ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރްޓީއައި ގާނޫނުގެ ދަށުން ވުޒާރާތަކުން އަމިއްލައަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ފުރިހަމައަށް ހާމަކޮށް ނިންމައިފި

ރައީސް ޑރ. މުއިއްޒާއި ކެބިނެޓް މިނިސްޓަރުން ކެބިނެޓް ބައްދަލުވުމެއްގައި -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް ހުރިހާ ސަރުކާރުގެ ވުޒާރާތަކުން އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ފުރިހަމައަށް ހާމަކޮށްފިއެވެ.

ރައީސް އޮފީހުންނާއި ބައެއް ވުޒާރާތަކުން އާރްޓީއައިތަކަށް ޖަވާބު ނުދޭކަމުގެ ކަންބޮޑުވުން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މީގެ ކުރިން ވަނީ ފާޅުކުރައްވައިފައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރެއިން 487 ޝަކުވާއަކީ މައުލޫމާތު ހޯދަން ހުށަހެޅުމުން އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ ޝަކުވާތަކެވެ.

ނަމަވެސް، އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ، މިނިސްޓްރީތަކުން އަމިއްލައަށް ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން މީގެ ކުރިން ހާމަކޮށްފައިވަނީ އެންމެ 34 ޕަސެންޓް މައުލޫމާތު ކަމަށެވެ. ނަމަވެސް މިއަދުގެ ނިޔަލަށް ބަލާއިރު، 16 ވުޒާރާއަކުން ވަނީ އެ ހުރިހާ މައުލޫމާތެއް 100 އިންސައްތަ އާންމުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ 2014 ވަނަ އަހަރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން އެ ގާނޫނުގެ ދަށުން ވުޒާރާތަކުން އަމިއްލަ އިސްނެގުމަށް އާންމުކުރަން ޖެހޭ ހުރިހާ މައުލޫމާތެއް އާންމުކުރި ފުރަތަމަ ފަހަރެވެ.

ދައުލަތުގެ އެންމެހާ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި އަދި ޖަވާބުދާރީކުރުވަނިވި ގޮތެއްގައި ކުރިއަށް ގެންދިއުގެ އިތުރުން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކަށަވަރުކުރުމަށް ޓަކައި އެކުލަވާލާފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅިފައިވާ ހުރިހާ ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) ތަކަށް ޖާވާބު ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިދިޔަ ހަފްތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މީގެ ކުރިން ވިދާޅުވެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން އިސްތިސްނާ ކަނޑައަޅައިފައިވާ ދާއިރާތައް ފިޔަވައި، ރައީސް އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރްޓީއައި ފޯމަކަށް ޖަވާބު ދެމުންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: