އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް އެމަނިކުފާނު އިންތިޚާބުވެވަޑައިގެންފިނަމަ، ޕާޓީގެ ފަރާތުން މަޝްރޫޢުތައް ރޭވުމަށް ޚާއްޞަ ”ޕްރޮޖެކްޓް ޕްލޭނިންގ އޮފީހެއް“ ޤާއިމުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގއ. ނިލަންދޫގައި ކުރިއަށްދިޔަ ”ބޮޑު ބަދަލު“ ކެމްޕޭން ހަރަކާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ އޮފީހުގެ މައިގަނޑު މަޤްޞަދަކަށް ވާނީ ރާއްޖޭގެ ރަށްރަށަށް ބޭނުންވާ ވިޔަފާރި އާއި އިޤްތިޞާދީ އަމަލީ ޕްލޭންތައް އެކުލަވައިލުން ކަމަށެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، މި އިސްނެގުމުގެ ތެރެއިން ވަކިވަކި ރަށްރަށަށް އެމްޑީޕީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދެވޭނެއެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރާއި ހަ އަހަރުގެ ތެރޭގައި، ރޭވުންތެރި މަޝްރޫޢުތަކާއި ވިޔަފާރީގެ އުސޫލުތައް މެދުވެރިކޮށް ރަށްރަށުގެ އާމްދަނީ އިތުރުކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމުގެ އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި ގޭބިސީތަކުގެ އާމްދަނީ އިތުރުކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އާމްދަނީ އިތުރުކޮށް، އިޤްތިޞާދީ އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ނުކޮށްފިނަމަ، ޤައުމުގެ ދަރަނި ބޮޑުވަމުންދާ ދަނޑިވަޅެއްގައި ރަށްރަށަށް އިތުރު ދަތިތަކާއި އުނދަގޫތަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ދެއްވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ކެމްޕޭނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިންނެވެ.

