ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރެޑިޓް ކާޑުތަކުން އިތުރު ފީއެއް ނުނަގާ: ބީއެމްއެލް

ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމުން މިހާރު ނަގަމުންދާ 30 އިންސައްތައިގެ ފީގެ އިތުރަށް 10 އިންސައްތަ އިތުރުކޮށް، ޖުމްލަ 40 އިންސައްތަ ފީގެ ގޮތުގައި ނަގަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ހަބަރުތައް އެ ބޭންކުން ދޮގުކޮށްފިއެވެ.

މީގެ އިތުރުން ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކުން 30 އިންސައްތައިގެ ފީއެއް ނަގާ ކަމަށް ބުނެ ފަތުރާ ވާހަކަތައްވެސް ބޭންކުން ވަނީ ދޮގުކޮށްފައެވެ.

ބޭންކުން ސާފުކޮށްދީފައިވާ ގޮތުގައި، ރާއްޖެއިން ބޭރުން ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކުރާ ކްރޮސްބޯޑަރ މުޢާމަލާތްތަކުގައި، އެމެރިކާ ޑޮލަރު ނޫން އެހެން ފައިސާއަކުން ކުރާ މުޢާމަލާތެއްނަމަ، ނުވަތަ ދިވެހި ރުފިޔާގެ އެކައުންޓަކުން ނުވަތަ ރުފިޔާ ކްރެޑިޓް ކާޑަކުން ކުރާ މުޢާމަލާތްތަކުން 10 އިންސައްތައާ ހަމައަށް ފީއެއް ނަގައެވެ. މިއީ ބައިނަލްއަގުވާމީ ބޭންކިންގް ނިޒާމުގައި އާންމުކޮށް އަމަލުކުރާ ”އޮޕްޝަނަލް އިޝުއަރ ފީ“ (OIF) އެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން 30 އިންސައްތައިގެ ފީ ނަގަނީ ހަމައެކަނި ކަނޑައެޅިފައިވާ ވަކި ޚާއްޞަ 6 މާރޗަންޓުންނާ އެކު ކުރެވޭ މުއާމަލާތްތަކުންނެވެ. މި ފީ ތައާރަފުކުރީ 1 ޖުލައި 2024 ގައެވެ. ބޭންކުން ބުނީ 10 އިންސައްތައިގެ ފީ އާއި 30 އިންސައްތައިގެ ފީއަކީ އެކުއެކީގައި ނަގާ ދެ ފީއެއް ނޫން ކަމަށާއި، މުއާމަލާތުގެ ބާވަތަށް ބަލައި ނަގާނީ މީގެ ތެރެއިން ކޮންމެވެސް އެއް ފީއެއް ކަމަށެވެ.

ކޮންމެ ދުވަހަކަށް ކަނޑައަޅާފައިވާ ބަޖެޓް ހަމަވުމުން މުއާމަލާތްތައް ފެއިލްވާ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި މަސް ނިމުމުގެ ކުރިން އެކަމަށް ހައްލެއް ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ. ރުފިޔާ ކާޑުން ބޭރުގެ މުއާމަލާތްތައް ކުރުމަށް ބޭންކަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭނުންވާތީ، މިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ބައެއް އީކޮމާސް ސައިޓްތަކަށް ވަނީ ދުވަހު ބަޖެޓެއް ކަނޑައަޅާފައެވެ.

މިދިޔަ ނޮވެމްބަރު 11 ވަނަ ދުވަހުން ފެށިގެން ބީއެމްއެލް އިން ވަނީ ޑެބިޓް ކާޑުތަކުގެ ލިމިޓްތަކަށް ބަދަލު ގެނެސްފައެވެ. މިހާރު ބޭސްފަރުވާއާއި ދަތުރުފަތުރަށް މަހަކު 3,000 ޑޮލަރާ ހަމައަށް ބޭނުންކުރެވެއެވެ. އަދި އޮންލައިން ވިޔަފާރިތަކަށް 250 ޑޮލަރާއި، އޭޓީއެމް އިން ފައިސާ ނެގުމަށް 150 ޑޮލަރު ބޭނުންކުރެވޭނެއެވެ. މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ބޭންކުން ވަނީ ޖުމްލަ 345 މިލިއަން ޑޮލަރު ވިއްކާފައެވެ.

ބޭންކުން އިތުރަށް ފާހަގަކުރި ގޮތުގައި، ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކާ އަޅާބަލާއިރު ރުފިޔާ ކާޑުން ބޭރުގެ މުއާމަލާތްތައް ކުރުމަށް އެންމެ ބޮޑު ލިމިޓެއް ދެނީ ބީއެމްއެލް އިންނެވެ. ޑޮލަރުން މުއާމަލާތް ކުރަން ބޭނުންވާ ފަރާތްތަކަށް އެއްވެސް ލިމިޓެއް ނެތް ޑޮލަރު ކާޑު ބޭނުންކުރުމަކީ މިވަގުތަށް އޮތް އެންމެ ފަސޭހަ ހައްލު ކަމަށް ބޭންކުން ލަފާދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: