިންގެވުމުގައި އިސްކޮށް އުޅުއްވަނީ އުކުޅަހަށް ނިސްބަތްވާ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

”މިތަނަށް ވޯޓު ހޯދަން މި ފޮނުވަނީ އުކުޅަހު ކުއްޖެއް. ނެތީއޭ، އެ ބޭފުޅުންގެ އަތުގައި ނެތީ އައްޑު އަތޮޅު އެއްވެސް މީހެއް މިކަން ކޮށްލަން އަންނާނެ.“

ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އަސްލު އެމްޑީޕީގެ މެންބަރެއް ކަމަށާއި، މިހާރު ޕީއެންސީއާ ގުޅިގެން އުޅެނީ ވަގުތީ ގޮތުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ޕީއެންސީގެ ޓިކެޓު ހަގީގަތުގައި ލިބިވަޑައިގަތީ ކުރީގެ މެމްބަރު ސިނާނަށް ކަމަށާއި އޭނާ ”ނަގާ އެއްލާލާފައި“ ޕީއެންސީން ”އުކުޅަހު މީހެއް“ ގެނެސްގެން އުޅެނީ ކެމްޕެއިން ލީޑުކުރާނެ އައްޑޫގެ ދަރިއަކު ނުލިބުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ސިފަކުރެއްވި ގޮތުގައި، ސޯބެއަކީ އެމްޑީޕީގެ ”އަސްލު“ ކެންޑިޑޭޓެވެ. އަދި އޭނާއަކީ އެ ދާއިރާއާއި ރައްޔިތުންގެ ހައްގުގައި ގިނަ ދުވަސްތަކެއް ވަންދެން ސާބިތުކަމާއެކު މަސައްކަތް ކުރައްވާފައިވާ، އެމްޑީޕީގެ ”ލޭ ހިނގާ“ ޕާޓީގެ އިހްލާސްތެރި ދިގު މުއްދަތުގެ މެންބަރެއްކަން ފާހަގަކުރެއްވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީއަށް ކަމެއް ކޮށްދީފައި ހުރިއްޔާ ކޮށްދީފައި ހުރީ އެމްޑީޕީގެ ސަރުކާރުތަކުނެވެ. އަދި އެކަން އައްޑޫ ސިޓީގެ ރައްޔިތުން ދަންނަ ކަމަށް ވިދާޅުވިއެވެ.

”މި އައްޑޫ ސިޓީގައި މިވާ ހުރިހާ އުމްރާނީ ތަރައްގީ އެއީ އިތުރު ބައެއްގެ އެއްޗެއް ނޫން. އެމްޑީޕީގެ އެއްޗެއް.“

ނަޝީދު ވިދާޅުވީ، އައްޑޫ ސިޓީއަށް ބޭނުންވަނީ ދުނިޔޭގެ އާޖުފާޖު އެނގޭ އައްޑޫ ސިޓީއަށް ހިދުމަތްކޮށްދެވޭނެ އަދި ކުރަން ޖެހޭ ހިދުމަތް ވެސް ދަންނަ އައްޑޫގެ ދަރިއެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މީހަކީ ސޯބެއެވެ.

ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުން ނަޝީދު ވިދާޅުވީ، އެ ދާއިރާގައި އެމްޑީޕީގެ ނަން އަދިވެސް ވިދަމުންދަނީ ސޯބެ ވެވަޑައިގެންފައިވާ ގުރުބާނީތަކާއި އުފުއްލެވި ތަކުލީފުތަކުގެ ސަބަބުން ކަމަށެވެ. އަދި އޭނާގެ މަސައްކަތްތަކުގެ ސަބަބުން ދާއިރާގެ ރައްޔިތުންގެ އިތުބާރާއި ތާއީދު ސޯބެއަށް ލިބިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރެއްވި ނަމަވެސް، ރައްޔިތުންގެ ވިންދާއި އެއްގޮތަށް ކުރިޔަށް ދިއުމަށްކަމަށް ބުނެ ސިނާން ޓިކެޓު ދޫކޮށްލެއްވީއެވެ. މި ދާއިރާގެ ގޮނޑި ހުސްވީ ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުން އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: