ކޯވިޑް-19 އަށް ފަރުވާ ދިނުމުގެ ގޮތުން ރާއްޖޭގެ 20 އަތޮޅެއްގައި އައިސޮލޭޝަން ފެސިލިޓީ ޤާއިމްކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮރޯނާވައިރަސް، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، އައިސޮލޭޝަން ފެސިލީޓީގެ ގޮތުގައި ޖުމްލަ 641 ޖާގަ މިހާރު ގާއިމްކޮށްފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ އެ އަދަދަކީ މިހާރު އައިސޮލޭޝަންގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ފަރުކޮޅުފުއްޓާއި ވިލިވަރުގެ ކެޕޭސިޓީއާ ނުލާ ރާއްޖޭގެ އެކި އަތޮޅުތަކުގައި ޖާގައިގެ ގޮތުގައި ހުރި މިންވަރު ކަމަށެވެ.
އަތޮޅުތަކުގެ ޖާގަ:
ހއ: ކަރަންޓިން 29، އައިސޮލޭޝަން 19
ހދ: ކަރަންޓީން 64، އައިސޮލޭޝަން 34
ށ: ކަރަންޓީން 30، އައިސޮލޭޝަން 21
ނ: ކަރަންޓިން 19، އައިސޮލޭޝަން 16
ރ: ކަރަންޓިން 17، އައިސޮލޭޝަން 33
ބ: ކަރަންޓިން 42، އައިސޮލޭޝަން 41
ޅ: ކަރަންޓިން 12، އައިސޮލޭޝަން 5
ކ: ކަރަންޓިން 8، އައިސޮލޭޝަން 8
އއ: ކަރަންޓިން 10، އައިސޮލޭޝަން 9
އދ: ކަރަންޓިން 23، އައިސޮލޭޝަން 12
ވ: ކަރަންޓިން 4، އައިސޮލޭޝަން 9
މ: ކަރަންޓިން 9، އައިސޮލޭޝަން 12
ފ: ކަރަންޓިން 0، އައިސޮލޭޝަން 8
ދ: ކަރަންޓިން 6، އައިސޮލޭޝަން 8
ތ: ކަރަންޓިން 18، އައިސޮލޭޝަން 0
ލ: ކަރަންޓިން 28، އައިސޮލޭޝަން 22
ގއ: ކަރަންޓިން 16، އައިސޮލޭޝަން 8
ގދ: ކަރަންޓިން 14، އައިސޮލޭޝަން 12
ޏ: ކަރަންޓިން 4، އައިސޮލޭޝަން 2
ސ: ކަރަންޓިން 5، އައިސޮލޭޝަން 4
ކޯވިޑް-19 އަށް ޝައްކުރުވޭ އަދި އެ ޕޮސިޓިވް ވާ މީހުން މީގެ ކުރިން އެކަހެރިކުރަމުން އައިސްފައިވަނީ ފަރުކޮޅުފުށީގެ ގާއިމްކޮށްފައިވާ 50 މީހުންގެ ޖާގައިގެ މަރުކަޒުގަ އާއި ވިލިވަރުގައި 30 ޖާގައިގެ މަރުކަޒުގަ އެވެ.
ފަރުކޮޅުގައި ހަދާފައިވާ ކަރަންޓީނު ފެސިލިޓީގައި މިވަގުތު 11 މީހަކު އެބަތިއްބެވެ. އަދި ވިލިވަރުގެ އައިސޮލޭޝަން ފެސިލިޓީގެ 17 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ.
މީގެ އިތުރުން ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ތައްޔާރުކުރި ވިލިވަރުގައި ދެ ވަނަ ފިޔަވަހީގެ ދަށުން ކޮޓަރިތައް އިތުރުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ވިލިވަރުގައި މިހާރު ގާއިމުކޮށްފައިވާ 30 ކޮޓަރީގެ އިތުރުން، އިތުރު 70 ކޮޓަރި އެޅުމަށް ނިންމާފައިވާ ކަމަށެވެ.
ވިލިވަރުގެ އިތުރުން، ރިސޯޓެއްގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ހިންގި އއ. ވެލިދޫ ރިސޯޓުވެސް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ސަރުކާރުން ބޭނުންކުރަން ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކަރަންޓީނު ފެސިލީޓީތައް އިތުރު ކުރަން ސަރުކާރުން ނިންމާފައިވަނީ ކޮވިޑް19އަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 10 އަކަށް އަރާފައިވަނިކޮށެވެ. ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ.
ކޮވިޑް19 ފެތުރެމުންދާތީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށެވެ.

