ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނަށް ކުޑަކަމުދާ ތަކެތި ދޭން ދެކޮޅުހެދިކަމަށް ބަލާ ވަގުތު 12 ގަޑިއިރަށް ކުރުކޮށްފި

ފޮޓޯ : ދިވެހި ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ މައްސަލަތަކުގެ ތަހުގީގުތަކުގައި ”ކޮންޓްރޯލްޑް ޑެލިވަރީ“ އޮޕަރޭޝަންތައް ހިންގުމާއި، ސާމްޕަލް ނެގުމާއި ތަހުލީލުކުރުމާ ގުޅޭ އާ ގަވާއިދެއް ސަރުކާރުން އެކުލަވައިލައި، އަމަލުކުރަން ފަށައިފިއެވެ.

މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން އެކުލަވައިލި މި ގަވާއިދު ޖޫން މަހުގެ 9 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ. މި ގަވާއިދުގައި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތައް ހިންގާނެ ގޮތުގެ ތަފްސީލީ އުސޫލުތަކާއި، ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ހޯދުމާއި ތަހުލީލުކުރުމުގެ އިތުރުން ތަހުގީގީ އެކި މަރުޙަލާތައް ކުރިއަށްގެންދާނެ ގޮތްތައް ވަނީ ބަޔާންކޮށްފައެވެ.

މި ގަވާއިދުގެ ދަށުން، މަސްތުވާތަކެތި ބޭނުންކޮށްފައިވޭތޯ ބެލުމަށް ސާމްޕަލް ދޭން ދެކޮޅުހެދިކަމަށް ބަލާ ވަގުތު މިހާރު ވަނީ 12 ގަޑިއިރަށް ކުރުކޮޮށްފިއެވެ. މި އައު އުސޫލުގެ ދަށުން، މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މީހަކު، ސާމްޕަލް ދޭން އަންގާތާ 12 ގަޑިއިރު ތެރޭގައި ސާމްޕަލް ނުދީފިނަމަ، އެއީ ސާމްޕަލް ދޭން ދެކޮޅުހެދީ ކަމުގައި ބެލެވޭނެއެވެ.

މިއީ ކުރިން އޮތް މުއްދަތަށްވުރެ ކުރު މުއްދަތެކެވެ. މީގެ އިތުރުން، ސާމްޕަލް ނެގުމަށް މީހުންނަށް އަންގާނެ ގޮތާއި، ސާމްޕަލް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެ ތަކެތި ލެބޯޓްރީތަކަށް ފޮނުވުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ވެސް މި ގަވާއިދުގައި ހިމަނާފައިވެއެވެ.

ގާނޫނާ ހިލާފު މުދާ ނުވަތަ މަސްތުވާތަކެތި ފަދަ ތަކެތި ރާއްޖެ އެތެރެވާއިރު، އެ ތަކެތި އަތުލައިގަތުމުގެ ބަދަލުގައި، އެ ތަކެތި ހޯދަން އުޅޭ މީހުން ހާމަކޮށް ކުށުގެ ވިއުގަ ބަލައި ފިޔަވަޅު އެޅުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ސިއްރިއްޔާތުގައި ކުރިއަށް ގެންދާ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތަކާ ގުޅޭ އައު އުސޫލުތަކެއް ވެސް ގަވައިދުގައިވެއެވެ.

އެފަދަ ކޮންމެ އޮޕަރޭޝަނެއް ހިންގޭނީ ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ފުލުހުންގެ އިސް އޮފިސަރެއްގެ ހާއްސަ ހުއްދައެއް ލިބިގެން ކަމަށެވެ. އަދި މިފަދަ އޮޕަރޭޝަންތަކުގެ ރެކޯޑުތައް ބެލެހެއްޓުމާއި، ރިޕޯޓުތައް ތައްޔާރުކުރުން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ.

ކޮންމެ އޮޕަރޭޝަނަކަށް ވެސް ވަކިވަކިން ހުއްދަ ހޯދަންޖެހޭއިރު، އެ ހުއްދަ ދިނުމުގައި މައްސަލައިގެ ތަފުސީލަށާއި، އޮޕަރޭޝަން ހިންގުމުގެ މުހިންމުކަމަށާއި، ބައިވެރިވާ އޮފިސަރުންނާއި، ސަލާމަތީ ކަންކަމުގެ އިތުރުން ތަހުގީގަށް ލިބޭނެ ކުރިއެރުމަށް ރިއާޔަތްކުރަންޖެހެއެވެ.

އޭގެ އިތުރުން އެފަދަ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ބަދަލުގައި އެހެން އެއްޗެއް (ސަބްސްޓިއުޓެއް) ބޭނުންކުރުމާއި، ކަމާގުޅުންހުރި އެހެން ފަރާތްތަކުގެ ބައިވެރިވުން ހޯދުމާއި، އޮޕަރޭޝަން ކުރިއަށް ގެންދިއުން ނުވަތަ މެދުކަނޑާލުމުގެ އިތުރުން، އޮޕަރޭޝަން ނިމުމުން އެކަމުގެ މައުލޫމާތު ހުށަހަޅާނެ ގޮތްތައް ވެސް ވަނީ ބަޔާންކޮށްފައެވެ.

މި ގަވާއިދުގައިވާ ގޮތުން، ފުލުހުންގެ ފޮރެންސިކް ލެބޯޓްރީ ނޫން އެހެން ލެބޯޓްރީއަކުން ސާމްޕަލް ތަޙުލީލުކުރުމަށް އެދުމުގެ ފުރުސަތު ވެސް ކަމާގުޅޭ ފަރާތްތަކަށް ލިބިގެންވެއެވެ. މިއީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށާއި، ތަހުގީގުތައް އިތުރަށް ހަރުދަނާކޮށް ނަތީޖާ ނެރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: