ވަޒީފާގެ ބިރުދެއްކުމާއި މީހުން ވަޒީފާއިން ވަކިކުރާ މައްސަލައިގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ސުވާލުކުރުމަށް މުލިއާގެ ދޮށަށް އެންމެން އެކުގައި ދާންޖެހޭ ކަމަށް އެމްޑީޕީގެ ޗެެާޕާސަން ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ސަންގު ޓީވީން ގެނެސްދިން ”ހެލޯ އަންނި“ ޝޯގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، އަމިއްލަ މީހާގެ ފިކުރާއި ފަލްސަފާ އަނބުރާލުމަށް ވަޒީފާގެ ބިރުވެރިކަން ދެއްކުމަކީ ގާނޫނުއަސާސީ ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެއްވެސް ވަރަކަށް ގާނޫނާއި އާންމު އުސޫލުތަކުން ބެލިޔަސް ހުއްދަ ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ވަޒީފާގެ ބިރުދެއްކުމާ ދެކޮޅަށް މިއަދު އެންމެން އިހުތިޖާދަށް ނިކުންނަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހުވަދު އަތޮޅުން ބައެއް މީހުން ވަޒީފާއިން ވަކިކޮށްފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެމީހުންގެ ހައްގުގައި އަޑުއުފުލަން ޖެހޭ ކަމަށެވެ.
”އަޅުގަނޑަށް ހީވަނީ ރައީސް ޑރ. މުއިއްޒު އުޅުއްވަނީ މުލިއާގޭގައިހެން، ކަޑަގޮވަމުން ގެންދަވާ ކަމަށްވަނީނަމަ އަޅުގަނޑުމެންވެސް ގަނޑުކޮށް އެންމެން އެކީގައި އެގޭ ދޮށަށް މަޑުކޮށްލަން ދާން ޖެހިދާނެ ކީއްވެތޯ ތިޔަހެން ތިޔަ ހައްދަވަނީ އަހާލަން،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް މުއިއްޒުއަކީ ރައްޔިތުންގެ މެދުގައި މަގުބޫލުކަމެއް ނެތް ނާގާބިލު ވެރިއެއްގެ ގޮތުގައި ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ، ރައްޔިތުން މުލިއާގެ ދޮށަށް ގޮސް ސުވާލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރާ މައްސަލައިގައި މާލެއިން ވިއްސަކަށް ހާސް މީހުން އަތޮޅުތެރޭގެ ރަށްރަށަށް ގޮސް، ކަން ހިނގާގޮތް ބެލުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން، ރައީސް ނަޝީދު ވަނީ ވަޒީފާއިން މީހުން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމާ ދެކޮޅަށް ރައްޔިތުން ތެދުވަންޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

