މިހާރު މުޅި ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރައިސްގެ ސަބަބުން ރާއްޖޭގައި ސީއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ޖަލްސާ ނުބޭއްވުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވިޓެއްގައި ބުނެފައި ވަނީ ކޮވިޑް19 އިން ރައްކާތެރިވުމަށްޓަކާ ގިނަ މީހުން ބައިވެރިވާ ހަރަކާތްތައް ނުބޭއްވުމަށް ކަމާގުޅުންހުރި މުއައްސަސާތަކުން ބާރުއަޅަމުންދާތީ، ކޮންމެ އަހަރަކު ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ މިއަހަރު ނުބާއްވާގޮތަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ނިންމަވާފައިވާ ކަމަށެވެ.
މިނިސްޓްރީގެ އެކްޒެކްޓިވް ކޮމިޓީގެ ލަފާގެ މަތިން މިގޮތަށް ނިންމެވި ނަމަވެސް، ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ކުރިޔަށްގެންދަން ރާވާފައިވާ ގިނަމީހުން އެއްވުން ނުހިމެނޭ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޝަހީދުންގެ ދުވަހުގެ ޖަލްސާ ނުބޭއްވުމަށް މިނިސްޓްރީން ނިންމާފައިވާއިރު ކޮރޯނާ ވައިރަސްއާއި ގުޅިގެން ސުކޫލްތަކާއި ކޮލެޖް ޔުނިވާސިޓީތައް ވެސް ވަނީ ބަންދު ކޮށްފައެވެ. އަދި ޕާކުތަކާއި އެހެނިހެން ވެސް މީހުން އެއްވާ ސަރަހައްދުތައް ބަންދު ކުރުމަށް އެޗްޕީއޭއިން ވަނީ އަމުރުކޮށްފައެވެ.

