އައިލެންޑް ސަފާރީން އެކަހެރިކުރި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖެ އިން އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު 13 އަށް އަރާފައިވާ ކަމަށް ސަރުކާރުން ދެންމެ ބުނެފި އެވެ.
އެ ސަފާރީގައި ތިބި އެ ދެ ޓޫރިސްޓްގެ ފަރާތުން އަލާމާތްތައް ފެނުމުން ސަފާރީ އުޅަނދު މޮނީޓަރިން ހާލަތަކަށް ގެނަ އެވެ. ސާމްޕަލްގެ ނަތީޖާ މިއަދު ލިބުނުއިރު އެ ދެ މީހުން ވެސް ޕޮޒިޓިވްކަން ދެންމެ ސަރުކާރުން ވަނީ އިއުލާންކޮށްފައިވަނީ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައެވެ.
މީގެކުރިން މުޅިން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ފެނިފައިވަނީ ރިސޯޓްތަކުން ނަމަވެސް މީ ސަފާރީއަކުން މި ބަލި ޖެހިފައިވާ މީހެއް ރާއްޖެއިން ފެނުނު ފުރަތަމަ ފަހަރެވެ.
ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއަށް އިތުރު މީހަކު ޕޮސިޓިވްވެ، ރާއްޖޭން މި ވައިރަސް ފެނުނު މީހުންގެ އަދަދު 11 އަށް އަރައިފި ކަމަށް ނެޝަނަލް ހެލްތު ޕްރޮޓެކް އޭޖެންސީ (އެޗްޕީއޭ) އިން އިއުލާންކޮށްފައިވަނީވެސް މިއަދުގެ ވަގުތެއްގައެވެ.
އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މިފަހަރު ޕޮސިޓިވްވެފައިވަނީ އަނަންތަރަ ދިގު ރިސޯޓުގައި ހުރި ބިދޭސީއެކެވެ. ނަމަވެސް އެއީ ފަތުރުވެރިއެއް ކަމެއް ނުވަތަ ބިދޭސީ މުވައްޒަފެއް ކަމެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.
ކޮވިޑް-19 އަށް އެންމެފަހުން ޕޮސިޓިވް މީހަކީ މިވަގުތު ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައިވާ ފަރާތެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން ބ. ފެހެންދޫ އާއި ތިން ރިސޯޓަކުން ކޮވިޑް-19 އަށް ޓެސްޓް ކުރި މީހުން ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.
އެގޮތުން ފެހެންދޫ އާއި ސަންގެލި ރިސޯޓްގެ އިތުރުން ބަނޑޮހާއި ޑްރީމްލޭންޑް ރިސޯޓުން ޓެސްޓް ކުރި މީހުން ނެގަޓިވް ވުމުން އެ ރަށްތައް މޮނީޓާކުރުން ހުއްޓާލައި ރަށްތައް ހުޅުވާލާފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އެރިއިރު ޕޮޒިޓިވްވި އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހުންނަކީ ކުރެއްދޫ ރިސޯޓުން ފެނުނު މީހުންނެވެ. އޭގެ އިތުރުން ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގެ ދެ މީހަކާއި ކުރަމަތި މޯލްޑިވްސް ރިސޯޓުގެ ދެ މީހަކު އަދި އަނަންތަރާ ދިގު ރިސޯޓުން ދެ މީހެކެވެ.
ރާއްޖޭގައި ކޮވިޑް ރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
ރައްކާތެރިވުމަށްޓަކައި ސަރުކާރުން މިއަދު ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފަ އެވެ. ވައިރަހާ ގުޅިގެން މިހާރުވެސް 13 ރިސޯޓެއް މޮނީޓަރިންގެ ހާލަތުގައި އޮތް އިރު، ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން، ސަރުކާރުން ވަނީ ސްޕެއިންގެ އިތުރުން، ފްރާންސް އަދި ޖާމަނީގެ ބައެއް ސިޓީތަކުން މީހުން އެތެރެވުންވެސް މަނާކޮށްފަ އެވެ. އަދި އޭގެ ކުރިން ޗައިނާ، އިރާން، ބަންގްލަދޭޝް އިޓަލީ އަދި ދެކުނު ކޮރެއާގެ ބައެއް ސިޓީތަކުން މީހުން އައުންވެސް ވަނީ މަނާކޮށްފަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ރިސޯޓުތަކާއި ސަފާރީތަކާއި ރަށްރަށުގައި ތިބި ޓޫރިސްޓުން އެކްސްކާޝަނަށް އެއްވެސް ރަށަކަށް ނުދެވޭ ގޮތަށް މަނާކުރުމާއި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ގެސްޓް ހައުސްތަކަށް ބިދޭސީން ގެނައުން މަނާކުރުމާއި ރިސޯޓްތަކާއި ރަށްރަށާ ދެމެދު ދަތުރުކުރުން މަނާކުރުން ހިމެނެ އެވެ.

