ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނަށް ފުރައްސާރަވާ ގޮތަށް ކަންކަން ކުރާ މީހުންނާއި ދެކޮޅަށް ދައުލަތުން ދައުވާ ކުރާނެ ކަމަށް ޕްރޮސިކިޔުޓާރ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމް މިފަދައިން ވިދާޅުވެ ޓުވީޓް ކުރައްވާފައި މިވަނީ އިސްލާމްދީނާއި، ކީރިތި ރަސޫލާއަށް ފާޅުގައި ނިކުމެ ތިމަންނާއަކީ މުސްލިމެއް ނޫންކަމަށް ބުނެ ފުރައްސާރަކުރި ގދ.ތިނަދޫ އިން ހައްޔަރުކުރި މީހާ ގެއަށް ބަދަލު ކުރުމަށް ފަހު އަލުން އޭނާ ހައްޔަރު ކުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ޕީޖީއަށް އަމާޒްކޮށް ކުރެވުނު ސުވާލަކަށް ޖަވާބް ދެއްވަމުންނެވެ.
އެގޮތުން މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝޭޙް އަލީ ޒައީދު ވަނީ އިސްލާމްދީނަސް ފުރައްސާރަކޮށް ކަންކަން ކުރާ މީހުންގެ މައްޗަށް ދައުވާ ކުރާނަންތޯ އަދި އަދި ޕީޖީ އަޅުއްވާނެ ފިޔަވަޅުތަކާއި ބެހޭ ގޮތުން ސުވާލު ކުރައްވާފައެވެ.
އެކަމާއި ގުޅިގެން ޕީޖީ ޝަމީމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށާއި އެހެން ކަމުން އިސްލާމް ދީނަށް ފުރައްސާރަވާ ގޮތަށް ކަންކުރާ މީހުންގެ މައްޗަށް ދަޢުވާކުރާނެ. ކަމަށާއި އަދި މީގެކުރިންވެސް ދައުވާ ކޮށްފައިވާކަން ޕީޖީ ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން ކަމުގެ ޙަޤީޤަތް ނުބަލައި، އެކަމުގެ ވަށައިގެން ފިތުނަ އުފައްދަން މަސައްކަތް ކުރުމަކީ ވަރަށް ދެރަ ކަމެއް ކަމެއް ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
މުހައްމަދު ރުސްތުމް މުޖްތަބާ ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރު ކުރުމަށްފަހު، މާބޮޑު ތަފްސީލެއް ފުލުހުން ވެސް ދީފައި ނުވެއެވެ. އެހެން ނަމަވެސް އެ މީހާގެ ސައިކޮލޮޖިކަލް އެސެސްމެންޓެއް ހެދުމަށާއި އިސްލާމިކް މިނިސްޓްރީގެ ކައުންސެލިން ސެޝަންތަކަށް ގެންދިއުމަށް ނިންމާފައިވާކަމަށް އޭރު މައުލޫމާތު ދިނެވެ. އަދި އޭނާގެ ނަފްސާނީ ޓެސްޓުތަކެއް ހެދިއެވެ. އޭގެ ނަތީޖާތަކުގެ މައުލޫމާތުތަކެއް ވެސް މީޑިއާތަކާއި ހިއްސާކޮށްފައި ނުވެއެވެ.
ރުސްތުމްއަކަށް ހުކުމެއް އިއްވާފައި ނެތެވެ. ދެ ފަހަރެއްގެ މަތީން އޭނާގެ ބަންދަށް 15 ދުވަސް ވެސް އިތުރު ކުރިއެވެ. އެއަށްފަހު ވީނުވީއެއް ނޭނގެއެވެ.

